ހަ އަހަރަށް ވުރެން ގިނަ ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވެފައިވާ ކަމުގެ އަޑުތައް އަރާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު މިދެތަރިން އެކުގައި އުޅުނު ގެއިން ވެސް ރުޅިވިފަހުން ރަންބީރު ނިކުމެގެން ގޮސްފައިވާއިރު، ކެޓްރީނާ ވެސް މިހާރު ވަނީ އެހެން ގެއަކަށް ބަދަލުވެފަ އެވެ.
ރަންބީރާއި ކެޓްރީނާ ރުޅިވި ސަބަބު އަދި މިހާތަނަށް ވެސް ހަމާކޮށްފައި ނުވިޔަސް، މިދެތަރިން ރުޅިވެފައިވާކަން ޔަގީނެވެ. އަދި ރުޅިވެފައިވާ ކަން ސިއްރުކުރާކަށް ވެސް މި ދެތަރިން މަސައްކަތެއް ނުކުރެ އެވެ.
އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރަންބީރުގެ އާއިލާ އެންމެން ހިމެނޭ ގޮތަށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕުން ކެޓްރީނާ ވަނީ މިހާރު ބޭރުކޮށްލާފަ އެވެ. އަދި ކެޓްރީނާ އެގްރޫޕުން ބޭރުކޮށްލާފައިވަނީ ރަންބީރުގެ ބޮޑުދައިތަ ރިތޫ ނަންދާ އެވެ. މީގެކުރިން މިގްރޫޕުގައި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުވެސް ނުހުންނަ ކަމަށްވެ އެވެ. ނަމަވެސް ކެޓްރީނާ މިގްރޫޕުން ބޭރުކުރިފަހުން ރިޝީ ވެސް ވަނީ އާއިލާގެ އެހެން މެމްބަރުންނާއެކު މިގްރޫޕުގައި ބައިވެރިވެފަ އެވެ.
މީގެކުރިން ވެސް ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރުވެސް އޭނާގެ އާއިލާ މީހުންނާއި ކެޓްރީނާ ދެމެދުގައި ގުޅުމެއް ނޯންނަ ކަމަށްވެ އެވެ. އެގޮތުން ރަންބީރުގެ މައިންބަފައިން އޭނާ، ކެޓްރީނާއާ ގުޅޭކަށް ގަބޫލުނޫން ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.
މީގެއިތުރުންވެސް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަންބީރާއި ކެޓްރީނާ ވަކިން ދިރިއުޅެން ވެގެން، ރަންބީރު އޭނާގެ މައިންބަފައިންގެ ގެއިން ނިކުމެގެން ދިއުންވީ ވަރަށް ހިތްދަތިވި ކަމެއް ކަމަށް ރިޝީ ވަނީ ބުނެފަ އެވެ. އަދި އޭނާ ވަނީ ރަންބީރު އަނބުރާ ގެއަށް ގެނައުމަަށް، އެމީހުން ދިރިއުޅެމުން އަންނަ ގޭގައި ވަކިން ގެއެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.
މިދެތަރިންގެ ލޯބީގެ ގުޅުމުގެ ސިއްކަ ޖެހި ވާހަކަތައް ދެކެވެން ފެށުނީ މިއަހަރުގެ ތެރޭގައި ނުވަތަ އަންނަ އަހަރުގެ ތެރޭގައި ކައިވެނިކުރަން ނިންމާފައިވާ ކަމުގެ ވާހަކަތަކެއް ވެސް ދެކެވެމުން ދަނިކޮށެވެ.