ނޫސްވެރިން

ރާއްޖެ ޓީވީގެ އިތުރު ނޫސްވެރިއެއްގެ މައްޗަށް ދައުވާ އުފުލައިފި

ރާއްޖެ ޓީވީ ވީޑިއޯ ޖާނަލިސްޓް އާދަމް ޒަރީރުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި އެވެ. ޒަރީރުގެ މައްޗަށް އުފުލާފައިވަނީ، ފުލުހެއްގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

ޒަރީރު މައްޗަށް ދައުވާ ކޮށްފައިމިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން ހިނގާދިޔަ ކަމެއްގެ ސަބަބުންނެވެ. އޭނާ ވަނީ އެ މައްސަލާގައި ހައްޔަރު ވެސް ކޮށްފަ އެވެ. ޒަރީރު ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.

މި މައްސަލާގައި ޒަރީރުގެ އިތުރުން އެ ޓީވީގެ ޖާނަލިސްޓް މުހައްމަދު ވިޝާމްގެ މައްޗަށް ވެސް ދައުވާ ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް ވެސް އުފުލާފައިވަނީ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އެވެ.

ވިޝާމްގެ މައްޗަށް އިތުރު ދައުވާއެއް ވެސް އުފުލާފައިވެ އެވެ. މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގާ ދިޔަ ކަމެއްގެ ސަބަބުންނެވެ. މި މައްސަލާގައި ވިޝާމްގެ މައްޗަށް އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. ހަމަ މި މައްސަލާގައި މި ދައުވާ އެ ޓީވީގެ ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނަސީރުގެ މައްޗަށް ވެސް ވަނީ އުފުލާފަ އެވެ.

ވިޝާމާއި ލީވާންގެ އިތުރުން ދެން މި މައްސަލާގައި ދައުވާކޮށްފައިވަނީ ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ހުސެއިން ފިޔާޒް މޫސާގެ މައްޗަށެވެ. ފިޔާޒްގެ މައްޗަށް އުފުލާފައިވަނީ ފުލުހަކަށް ހަމަލާދިން ކަމުގެ ދައުވާ އެވެ.