ހަބަރު

ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް ވަކީލުން ހަމަޖައްސަން ފަސް ދުވަސް

ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވާ ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފި އެވެ. މި ދައުވާ އުފުލާފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް އަދި ސްޕޯޓްސް ޖާނަލިސްޓް ލީވަން އަލީ ނަސީރަށެވެ.

މިއަދު ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ ދެ ނޫސްވެރިންގެ މައްޗަށްކުރާ ދައުވާ އިއްވާފަ އެވެ. ދައުވާ އިއްވުމުން ދެ ނޫސްވެރިން ވަނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަށް ދީފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ގާނޫނީ ވަކީލާ ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްނަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފަިއވަނިކޮށް އިސްކަންދަރު ކޮށީ ދެއެއް ކައިރީގައި ތިބި މީހުންތަކެއް ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި މީހެއް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އެމީހާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާ ކަމަށެވެ. ވިޝާމްއަށް ދައުވާކުރަނީ މިހެންވެ އެވެ.

ލީވާންއަށް ދައުވާކުރަނީ، ދައުވާގައިވާ ގޮތުން، ފުލުހުން ހައްޔަރުކުރަން އުޅުނު މީހާގެ ގައިން ނޫސްވެރިޔާ ލީވާން، ކޯޕްރަލް ޝާހީންގެ އަތް ނައްޓާލުމުންނެވެ.

މި ދައުވާއަކީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. ދައުވާއަށް އަދަބު ކަނޑައެޅޭނެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު، 11 ސުންމިނެޓުގަ އެވެ.