ވިޔަފާރި

އައިއޭއެސްއަށް 16 އަހަރު: އަމާޒު އުހަށް!

Apr 13, 2016
4
  • ހަ މަންޒިލަކަށް ދަތުރުކުރޭ
  • ހަފުތާއަކު 1،000 ޓޫރިސްޓުން ރާއްޖެ ގެނޭ
  • ދަނީ ހިދުމަތް ރަނގަޅު ކުރަމުން

މިއަދަކީ ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ 16 އަހަރީ ދުވަހެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރަމުން ގެންދާ މޯލްޑިވިއަން އެއާލައިންއަކީ މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ "ފިޔަގަނޑު ފުޅާ" އެއް ކުންފުންޏެވެ.

އެއާ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގަމުން ދިޔަ ކުންފުނި އުވުމާއެކު އުފެދުނު، އައިލެންޑް އޭވިއޭޝަނަށް މިވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފަ އެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ދެ އެއާޕޯޓެއް މިހާރު އެ ކުންފުނިން ދަނީ މެނޭޖުކުރަމުންނެވެ. އެގޮތުން އިފުރު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓު ބަލަހައްޓަނީ މޯލްޑިވިއަންއިންނެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ގައުމުތަކަށް ދަނީ ދަތުރުތައް ބާއްވަމުންނެވެ. މިގޮތުން ބަންގްލަދޭޝަންގެ ވެރިރަށް ޑާކާ އާއި އިންޑިއާގެ ޗެންނާއީ އަދި ޗައިނާގެ ފަސް މަންޒިލަކަށް އުދުހެ އެވެ. މި ދަތުރުތައް ވެގެން ދަނީ ކުންފުނީގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭ ކަމަށެވެ. ޗައިނާ އަށް ކުރާ ދަތުރުތަކުގައި އާއްމު ގޮތެއްގައި ހަފުތާއަކު 1،000 ވަރަކަށް ޓޫރިސްޓުން ރާއްޖެ ގެނެ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު މަންފާއެކެވެ.

ގައުމީ އެއާލައިނަށް 16 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ވިޔަފާރި ފުޅާކޮށް ތިން ބާވަތެއްގެ އެއާލައިން އޮޕަރޭޓް ކުރަމުންނެވެ. މިގޮތުން އެއާބަސް ބޯޓާއި އެއާޓެކްސީ އަދި ޑޯނިޔަ ބޯޓު ފަހަރު ކުންފުނިން އޮޕަރޭޓް ކުރަމުންދެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވި ގޮތުގައި ތިން ބާވަތެއްގެ ބޯޓު އޮޕަރޭޓް ކުރުމަކީ ފާހަގަ ކުރެވޭ ކަމެކެވެ.

"ދުނިޔޭގައި ވެސް މަދުވާނެ މިފަދަ އެއާލައިނެއް. ތިން ބާވަތެއްގެ ބޯޓު އޮޕަރޭޓްކުރާ،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަންގައި މިވަގުތު އެއާބަސް މަރުކާގެ ދެ ބޯޓެއް އޮޕަރޭޓް ކުރަމުންދެ އެވެ. މީގެ އިތުރުން ހަ އެއާޓެކްސީ އާއި ޑޯނިޔާ ބޯޓު ފަހަރު ވެސް ދަނީ އޮޕަރޭޓް ކުރަމުންނެވެ. މިގޮތުން މިއަދު މޯލްޑިވިއަންގެ އަމާޒު ހުރީ ބޭރަށެވެ. ކުންފުނީގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ މަތިކުރުމެވެ.