އިންޑިއާ

އިންޑިއާ ކައިރިއަށް އައި ބިންހެލުމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް: މެޓް

އިންޑިއާ އަދި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މި ބިންހެލުން އައިސްފައިވަނީ، 6.9 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 18:55 ގަ އެވެ.

މިޔަންމާ އަދި އިންޑިއާ ގުޅޭ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި ސުނާމީ އެލާޓެއް ވެސް އެއްވެސް ސަރަހައްދަކަށް ނެރެފައެއް ނުވެ އެވެ.

ބިންހެލުމުގެ އަސަރު އިންޑިއާގެ ކޮލްކަޓާއަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކޮލްކަޓާގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން އުސް ސަރަހައްދުތަކަށް ދިޔުމަށް މިހާރު ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮލްކަޓާގެ އިތުރުން ވެސް އިންޑިއާގެ އުތުރާއި އިރުމަތީގެ ބައެއް ހިސާބުތަކަށް ބިންހެލުމުގެ އަސަރު ވަނީ ކޮށްފަ އެވެ. ނިއުދިއްލީއަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިހަފުތާގެ ތެރޭގައި އަފްގާނިސްތާނަށް އައި ބިންހެލުމުގެ އަސަރު ވެސް އިންޑިއާއަށް ކޮށްފައިވެ އެވެ.