ރާއްޖެ ކުޅިވަރު

ސީރިއާ އާއި ސާބިއާގެ ދެ ކުޅުންތެރިންނާއި ރަފީނިއާ ޔުނައިޓެޑް ވިކްޓަރީ އަށް

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ ވަރުގަދަ ކުރަން ސީރިއާ އާއި ސާބިއާގެ ދެ ކުޅުންތެރިންނާއި ނިއު އާއި ޓީސީ އަށް ކުޅުނު ބްރެޒިލްގެ ފޯވަޑް ރަފީނިއާ ގެނެސްފި އެވެ.

ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ޓީމު ވަރުގަދަ ކުރުމަށް ގެނެސްފައިވަނީ ސީރިއާގެ ގޯލްކީޕަރަކާއި ސާބިއާގެ ޑިފެންޑަރެއް ކަމަށެވެ. އަދި މި ދެ ކުޅުންތެރިން މިހާތަނަށް ޕްރެކްޓިހުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

"މިހާތަނަށް ވަރަށް ރަނގަޅު ދެ ކުޅުންތެރިން ވެސް. ހިތްހަމަޖެހޭ. ދެން ވާދަވެރި މެޗެއް ކުޅެލީމަ ބޮޑަށް އެނގޭނީ. އެމީހުން ގޯސްވާނެހެން ހިޔެއްނުވޭ،" އާތިފް ބުންޏެވެ.

މީގެ އިތުރުން އެ ޓީމަށް ވަނީ ކްރޮއޭޝިޔާ ކުޅުންތެރިއަކު ވެސް ގެނެސްފަ އެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިން މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެބަތިއްނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ހުސައިން ޝުއައިބު އާއި ހުސައިން ޝިމާޒް (ކޮކީ) އާއި އަލީ ނަވާއު (ޗިލް) ހިމެނެ އެވެ. ނިއު އާއި ޓީސީ އަދި ވިކްޓަރީ އަށް ކުޅުނު އިބްރާހީމް ޝަފްރާޒް ވެސް ހުރީ ޔުނައިޓެޑް ވިކްޓަރީގަ އެވެ.

ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު އެ ޓީމު ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.