ރާއްޖެ ކުޅިވަރު

ކިޗީ ކޯޗަށް އެންމެ ބޮޑު މައްސަލައަކީ ރާއްޖެ ހޫނުގަދަވުން

އޭއެފްސީ ކަޕުގައި މިއަދު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭއިރު އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ހޫނުގަދަވުން ކަމަށް ހޮންކޮންގެ ކިޗީގެ ކޯޗު ޗޫ ވޫ ސޯ ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ މިދުވަސްވަރަކީ ރާއްޖެ އަށް ކުރިއަށްވުރެ ހޫނު ދުވަސްވަރަކަށްވުމުން އެކަމަށް ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.

"އެއީ އަހަރުމެންނަށް ވަރަށް ބޮޑު ގެއްލުމެއް. އަހަރުމެން އާއްމުކޮށް މެޗު ކުޅެނީ ރޭގަނޑު ފިނީވީމަ. ދެން އަހަރުމެން ޓީމުގައި އެބަތިބި ކުރިން މި ދަނޑުގައި ކުޅެފައިތިބި ފަސް ކުޅުންތެރިން. އެއީ ވަރަށް ބޮށު ހިތްހަމަޖެހުމެއް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ނިއު އަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފިނަމަ އޭނާގެ ޓީމު މޮޅުވާނެކަން ވަރަށް ބޮޑަށް ޔަގީން ކަމަށެވެ.

"އަހަރުމެން ބޯޅަ ކޮންޓްރޯލްކޮށް މެޗުގެ ކޮންޓްރޯލް ހޯދައިފިނަމަ ތިން ޕޮއިންޓް ލިބޭނެ. އަހަރުމެން ނިއުގެ ކުޅުން ވަރަށް ބޮޑަށް ދިރާސާކުރިން. އެމީހުން ކުޅެނީ ވަރަށް ޑިފެންސިވްކޮށް. އޭގެ ސަބަބުން އަހަރުމެންނަށް ލިބޭނެ އެޑްވާންޓޭޖްތަކެއް އެބަހުރި،" ކޯޗު ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅުނުއިރު ނިއު އޮތީ ދެ ޕޮއިންޓާއެކު ގްރޫޕް އެފްގެ ފުލުގަ އެވެ. ކިޗީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓާއެކު ތިން ވަނަ އެވެ. މި މެޗުން ބަލިވާ ޓީމަކަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ.