ބޮލީވުޑް

"ފޭން": ޝާހްރުކްގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެތަ؟

Apr 14, 2016

ސުޕަސްޓާ ޝާހްރުކް ޚާންގެ މާދަމާ ރިލީޒްވާ ފިލްމު، "ފޭން" އަކީ ސުޕަސްޓާރަކާ އޭނާގެ އެންމެ ބޮޑު ފޭނާ ދެމެދު ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

ޝާހްރުކް ޑަބަލް ރޯލުން ފެނިގެންދާ މިފިލްމަކީ ސުޕަސްޓާރަކާ ހެދި ދީވާނާވެފަ ފޭނަކާ ސުޕަސްޓާރެއްގެ ވާހަކަ އެވެ. އޭނާގެ ފޭން ގަބޫލުކުރާ ގޮތުގައި ފޭނު ދުނިޔޭގައި ހުންނަނީ އޭނާގެ ސުޕަސްޓާއާ ހެދި އެވެ. ސުޕަސްޓާ ނެތްނަމަ ފޭން ނުހުންނާނެ އެވެ. އޭނާ ދިރިހުރެ ނޭވާލަނީ ވެސް މި ސުޕަސްޓާއާ ހެދި އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިކުތް ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ހިތް އަތުލެވޭފަދަ ފިލްމުތަކަށް ރިލީޒްވެފައިވަނީ ދެތިން ފިލްމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މާދަމަ ރިލީޒްކުރާ "ފޭން" އަކީ މިއަހަރުގައި ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒްވާ ފިލްމެވެ. އަދި ޝާހްރުކް ފަދަ މަޝްހޫރު ޚާނެއްގެ ފިލްމަކަށްވެސް ރިލީޒްވާ ފުރަތަމަ ފިލްމެވެ.

މިފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ބެލުންތެރިންގެ ފަރާތުން ލިބިގެން ގޮސްފައިވާ ތަރުހީބަށް ބަލާއިރު މިއީ ޝާހްރުކްގެ ކެރިއަރުގައި ނިކުންނާނެ އެންމެ ކާމިޔާބު ފިލްމަށް ވުން އެކަށީގެންވެ އެވެ. މިފިލްމުގެ ފުރަތަމަ ޓްރެއިލާގައި ޝާހްރުކް ޑަބަލް ރޯލު ކުޅެފައިވާލެއް ފުރިހަމަ ކަމުން، ފޭންގެ ގޮތުގައި ފެނިގެންދަނީ ޝާހްރުކްހެން ހީވެސ ނުވާކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން މިފިލްމުގެ ފުރަތަމަ ދުވަހުގެ ޝޯތަކަށް އެޑްވާންސް ބުކިންސް ހުޅުވާލާފައިވާއިރު، މިހާރު ހަދާފައިވާ ބުކިންސްތަކުން މިފިލްމު މިއަހަރުގެ މިހާތަނަށް ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފިލްމަށް ވާނެ އެވެ.

މިހާރުން ފެށިގެން މިފިލްމުގެ އެޑްވާންސް ބުކިންސް އަށް ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު، ފުރަތަމަ ދުވަހު މިފިލްމަށް 15 ކްރޯޑް (150 މިިލިއަން) ރުޕީޒް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި މިފިލްމަށް މިހާރު ކުރިއަށްދާ އައިޕީއެލްގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. ނަމަވެސް ފުރަތަމަ ދުވަހު މިފިލްމަށް ފާޑުކިޔާ ފަރާތްތަކާއި ބެލުންތެރިންގެ ފަރާތުން ލިބޭ ކޮމެންޓްސް އަށް ބަލައި، ފިލްމަށް ލިބޭ ތަރުހީބު ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.

މީގެއިތުރުންވެސް ބައެއް ފަރާތްތަކުން އަންނަނީ "ފޭން" އަކީ ޝާހްރުކްގެ 25 އަހަރުގެ ކެރިއަރުގައި ކުޅެފައިވާ އެންމެ ބޮޑު ހިޓް ފިލްމަށް ވެގެން ހިނގައިދާނެ ކަމަށް ބުނެފަ އެވެ. އަދި މީގެކުރިން ޝާހްރުކް ސިނަމާތަކުގައި ދައްކާފައިވާ ޖާދޫއެއް ފަދަ މޮޅު ޕާފޯމަންސް މިފިލްމާއެކު އަލުން އެނބުރި އަންނާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިހާތަނަށް ނިކުތް ޝާހްރުކްގެ ފިލްމުތަކުގެ ތެރެއިން، ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ހެޕީ ނިއު އިޔާ" އަށެވެ. އެފިލްމުގެ ރެކޯޑް "ފޭން" އަށް މުގުރަލާވެނެތޯ އިނގޭނީ މިފިލްމު ރިލީޒްވުމުންނެވެ.

މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންނާއި އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އަށެވެ. އެއީ 12 ކްރޯޑެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަދިތްޔަ ޗޯޕްޅާ އެވެ. "ފޭން" އަކީ ސުޕަސްޓާގެ އެންމެ ބޮޑު ފޭނަށް ކުރެވޭ ކަމަކުން ސުޕަސްޓާރަކާ ފޭނާ ދެމެދު ހިނގާ ހަމަނުޖެހުންތައް ފެނިގެންދާ ފިލްމެކެވެ. އޭނާގެ އެންމެ ބޮޑު ފޭން އޭނާގެ އެންމެ ބޮޑު ދުޝްމަނަށް ބަދަލުވެގެންދާ ގޮތެވެ.