ހަބަރު

އިމްރާންގެ މައްސަލަ އދ.ގެ ވޯކިން ގުރޫޕަށް ހުށަހަޅައިފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓަރީ ޑިޓެންޝަނަށް ހުށަހަޅައިފި އެވެ.

މިއަދު މި މައްސަލަ ވޯކިން ގުރޫޕަށް ހުށަހެޅީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުގެ ފަރާތުންނެވެ.

އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މޭޑޭގައި، ހިނގި ހަމަނުޖެހުންތަކަކީ އިމްރާނު އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެއް ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ. މިރޭ އިއްވި ހުކުމުގައި ބުނެފައިވަނީ، މޭޑޭގައި ހިންގި ހަމަނުޖެހުންތަކާއި އެ ދުވަހު ފުލުހުންނަށް ލިބުނު އަނިޔާތަކަކީ އިމްރާން އަބްދުﷲ އެ ދުވަހު ދެއްކެވި ވާހަކައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ނަފުރަތެއްގެ ސަބަބުން ހިނގި ކަންކަން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

މި ހުކުމް އިމްރާން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިހާތު ހައިކޯޓުގައި މި މައްސަލާގައި އިސްތިއުނާފީ އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ މައްސަލާގެ ހުކުމް އިއްވުމެވެ.

އިމްރާން މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އިމްރާން ގޭބަންދަށް ބަދަލުކުރީ އިމްރާން ހުންނަވާ ޖަލު މަރާމާތުކުރުމަށްޓަކަ އެވެ.