ލައިފްސްޓައިލް

ކަޅު ލައްޖެހި ދޮންކެޔޮ ނުކައި ދޫކޮށް ނުލާތި!

ދޮންކޭލަކީ ވަރަށް ފަސޭހައިން ލިބޭ ކެއުމުގައި ގިނައިން ބޭނުންކުރާ އެއްޗެކެވެ. އަދި ރާއްޖޭގައި ވަރަށް ގިނަ ވެސް އެއްޗެކެވެ. ބޮޑެތި ސުޕަމާޓުތަކުން ފެށިގެން މާރުކޭޓު އަދި ކަންމަތީ ފިހާރަތަކުގައިވެސް ގިނަވެފައި އޮންނަ އެއްޗަކީ މިއެވެ. އެންމެންގެވެސް ފޭވަރިޓެކެވެ. ފަސޭހައިން ލިބޭތީ އާއި އަހަރުމެންގެ ފޮނިކަމުން އާދަވެ ދޮންކެޔޮ ކާނީވެސް ބޭރު ތޮށިގަނޑަށް ބަލާފައި ރީތިއްޔާ އެވެ. ކިރިޔާ ކަޅު ލަފެއް އިނަސް ބާކީކޮށްފައި އެއްލައިލަނީ އެވެ.

މައްސަލަ އުފެދެނީ މިހިސާބުންނެވެ. އެންމެ ބޭނުންތެރި އެއްޗެހި ނުކައި އެއްލައިލެވެނީ އެވެ. ޖަޕާނުގައި ވަރަށް ފަހުން ހެދި ދިރާސާއަކުން މިކަން ވަނީ ދައްކާފަ އެވެ. އެމީހުން ވަނީ ދޮންގޭލުގެ ތޮށީގައި ހުންނަ ލައްތަކުން ހަށިގަނޑަށް ލިބޭ އެތައް ފައިދާތަކެއް ހޯދާފަ އެވެ.

ކެންސަރުން ދުރުވޭ

މިހެން ބުނީމަ ހިސާބަކަށް މީހުންގެ ގާތަށް ހިނިވެސް އައިސްދާނެ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކޮންމެ ދުވަހަކުވެސް މިވެނި އެވެނި އެއްޗެއް ކެއީމާ ކެންސަރާ ދުރުވެޔޭ ކެންސަރެއް ނުޖެހެޔޭ ބުނާ ލިޔުންތައް ހުރެ އެވެ. އެހެންވެ އެއީ ހަގީތަތެއް ކަމާމެދު ޝައްކު އުފެދެނީ އެވެ.

އެކަމަކު މިފަހަރު ގަބޫލުކުރާށެވެ. ދޮންކޭލުގެ ވާހަކަ މިބުނަނީ ސައިންސްވެރިންގެ ދިރާސާތަކަށް ބަލައިގެނެވެ. އެމީހުންވަނީ ކަޅު ލައް ޖެހި ދޮންކޭލުން ޓިއުމާ ނެކްރޯސިސް ފެކްޓާ (ޓީއެންއެފް) ނަމަކަށް ކިޔާ މާއްދާއެއް ހޯދާފަ އެވެ. މި މާއްދާއަކީ ކެންސަރު ޖައްސާ ޓިއުމަރުތައް ހަލާކުކޮށްލާ މާއްދާ އެކެވެ. އެހެން ވީމާ މިއީ ނުކައި ދޫކޮށްލައިގެން ވާނެ އެއްޗެއް ނޫނެވެ. ކެންސަރު މިދަނީ ދުވަހެއް ދުވަހަކަށް ރާއްޖޭގައިވެސް އިތުރަށް ފެތުރެމުންނެވެ.

ބައެއް ފަހަރު ހަށިގަނޑުގެ އެކި ތަންތަނުން ދިލަ ނަގަން މެދުވެރިވެ އެވެ. އެހެން އެވަނީ ރަނގަޅަށް ކާއެއްޗެހި ހަޖަމު ނުވާތީ އެވެ. ލައްޖެހި ދޮންކެޔޮ ކާންވީ މިހެންވީމަ އެވެ. އޭގައި ހުންނަ އެންޓިއެސިޑްގެ މާއްދާއަކުން ކާއެއްޗެހި ހަޖަމްކުރަން އެހީތެރިވެދެ އެވެ. ކާއެއްޗެހި ހަޖަމް ކުރަން ފަސޭހަކޮށްދީ ދިލަ ނެގުމުން ދުރުކޮށްދެ އެވެ. ހަށިގަނޑަށް ލުއިކަމެއް ލިއްބައިދެ އެވެ. ފައިބާގެ މިންވަރު ގިނަވުމުން ފާހަނައަށް ނުދެވުމުގެ މައްސަލައަށްވެސް ހައްލު ލިބުނީ އެވެ.

ލޭގެ ޕްރެޝަރުވެސް ކޮންޓްރޯލްކޮށްލާ

ލޭގެ ޕްރެޝަރަކީ ކޮންޓްރޯލް ކުރެވިފައި ހުންނަ އެއްޗަކަށް ވާންޖެހެ އެވެ. އެހެން ނޫނީ އުމުރު ހުސްވަންދެން އުޅެން ޖެހޭނީ ޑޮކްޓަރީ ބޭސްތަކެއްގެ އަޅަކަށްވެ އެކަމުން މިންޖު ނުވެވިގެންނެވެ. މިކަމަށް ލޭގައި ޕޮޓޭޝިއަމް ހުންނަ މިންވަރު އިތުރު ކުރަން ޖެހެއެވެ. މިކަމަށް ހަމަ އެންމެ ރަނގަޅު ފަރުވާއަކީ ލައްޖަހާފައި ހުންނަ ދޮންކޭލެވެ. އޭގައި ހުންނަ ޕޮޓޭޝިއަމާއި ލޮނު ހުންނަ މިންވަރު މަދުވުމުން ލޭގެ ޕްރެޝަރުކޮށް ހިފާއްޓާލަދެ އެވެ.

ދެން މިއޮތީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ޕޮއިންޓެކެވެ. ޑިޕްރެޝަންގެ މައްސަލަ އެވެ. ތިހުންނަނީ ވިސްނާ ވިސްނާ މީހާގެ ސިކުނޑި ދުޅަވާވަރުވެފަ އެވެ. ޑިޕްރެޝަންގެ އަޅަކަށްވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. އަދި ޑޮކްޓަރަކަށް ދައްކައިގެން ބޭސްތަކެއް ކާކަށްވެސް ބޭނުމެއް ނުވާނެ އެވެ. އެހެންވީމަ ލައްޖެހި ދޮންކޭލަށްވުރެ ވަކި ރަނގަޅު ހެއްޔެވެ؟ އޭގައި ހިމެނޭ އެމިނޯ އެސިޑްގެ ސަބަބުން މީހާގެ ސްޓްރެސް ފިލުވާލާ ހަމަ ނިދި ލިބުމަށް އެހީތެރިވެދެ އެވެ.

އަދި ހަށިގަނޑުގައި ވަރުޖައްސާ ގައިގެ ބާރުގަދަކޮށްދެ އެވެ. ގިނަ އަދަދަކަށް އަޔަން އެކުލެވޭތީ އެނީމިއާ އިން ދުރުވެ ލޭގައި ރެޑް ސެލް އިތުރުކޮށްދެ އެވެ. ރެޑް ސެލް އިތުރުވުމަކީ ލޭގައި އޮކްސިޖަން ދައުރުކުރާ މިންވަރު އަދި ނިއުޓްރިޝަން ދައުރުކުރާ މިންވަރު އިތުރުކޮށްދެ އެވެ. އެހެން ވީމަ މިހާރު ލައް ޖެހި ދޮންކެޔޮ އިޒް ލަވް، އަދި ލައިފް އޭ ނުބުނެވޭނެ ހެއްޔެވެ؟ މިއަށް ނޫނެކޭ ބުނެވޭނެ ސަބަބެއް ނެތެވެ.