ލައިފްސްޓައިލް

އެވަކާޑޯ، ނުކައި ދޫކޮށްލާ ވަރުގެ މޭވާއެއް ނޫން!

ދިވެހިންނަކީ މިހަރު ތައުލީމީ ބައެކެވެ. ސިއްހަތަށް ފައިދާހުރި އެއްޗެހި ކެއުމަށް ލޯބިކުރާ އަދި ސިއްހަތަށް ބަލައިގެން އުޅޭ ބައެކެވެ. އަދިވަކިން ހާއްސަކޮށް ރަހައަށް ބަލާ ބައެކެވެ. ކެއުމުގައި މޭވާ ހިމެނި ކަމުގައިވިޔަަސް އެވޮކާޑޯ އަކީ ދިވެހިންގެ ކެއުމުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ އެއްޗެއް ނޫނެވެ. އޭގެ ފައިދާތައް ރަނގަޅަށް ނޭނގެނީ ކަންނޭނގެ އެވެ. އެނގޭނަމަ މިއީ ނުކަައި ދޫކޮށްލާނެ އެއްޗެއް ނޫނެވެ. ރަހަވެސް އެހާ މީރެވެ. ނޫނީ ފަސޭހައިން ލިބޭ އެއްޗަކަށް ނުވާތީ ކަމަށްވެސް ވެދާނެ އެވެ. މިހާރު އެހާ އުނދަގުލެއް ނޫނެވެ. އެހެރަ ފެންޓަސީ އަށް ވަނަސް އެވޮކާޑޯ ލިބޭނެ އެވެ.

ހިމެނެނީ ކޮންކޮން މާއްދާއެއް؟

އެވޮކާޑޯ އިން ސިއްހަތަށް ފައިދާކުރާ ވާހަކަ ބުނީމާ މިއީ އެންމެ ކުރިން ހިތަށް އަރާނެ އެއް ސުވާލެވެ. އިތުރު ތަފްސީލަކަށް ދާނީ މި ސުވާލުގެ ޖަވާބުދީފަ އެވެ. އެވޮކާޑޯ އަކީ އޭގައި ޕޮޓޭޝިއަމް، ވިޓަމިން އޭ، ބީ6، ވިޓަމިން ސީ، ވިޓަމިން އީ އަދި ވިޓަމިން ކޭ އިން މުއްސަނދިވެފައިވާ "ނިއުޓްރިޝަން ޕެކް" އެކެވެ. އަދި މީގެއިތުރުން އެންޓިއޮކްސިޑެންޓްސް، ލުޓެއިން މޮނޯ ސެޗުރޭޓެޑް ފެޓްސް، މެގްނީޝިއަމް އަދި ފައިބާވެސް ގިނަ އަދަދަކަށް ހިމެނޭ ރަހަ މީރު މޭވާ އެކެވެ.

ދެން އޮތީ އަނެއް ސުވާލެވެ. މިއިން ލިބެނީ ކޮން ފައިދާތަކެއް ހެއްޔެވެ؟ އޭގެ ޖަވާބުވެސް ދޭނަމެވެ. މީގައި މިހިމެނޭ ކޮންމެ މާއްދާއަކީވެސް ސިއްހަތަށް ނުލާހިކު ބޭނުންތެރި މާއްދާތަކެކެވެ. ވަކި ވަކި މާއްދާތަކަށް އަލި އަޅުވާލާނަމެވެ.

ޕޮޓޭޝިއަމް: މިއީ ސިކުނޑީގެ މަސައްކަތް ހަލުވިކޮށްލަން އެންމެ މުހިންމު އެއް މާއްދަ އެވެ. އަދި މީގެއިތުރުން ބްލަޑް ޝުގާ އާއި ބްލަޑް ޕްރެޝާ ދަށްކޮށް ކަށިވެސް ވަރުގަދަކޮށްދޭ މާއްދާއެކެވެ. މީހާގެ ސްޓްރެސް ލެވެލް ދަށްކޮށް ނިދުމަށް އެހީތެރިވެދެ އެވެ. އަދި މީގެ އިތުރުން ސެލްތަކަށްވެސް ދިރުން ގެނެސްދެ އެވެ. މީގައި ދޮންކޭލުގައި ޕޮޓޭޝިއަމް ހުންނަ މިންވަރަށްވުރެ ގިނައިން ޕޮޓޭޝިއަމް ހިމެނެ އެވެ.

ވިޓަމިން ބީ6: މިއީ ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދައިދޭ މާއްދާއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭނީ މި އެންޓިބޮޑީޒް އެވެ. ބަލިތައް ޖެހުމާއި ދުރުވާނީ ދިފާއީ ނިޒާމް ވަރުގަދަވީ ވަރަކުންނެވެ. ދުވާލަކު އާފަލް އެއް ކައިގެން ޑޮކްޓަރާއި ދުރުވެވޭ ފަދައިން ދުވާލަކު އެވޮކާޑޯ އެއް ކައިގެންވެސް ޑޮކްޓަރާއި ދުރުވެވޭނެ އެވެ.

ވިޓަމިން ކޭ: މިއީ ކަށި ވަރުގަދަވާން މުހިންމު މާއްދާއެކެވެ. އުމުރުން ދުވަސް ވުމުން ކަށީގެ ބަލިތަކާއި ދުރުވާން ޒުވާން އުމުރުގައި ކަށި ވަރުގަދަ ކުރަންޖެހެ އެވެ. އަދި މީގެ އިތުރުން ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ފާރުގަނޑުތައް ރަނގަޅުކުރަންވެސް މިއީ މުހިންމު މާއްދާއެކެވެ.

ކުރިންވެސް ބުނިހެން މިއީ މެގްނީޝިއަމުން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ ނާރުތަކުގެ މަސައްކަތަށް އެހީތެރިވެދޭ މާއްދާއެއްވެސް މެ އެވެ. މިއީ ހަމަ "ނިއުޓްރިއެންޓު ބޫސްޓާ" އެކެވެ. އޭގެ މާނަ އަކީ މެގްނީޝިއަމް އިން ހަށިގަނޑަށް އެތެރެވާ ވިޓަމިންގެ މާއްދާތައް ހަށިގަނޑަށް އެބްޒޯބް ކުރަން ފަސޭހަވާނެ އެވެ. ދެން މީގައި މިހިމެނޭ ސޯޑިއަމް އާއި ފައިބާ އާ އޮމެގާ 3 އަދި މޮނޯސެޗުރޭޓެޑް ފެޓްސްގެ ސަބަބުން ކެންސަރާއި ދުރުކޮށްދެ އެވެ. އަދި ލޮލުގެ ފެނުން ރަނގަޅުކޮށްދީ ހަންގަނޑުވެސް ރީތިކޮށްލަ އެވެ.

އެވޮކާޑޯ އިން ރީތި ވާނެތަ؟

މި ސުވާލުގެ ޖަވާބަކީ ހަމަ އާއެކެވެ. ސުވާލެއް އުފައްދާނެ ޖާގައެއްވެސް ނޯންނާނެ އެވެ. ގަބޫލުކުރާށެވެ. އެވޮކާޑޯގައި އެންޓިއޮކްސިޑެންޓް ހިމެނޭ މިންވަރަކީ ހަމުގެ ސެލްތައް މުޅިން އާކޮށްލާ ވަރުގަދަކޮށް ތާޒާކޮށްލައިދޭ މިންވަރެވެ. ހަމައެކަނި ހަމުގެ ސެލްތަކެއް ނޫނެވެ. ހަށިގަނޑުގައި ހިމެނޭ ހުރިހާ ސެލް އެކެވެ. މޮނޯ ސެޗުރޭޓެޑް ފެޓްތަކުގެ ސަބަބުން ހަންގަނޑު މަޑުކޮށް ޒުވާން ކަމަށް ދައްކަ އެވެ. ހަންގަނޑުގައި ރޫޖެހުމުން ދުރުކޮށްދީ ހަންގަނޑު ރީތިކޮށްދެ އެވެ. އެވޮކާޑޯ ކެެއުމުން އެންޓި އޭޖިން ކްރީމް އެއް ބޭނުންކޮށްގެން ޒުވާންކަން ދަމަހައްޓައިދޭ މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ޒުވާންކަން ދަމަހައްޓައިދެ އެވެ.

އަދި މިއީ ފޭސް މާސްކު ހަދަންވެސް ވަރަށް ރަނގަޅު މޭވާ އެކެވެ. ހަންގަނޑު ތެޔޮވުމާއި އަދި މާބޮޑަށ ހިކުމާއި ބިހި ނެގުމުން ދުރުކޮށްދެ އެވެ. އެވޮކާޑޯ މިއީ މީހާ ތާޒާކޮށްލާ މޭވާއެއްވެސް މެ އެވެ.

އެވޮކާޑޯ މިއީ މީހާގެ ބޭރު ރީތިކޮށްލާ ހެން ސިކުނޑިވެސް ރީތިކޮށްދޭ އެއްޗެކެވެ. މިބުނީ ސިކުނޑިއަށް ރަނގަޅު ކާނާ އެކެވެ. މީގައި ހިމެނޭ ޕޮޓޭޝިއަމްގެ ސަބަބުން ސިކުނޑި އިތުރަށް ހުޅުވި އަވަހަށް ސިކުނޑި ވަރުބަލިވުމުން ދުުރވެ އެވެ. ސްޓެރެސް އާއި ޑިޕްރެޝަނާއި ދުރުކޮށްދެ އެވެ. އެހެންވީމާ ވިސްނުން ތޫނުވެ އެވެ. މިއީ ކިޔަވާ ކުދިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.

ފެޓް ހިމެނޭ، އެކަމަކު ގެއްލުމެއް ނެތް

އެވޮކާޑޯ އަކީ އޭގައި 75 ޕަސެންޓް - 80 ޕަސެންޓާ ދެމެދުގެ މިންވަރަަށް ފެޓް ހިމެނޭ މޭވާ އެކެވެ. އެކަމަކުު މިއީ އެވޮކާޑޯ ނުކައި އެއްލައިލާންވީ ސަބަބެއް ނޫނެވެ. މިއީ އެއްވެސް ގެއްލުމެއް ލިބޭ ފެޓް އެއް ނޫނެވެ. އެވޮކާޑޯގައި ހިމެނެނީ 0% ޓްރާންސް ފެޓެވެ. މިހާރު ހަމަޖެހިލެވިއްޖެ ދޯ އެެވެ. ޓްރާސްންފެޓަކީ މޮނޯ އަންސެޗުރޭޓެޑް އަދި ޕޮލީ އަންސެޗރޭޓެޑް ފެޓެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ފެޓެވެ.

1. ޓްރާންސް ފެޓް އަދި ސެޗުރޭޓެޑް ފެޓް: މިއީ ހަަށިގަނޑަށް ގެއްލުންދޭ ފެޓްގެ ވައްތަރެވެ. މިއީ ލެ ހޮޅިތައް ބައްދާ ހިތުގެ ބަލިތައް ޖައްސާ ފެޓެވެ.
2. މޮނޯ އަންސެޗުރޭޓެޑް އަދި ޕޮލީއަންސެޗުރޭޓެޑް ފެޓް: މިއީ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދީ ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދޭ ފެޓުގެ ވައްތަރެވެ.

ޑައިޓްގައި ހިމަނަން ކޮންމެހެން މުހިންމުތަ؟

ނެތް ދޯ އެވެ. މިއީ ހަށިގަނޑަށް ކިތަންމެ ގިނަ ފައިދާއެއް ފޯރުކޮށްދޭ މޭވާ އަކަށް ވިޔަސް މިއީ ކޮންމެހެން ކޮންމެ ދުވަހެއްގެ ޑައިޓުގައި ގިނައިން ކާން މަޖުބޫރު މޭވާއެއް ނޫނެވެ. ކޮންމެ ދުވަހަކު މީގެ މަދު މިންވަރެއް ބޭނުންކުރުމަކީވެސް ފައިދާހުރި ގޮތެކެވެ. ސޭންޑްވިޗް އަދި ކޭކަށް އަޅައިގެންވެސް އެވޮކާޑޯ ބޭނުންކުރެވިދާނެ އެވެ.

އެވޮކާޑޯ އަކީ މިހާރު މާލެއިން ހޯދަން އުނދަގޫ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް އެހެން މޭވާ ތަކާ އަޅާބަލާއިރު މީގެ އަގު ތަންކޮޅެއް ބޮޑެވެ. ނަމަވެސް މިއިން ލިބޭ ފައިދާތަކަށް ބަލާފަ މީގެ އަގަކީ ހަމަ އެކައްޗެއްވެސް ނޫނެވެ.