ހަބަރު

ގެޓްސެޓް ލޯނަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފް 200 މިލިއަން ރުފިޔާގެ ލޯން ސްކީމް، "ގެޓްސެޓް" ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީ އިން ބުނީ ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ލޯނަށް ކުރިމަތިލުމުގެ ފޯމް ގެޓްސެޓަށް ހާއްސަކޮށްފައިވާ ވެބް ސައިޓްގައި ލިބެން ހުރިއިރު، ފޯމު ހުށަހަޅަން ޖެހޭނީ ޔޫތް މިނިސްޓްރީ އަށާއި އޮލިމްޕަހުގައި ހުރި ގެސްޓްސެޓް އޮފީހަށާއި ޒުވާނުންގެ މަރުކަޒުންނާއި އީމެއިލް މެދުވެރިކޮށް އަދި ޕޯސްޓް އޮފީސް މެދުވެރިކޮށެވެ.

ގެޓްސެޓަށް ހުށަހަޅާ ފޯމް ތަކަށް 48 ގަޑިއިރުގެ ތެރޭގައި މިނިސްޓްރީން ޖަވާބު ދިނުމަށް ވަނީ ނިންމައިފަ އެވެ. މިނިސްޓްރީން ބުނީ 48 ގަޑިއިރު ގުނާނީ އެ ފޯމެއް މިނިސްޓްރީ ލިބޭ ވަގުތުން ފެށިގެން ކަމަށެވެ. ފޯމުތައް އިވެލުއޭޓް ކުރުމަށް މިނިސްޓްރީން ބޯޑެއް އެކުލަވާލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު ދެ ޒުވާނަކު ގުޅިގެން ފޯމު ހުށަހެޅޭ ގޮތަށް އޮންނަ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން، ހަމަޖެހިފައި ވަނީ 300،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ ލޯނެވެ. އެ ލޯނުގެ އިންޓަރެސްޓަށް އެންމެ ބޮޑުކޮށް އަށް ޕަސެންޓް ނަގާއިރު ލޯނު އަނބުރާ ދައްކަން ޖެހެނީ ހަތަރު އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ.