ހަބަރު

ނޫސްވެރިންނަށް ދައުވާކޮށްފައިވަނީ ބޭއިންސާފުން: ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިންނަށް ދައުވާ އުފުލާފައިވަނީ ބޭއިންސާފުން ކަމަށް އެ ޓީވީ ސްޓޭޝަނުން ބުނެފި އެވެ. ރާއްޖެ ޓީވީން ބުނީ، ދައުވާކޮށްފައިވަނީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުންދަނިކޮށް ކަމަށެވެ.

ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް މި މަހުގެ ތެރޭގައި ވަނީ ދައުވާކޮށްފަ އެވެ. އެއީ، އެ ޓީވީ ސްޓޭޝަންގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިޔާ މުހައްމަދު ވިޝާމާއި ސްޕޯޓްސް ޖާނަލިސްޓް ލީވަން އަލީ ނަސީރާއި ވީޑިއޯ ޖާނަލިސްޓް އާދަމް ޒަރީރެވެ.

ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް އެއްވެސް ހަގީގަތެއް އެކުލެވޭ ދައުވާތަކެއް ނޫން ކަމަށެވެ. އަދި އެ ނޫސްވެރިން ހައްޔަރު ކުރި ހާދިސާ ހިނގާފައިވަނީ އެތައް ބަޔެއްގެ ކުރިމަތީގައި ލައިވް ބްރޮޑްކާސްޓް ކަވަރޭޖްގައި ބައިވެރިވެ އާންމުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދެމުން ދަނިކޮށް ކަމަށެވެ.

"ހައްޔަރު ކުރުމުގައި އަދި ފުލުހުންގެ ބަންދުގައި ތިއްބާ އެކިވަރުގެ އަނިޔާ މި ހަތަރު މުވައްޒަފުންނަށް ލިބިފައިވާކަން މެޑިކަލް އެގްޒެމިނޭޝަންތަކާއި ހަވާލާދީ މި ސްޓޭޝަނުން ކުރިން ހާމަކޮށްފައިވީ ނަމަވެސް އެއިން ކަމެއް ބެލުމެއްނެތި ދައުލަތުން އެ ހަތަރު މުވައްޒަފުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމުމަކީ އަނިޔާގެ މައްޗަށް އަނިޔާ ދިނުން ކަމުގައި މިސްޓޭޝަނުން ދެކެމެވެ." ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީން ބުނީ، ނޫސްވެރިންނަށް ކޮށްފައިވާ ދައުވާތަކަކީ ރާއްޖެ ޓީވީއާ މެދު ދައުލަތުގެ މުއައްސަސާތަކުން ގެންގުޅޭ ބޭއިންސާފުން ކަންކަން ކުރުމުގެ ސިޔާސަތުގެ ޗޭނަށް އިތުރުވި ބޮޅެއް ކަމަށާއި ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދަނިކޮށް ހައްޔަރުކޮށް ދައުވާ ކުރުމަކީ ސީދާ ރާއްޖެ ޓީވީއަށް އަމާޒުކޮށް ސަރުކާރުގެ ނުފޫޒް ބޭނުންކޮށްގެން ކުރާ ބޭއިންސާފު އަމަލުތަކެއް ކަމަށެވެ.

ރާއްޖެ ޓީވީން ވަނީ އެ ހަތަރު ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ. އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ތަކުރާރުކޮށް ކުރިމަތިކުރުވަމުން އަންނަ ގޮންޖެހުންތަކާއި ހުރަސްތަކާއި ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެ ޓީވީ ސްޓޭޝަނުން ވަނީ ގޮވާލާފަ އެވެ.