ރާއްޖެ ކުޅިވަރު

އެޑްވާންޓޭޖް އޮތަސް ނިއު އަށް މެޗު އުނދަގޫވާނެ: ސްޓޮއިކޯފް

އޭއެފްސީ ކަޕުގައި މިއަދު ހޮންކޮންގެ ކިޗީއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ އެޑްވާންޓޭޖް އޮތަސް ނިއުރޭޑިއަންޓަށް މެޗު އުނދަގުވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ މެޗު އުނދަގޫވާނީ ކިޗީއާއެކު ހޮންކޮންގައި ކުޅުނު މެޗުގައި އެ ޓީމުގައި ނުކުޅެތިބި ދެ ކުޅުންތެރިއަކު މި މެޗުގައި ކުޅޭނެތީ ކަމަށެވެ.

"އަހަރުމެން މިތިބީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އެކަމަކު އަހަންނަށް ހީވަނީ ކުރީ މެޗަށްވުރެ މި މެޗު އުނދަގޫވާނެހެން. އެއީ (ކުރީގެ މެޗުގައި ނުކުޅޭ) އެ ދެކުޅުންތެރިން މި މެޗުގައި ކުޅޭތީވެ،" ކޯޗު ބުންޏެވެ.

ސްޓޮއިކޯފް އަދި ބުނީ އަމިއްލަ ދަނޑުގައި ކުޅުމަކީ ނިއު އަށް އެޑްވާންޓޭޖެއް ކަމަށާއި އޭގެ އިތުރުން ސަޕޯޓަރުންގެ ސަބަބުން އެޑްވާންޓޭޖް އިތުރުކޮށްދޭނެ ކަމަށެވެ.

"ފުޓްބޯޅަ އަކީ ލަފާކުރަން އުނދަގޫ ކުޅިވަރެއް. ބަލަން ތިބެންޖެހޭނީ ކިހިނެތްތޯ ވާނީ. އަހަރުމެން މަސައްކަތް ކުރާނަން،" އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް 2005 ވަނަ އަހަރު ނިއު ގެންގޮސްދިން ކޯޗު ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅުނުއިރު ނިއު އޮތީ ދެ ޕޮއިންޓާއެކު ގްރޫޕް އެފްގެ ފުލުގަ އެވެ. ކިޗީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓާއެކު ތިން ވަނަ އެވެ. މި މެޗުން ބަލިވާ ޓީމަކަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ.