އެމްއެމްއޭ

ޕެނަމާ ޕޭޕާޒް އާ ގުޅިގެން ރާއްޖެއިން ބަލަންޖެހޭ ކަމެއް އަދި ނެތް: އެމްއެމްއޭ

ދުނިޔޭގެ ބޮޑެތި މުއްސަދިން ފައިސާ ފޮރުވައި ޓެކްސްއަށް މަކަރު ހެދިކަން ފަޅާއަރުވާލި "ޕެނަމާޕޭޕާޒް" އާ ގުޅިގެން ރާއްޖެއިން ބަލަން ޖެހޭ ފަދަ މައްސަލައެއް އަދި ފެންމަތިވެފައި ނެތް ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

ޕެނަމާ ޕޭޕާޒްއާ ގުޅިގެން އެކި ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ތަހުގީގުތައް ފަށައިފަ އެވެ.

އޮފް ޝޯ އެކައުންޓުތައް ނުވަތަ ގައުމުން ބޭރުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން، ލާރި ފޮރުވައި ހިޔާނާތާއި ފަސާދައިގެ ވަޅުގަނޑެއްގައި ފިލައި ތިބި ދުނިޔޭގެ ނަން މަޝްހޫރު ތަރިންނާއި، އެކި ގައުމުތަކުގެ އިސްވެރިން އަދި ކުރީގެ ލީޑަރުންގެ ސިއްރުތައް ފަޅައި އަރުވާލި ޕެނަމާ ޕޭޕާޒްގައިވާ ގޮތުގައި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވެސް ޕެނަމާގެ އޮފްޝޯ ލޯ ފާމް، މޯސެކް ފޮންސޭކާ މެދުވެރިކޮށް އުފެއްދި ކުންފުނިތަކަކުން ވަނީ ފައިސާގެ މުއާމަލާތްތަކެއް ކޮށްފަ އެވެ.

އެކަމާއި ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ޕެނަމާ ޕޭޕާޒްއާ ބެހޭ މައުލޫމާތުތައް އެމްއެމްއޭއަށް އަދި އެނގިފައި ނެތް ކަމަށެވެ. އޭގެތެރޭގައި ދިވެހި ވިޔަފާރިވެރިޔެއްގެ ނަން އޮތް ކަން ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން ޕެނަމާޕޭޕާޒް އިން ފެންމަތިވި މައުލޫމާތަކާ ގުޅިގެން އަދި ރާއްޖެއިން ބަލަން ޖެހޭ ކަމެއް ފާހަގަވެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕެނަމާ ޕޭޕާޒްގެ މައްސަލަ އަޅުގަނޑުމެންނެއް ނުބަލަން. އޭއާ ބެހޭ މައުލޫމާތުތައް އަޅުގަނޑުމެންނަށް އެގިފައެއް ނުވޭ. އަދި އޭގައި ޖަނާހުގެ ނަން ހިމެނޭ ކަމެއްވެސް އެނގިފައި ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްއޭއިން މިހެން ބުނެފައިވާ އިރު ޕެނަމާ ޕޭޕާޒް އިން ބުނާ ގޮތުގައި ޖަނާގެ ނަމުގައި ބްރިޓިޝް ވާޖިން، އައިލެންޑް ގައި 2007 ގައި ރަޖިސްޓްރީ ކޮށްފައިވާ އޯޝަން ވައިޑް ކޮމްޕެނީ ޕްރޮޖެކްޓްސް އާއި އަޒޫރައިޓް އޯވަސީޒް ޓްރޭޑިންގް ލިމިޓެޑް އަކީ ޕެނަމާ މެދުވެރިކޮށް ވަގު ވިޔަފާރިތަކަށް މަގު ފަހިކޮށްދެމުން އަންނަ މޯސެކް ފޮންސެކާގެ ކްލަޔަންޓް ދެ ކުންފުންޏެވެ. ޖަނާ ވެސް ވަނީ އެއީ އޭނާގެ ދެ ކުންފުނި ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެހެން ނަަމަވެސް ޖަނާ ވިދާޅުވަނީ އެއްވެސް ނާޖާއިޒު މުއާމަލާތެއް އެ ކުންފުނިތައް މެދުވެރިކޮށް ހިންގާފައި ނުވާނެ ކަމަށެވެ. އަދި މޯސެކް ފޮންސޭކާ އާ އެކު މުއާމަލާތް ނުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.