އިންޑިއާ

އިންޑިއާ ސިފައިން ކަޝްމީރުގެ ދެ ޒުވާނުން މަރާލައިިފި

އިންޑިއާގެ ސިފައިންގެ އޮފިސަރަކު ކަޝްމީރުގެ އަންހެންކުއްޖަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނެ އެކަމާއި ދެކޮޅަށް މުޒާހަރަ ކުރި ބައެއްގެ މެދަށް ބަޑި ޖެހުމުގެ ސަބަބުން ކަޝްމީރުގެ ދެ ޒުވާނުން މަރުވެއްޖެ އެވެ.

އިންޑިއާގެ ސިފައިން މަރާލާފައި ވަނީ ނަޢީމް އަހްމަދްއާއި މުހަންމަދް އިޤްބާލް ކިޔާ ޒުވާން ދެ ފިރިހެން ކުދިންނެވެ. ދެ ޒުވާން ކުދިން މަރާލާފައިވަނީ އިންޑިއާގެ ސިފައިންގެ އޮފިސަރަކު، ކަޝްމީރުގެ އަންހެން ކުއްޖަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނެ، އެ ސަރަހައްދުގެ އާންމުން ވެގެން ކުރި މުޒާހަރާއެއްގަ އެވެ.

މުޒާހަރާ ފެށުނީ މަދު ބަޔަކާއި އެކީގަ އެވެ. ނަމަވެސް މުޒާހަރާގެ މަގްސަދު އެނގުމުން، ގިނަ މީހުން މުޒާހަރާގައި ބައިވެރިވާންދިޔަ އެވެ. އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު އޮފިސަރު ހައްޔަރުކޮށް، ހަވަރަށް ދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މި ދެ ޒުވާނުން މަރާލުމާއި ގުޅިގެން ކަޝްމީރުގެ އެތަކެއް ރައްޔިތުންނެއް ވަނީ މަގުމައްޗަށް ނިކުމެ ހަޅުތާލުކޮށް ހަމަނުޖެހުން އުފައްދާފައެވެ. ހަޅުތާލު ކުރި މީހުންވަނީ ގާ އުކައި މިނިވަން ކުރަން ގޮވާލައި މަގުމަތީގައި އަޑުގަދަކޮށްފައެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، ދެ ޒުވާނުން މަރާލި ފަހުންވެސް، ސިފައިންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ކުރިމަތިލުން ތަކެއް ހިނގިއެވެ. ފުލުހުންވަނީ ނޫސްވެރިންނަށް މައުލޫމަތު ދީ ދެ ޒުވާނުން މަރުވި ކަމަށް ކަށަވަރުކޮށްދީފައެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން، އެ ސަރަހައްދާއި ހަވާލުވެ ތިބި އިންޑިއާގެ ސިފައިންގެ ފެކްޝަނުންވަނީ ދެ ޒުވާނުން މަރުވި މައްސަލައަކީ ހިތާމަވެރި ކަމެއް ކަމަށް ބުނެ، ތަހްގީގެއް ހިންގާނެ ކަމަށް ބުނެފަ އެވެ.