ބޮލީވުޑް

ސަލްމާނާއި ރަންބީރު ސުލްހަވޭތޯ ސަންޖޭދަތު މަސައްކަތްކުރަނީ

Apr 14, 2016

ސުޕްސްޓާ ސަލްމާން ޚާން އާއި ސަންޖޭ ދަތަކީ ޒަމާންވީ ގާތް ރަހުމަތްތެރިންނެވެ. ނަމަވެސް ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލު ކުޅުމަށް އެކްޓަރު ރަންބީރު ކަޕޫރު ހަމަޖެއްސި ހިސާބުން ފެށިގެން، ސަންޖޭ އާއި ސަލްމާންގެ ދެމެދުގައި ވަނީ ނުތަނަވަސް ކަމެއް އުފެދިފަ އެވެ. އަދި މިދެތަރިންގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމުގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތަކެއް އަރާފަ އެވެ.

ސަލްމާން އާއި ރަންބީރުގެ ދެމެދުގައި ރުޅިވެރިކަމެއް އުފެދިފައިވަނީ ބަތަލާ ކެޓްރީނާ ކައިފް ސަލްމާނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އޭނާ ދޫކޮށް ރަންބީރާ ރައްޓެހިވުމުންނެވެ.

ސަންޖޭގެ އެކުވެރި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުފައްދާ މިފިލްމުގައި ސަލްމާން ހާއްސަ ފެނިލުމަކުން ފެނިގެންދާނެ ތޯ ސުވާލުކުރުމުން ވަނީ ސަލްމާން ފެނިގެންދިއުމަކީ އޭނާ އެދޭ ގޮތް ކަމަށް ބުނެފަ އެވެ. ނަމަވެސް ސަލްމާން މިފިލްމުން ފެނިގެންދާނެ ކަން ނުވަތަ ނޫންކަން ބުނަން ނޭނގޭ ކަމަށް ވެސް ސަންޖޭ ވަނީ ބުނެފަ އެވެ.

ނޫސްތަކުގައިވާ ގޮތުން ސަލްމާން ވަނީ ސަންޖޭގެ ރޯލު ކުޅުމަށް ރަންބީރަށް ހުށަހެޅިކަން އެނގުމުން ސަންޖޭ ކުރެން ރަންބީރު އެފިލްމު ކުޅެން އޭނާ ބޭނުންނުވާ ކަމަށާއި، ޑައިރެކްޓަރު ހިރާނީއާ ވާހަކަދައްކައިގެން އެރޯލު އެހެން އެކްޓަރަކަށް ހުށަހެޅުމަށް އެދިފަ އެވެ. ސަލްމާންގެ އެދުމަށް ސަންޖޭ، އެހެން އެކްޓަރަކަށް އެ ރޯލު ދިނުމަށް ޑައިރެކްޓަރާ ވާހަކަ ނުދެއްކުމުގެ ސަބަބުން ސަންޖޭދެކެ ސަލްމާން ހިތްހަމަނުޖެހިފައި ހުރި ކަމަށް ނޫސްތައް ބުނެ އެވެ.

އަދި ސަންޖޭ ޖަލުން މިނިވަންވީ ފަހުން އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވުމަށް ދިޔައިރު އެހަފްލާގައި ސަލްމާން ހުރި ނަމަވެސް މިދެތަރިން އެކަކު އަނެކަކާ ވާހަކަދައްކާފައި ނުވާ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި މިފިލްމަކީ ސަންޖޭ ހަޔާތުގައި ދިމާވި މުހިންމު ކަންތައްތައް ފެނިގެންދާނެ ފިލްމަކަށް ވުމުން، އޭނާގެ ހަޔާތުގައި މުހިންމު މީހެއްގެ ގޮތުގައި ބަލާ ސަލްމާންގެ މަންޒަރެއް ކޮންމެހެން ވެސް މިފިލްމުގައި ހިމަނަން ސަންޖޭ ބޭނުންވެ އެވެ.. އަދި ސަންޖޭ މިހާރު ސަލްމާން އާއި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސްވެ އެވެ.

އިތުރަށް މިފިލްމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސަންޖޭ ވަނީ އަދި އޭނާ މިފިލްމުގެ ސްކްރިޕްޓް ނުކިޔާ ކަމަށާއި އުންމީދުކުރަނީ ފިލްމުގެ ސްކްރިޕްޓް ރަނގަޅު ވާނެ ކަމަށެވެ.

މިފިލްމު ޕްރޮޑިއުސްކުރަނީ ވެސް ހިރާނީ އާއި ސަންޖޭ އެވެ. އަދި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ހިރާނީ އާއި އަބިޖާތް ޖޯޝީ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިފިލްމު ރިލީޒްކުރާނެ އެވެ.