ބޮލީވުޑް

ޕްރިޔަންކާ އަށް ޕަދުމާ ޝްރީ އެވޯޑް ލިބިއްޖެ

Apr 12, 2016
2

އިންޑިއާގެ ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އިނާމުތަކުގެ ތެރެއިން ހަތަރު ވަނަ އަށް އެންމެމަތީ އިނާމުކަމަށްވާ ޕަދުމާ ޝްރީ އެވޯޑް، ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ލިބިއްޖެ އެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތެއްގެ ގޮތުން ޕްރިޔަންކާ އަށް މިއެވޯޑު ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އެވެ.

މިސް ވޯލްޑްގެ ލަގަބު ވެސް ހޯދާފައިވާ ޕްރިޔަންކާގެ ކާމިޔާބީގެ ސިލްސިލާ ފެށިގެން ގޮސްފައިވަނީ 2000 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ލިބުނު ހިސާބުންނެވެ. އޭގެފަހުން ބޮލީވުޑްގައި ޕްރިޔަންކާ ހަރަކާތްތެރި ވަމުން އަންނަތާ މިހާރު ދިހަ އަހަރަށްވުރެން ގިނަ ދުވަސްވެފައިވާއިރު އޭނާ އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ޕްރިޔަންކާ އަންނަނީ ފިޔަޖަހަމުންނެވެ. އެގޮތުން އޭނާ މިހާރު އަންނަނީ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" އާއި ހޮލީވުޑް ފިލްމު "ބޭވޮޗް" ވެސް ކުޅެމުންނެވެ.

ނެޝަނަލް އެވޯޑުވެސް ލިބިފައިވާ ޕްރިޔަންކާ ވަނީ މީގެކުރިން ލިބިފައިވާ އެވޯޑްތަކަށް ވުރެން ޕަދްމާ ޝްރީ މާ ހާއްސަ ކަމަށް ބުނެފަ އެވެ.

ޕްރިޔަންކާގެ އިތުރުން ސުޕަސްޓާ ރަޖްނީކާތް އަށް ވަނީ ޕަދުމާ ވިބޫޝަން އަދި ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރްޒާ އަށް ޕަދްމާ ބުޝަން ލިބިފަ އެވެ.