ބޮލީވުޑް

ސަލްމާންގެ ހިތް އަތުލި ސުޒީ އަށް "ސުލްތާން"އިން ރޯލެއް

Apr 13, 2016

މިދިޔަ އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު، "ބަޖްރަންގީ ބައިޖާން" ބެލުމަށްފަހު ކުޑަ އަންހެން ކުއްޖަކު ރޮމުން އެ ފިލްމުގެ ލީޑްތަރި ސަލްމާން ޚާން ދެކެ ލޯބިވާ ކަމަށް ބުނާ ވީޑިއޯ ވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް ސަލްމާން ވަނީ އެވީޑިއޯގައި ފެންނަ ސުޒީ ކިޔާ އަންހެން ކުއްޖާ ދެކެވެސް ވަރަށް ލޯބިވާ ކަމަށް ބުނެފަ އެވެ.

ވީޑިއޯ: ސުޒީ "ބަޖްރަންގީ ބައިޖާން" ބަލާފައި ރޮނީ

މިހާރު ސަލްމާން ކުޅެމުން އަންނަ ޔާޝް ރާޖް ފިލްމްސްގެ "ސުލްތާން" ގައި ސަލްމާންގެ އަންހެން ދަރިފުޅުގެ ރޯލު ކުޅުމަށް ސުޒީއަށް ވަނީ ހުށަހެޅުމެއް ލިބިފަ އެވެ.

އެންމެފުރަތަމަ ސުޒީ ކުޅެނީ އަނުޝްކާ ޝަރްމާ ކުޑައިރުގެ ރޯލު ކަމަށް ވެސް ވަނީ އަޑުއަރާފަ އެވެ. ނަމަވެސް ފަހުން މިފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ ސުޒީ ކުޅެނީ ސަލްމާންގެ ދަރިފުޅުގެ ރޯލު ކަމަށާއި އަދި އޭނާ މިފިލްމުގައި ފެނިގެންދާނީ މުހިންމު ރޯލަކުން ކަމަށް ބުނެފަ އެވެ.

ދުބާއީ އަށް ނިސްބަތްވާ ސުޒީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން "ސުލްތާން"ގެ ސެޓުގައި ސަލްމާން އާއި އަނުޝްކާއާ އެކު ނަގާފައިވާ ފޮޓޯތަކަކުން ފެނިފަ އެވެ. ބުނެވޭ ގޮތުގައި މިރޯލަށް ސުޒީ ނެގުމަށް ނިންމާފައިވަނީ ސަލްމާން އެވެ.

މިއަހަރުގެ ކުޑަ އީދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން މިހާރު ވަނީ ނިންމާލާފަ އެވެ. މިހާރު ސަލްމާން އާއި އަނުޝްކާ އަންނަނީ މިފިލްމުގެ ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ދިއްލީގައި ނަގަމުންނެވެ. އަދި އެންމެފަހުގެ ޝެޑިއުލްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ބަލްގޭރިޔާގަ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމު ކުޑަ އީދުގައި ރިލީޒްކުރުމަށް ފިލްމުގެ ޓީމުން އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.