ހަބަރު

ނާޒިމްގެ އަނބިކަނބަލުންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުންގެ ޕާސްޕޯޓް ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމްގެ އަނބިކނބަލުންގެ ޕާސްޕޯޓް ވެސް ހިފަހައްޓަން ޖެހުނީ ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލައެއް ފުލުހުން ބަލަމުން އަންނާތީ ކަމަށެވެ. ފުލުހުން ބަލާ ބައެއް މައްސަލަތަކާ ގުޅުން ހުންނަ މީހުންގެ ޕާސްޕޯޓްތައް މީގެ ކުރިން ވެސް ހިފަހައްޓާފައިވެ އެވެ. އަދި ޑިފެންސް މިނިސްޓަރު ނާޒިމް ބެންކޮކަށް ފުރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިފަހައްޓައިފަ އެވެ.

ފުލުހުން ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ނުފޫޒު ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ހިމެނެ އެވެ. ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ހަތިޔާރުގެ ތެރޭގައި ފިސްތޯލައަކާއި ތިން ވަޒަނާއި އައިއީޑީއެއް ހިމެނެ އެވެ.