މޮޅު ވާހަކަ ދެއްކުންތެރިންނާއި، އެތަކެއް މޮޅު ނޫސްވެރިންނާއި އެހާމެ ގިނަ މޮޅު ލަވަކިއުންތެރިންނާއި އެތަކެއް ހުނަރުވެރި ފިލްމީ ތަރިން ވެސް އެ ސްކޫލަކަށް ނިސްބަތްވާ އެމްއީއެސް އަކީ ގަލޮޅު ދަނޑަށް މޮޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް ވެސް ތައާރަފްކޮށްދިން ސްކޫލެކެވެ. ގާތްގަނޑަކަށް 25000ވުރެ ގިނަ ކުދިން ކިޔެވި އެމްއީއެސްގައި ސްކޫލުގައި ކިޔަވަން އުޅުނުއިރު އަޅުގަނޑުގެ ފޮތްފޮތުގެ ބޭރުގައި މުޅިން ވެސް ހުންނާނީ ދިވެހި ފުޓްބޯޅަ ކުޅުންތެރިންގެ ފޮޓޯ އެވެ. ހާއްސަކޮށް އަޅުގަނޑު އެންމެ ސަޕޯޓްކުރާ ތޮއްޑޫ މުހައްމަދު ނިޒާމާއި އަލީ އުމަރާއި އަލީ ޝިހާމް އަދި އަލީ އަޝްފާގް (ދަގަނޑޭ) ފަދަ ކުޅުންތެރިންގެ ފޮޓޯތަކެވެ.
މިހެން އުޅެނިކޮށް ދުވަހަކު ނުލިބޭވަރުގެ ބޮޑު ލަނޑެއް ވެސް ލިބުނެވެ. ޓީޗަރަކު ނެތި ކުލާސް ހުހަށް އޮންނަން ޖެހުމުން ޕްރިންސިޕަލް އަލީ މުސްތަފާ އަޅުގަނޑުމެން ކުލާސް ބަލަހައްޓަން ފޮނުވީ ސްޕޯޓްސް ސުޕަވައިޒަރު ސްރީލަންކާގެ ހަމްދުﷲ ފެނާންޑޯ އެވެ. އެއީ ސްކޫލުގެ އާދަކާދައިގެ މަތިން އެހެން ކުލާސްތަކުގެ ކިޔެވުން ހަރާބުކޮށްލާނެތީ އެވެ. އަދިވެސް ރާއްޖޭގައި ދިރިއުޅެމުން އަންނަ ފެނާންޑޯ ކުލާހުގައި އަނގައިން ނުބުނު 15 މިނިޓެއްހާއިރު އިނދެފައި ކުއްލިއަކަށް އަޅުގަނޑުގެ ގެންގުޅުނު ފޮތެއް އަތުލި އެވެ.
"ތީބަލަ ފޮތް. މިއީ މަގޭ ކުޅުންތެރިއެއް. އަހަރެން އުފެއްދި މީހެއް. ވަރަށް މޮޅުވާނެ. އެމްއީއެސް ޓީމަށް ބައިވަރު ތަށި ހޯދައިދިން،" ވެލެންސިއާގެ ހަތްނަންބަރު ޖާޒީގައި ކ. ހުރަ އަށް އުފަން އަލީ ޝިހާމް (ހުރާ އައްޔަ) ހުރި ފޮޓޯ އަށް ބަލާލާފައި ހަމްދުﷲ ބުންޏެވެ.
ހަމްދުﷲ އަކީ ވަރަށް މަޖާ މީހަކަށްވުމުން އޭނާއާ ސަމާސާ ކުރުމަކީ ކުދިން ވަރަށް ކުރާހިތްވާ ކަމެކެވެ. މިހެންވެ އެހެން ކުދިންގެ ވަސްވާހުގައި ޖެހިގެން "ތިއީ ހުރައިން އުފެއްދި މީހެއް. ކޮން ދޮގެއް ހަދާކަށްހޭ ތިއުޅެނީ،" އަޅުގަނޑު ބުނުމުން "ކަލޭ ވަރަށް މޮޅަށް ފުޓްބޯޅަ ކުޅެންހޭ" އޭނާ ސުވާލުކުރި އެވެ. ޖަވާބުގައި އެންމެ ފަހުން ނެގި 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނީމޭ ބުނުމުން އޭނާ އަލިފާންވި އެވެ. އަޅުގަނޑުގެ ހުރިހާ ފޮތްތައް ހިފައިގެން ޕްރިންސިޕަލް ގާތަށް ގެންގޮސްބުނީ މީނަ ހަފުތާއަކަށް ސަސްޕެންޑްލަންވީ ކަމަށެވެ.
ޕްރިންސިޕަލް ތަކުރާރުކޮށް އެހުމުން ވެސް ސަބަބެއް ނުބުންޏެވެ. އަޅުގަނޑަކީ އެއިރު އެމްއީއެސްގެ އަދަބީ ބުސްތާނުގެ ރައީސަށްވުމުން އަޅުގަނޑު ސަސްޕެންޑް ކުރަން ޕްރިންސިޕަލް އަށް ފަސޭހަނުވި އެވެ. މިހެންވެ ދެމީހުން ވާހަކަ ދައްކާށޭ ބުނެފައި ޕްރިންސިޕަލް އޮފީހަށް ވަދެގެންދިޔައީ އެވެ. އެކަމަކު ހަމްދުﷲ ވާހަކައެއްނުދެއްކި އެވެ.
ދާދި ފަހުން ހއ. އުތީމު ޔުނިޓީ ކަޕް ނިންމުމުގެ ރަސްމިއްޔާތުން ދިމާވެގެން އަލީ ޝިހާމަށް މިވާހަކަ ކިޔާދިނުމުން އޭނާ ހޭން ފެށި އެވެ. އެވާހަކަ ފަހަށް ބާއްވާނަމެވެ.
އަލީ ޝިހާމް:
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަލީ ޝިހާމް ދެ ފަހަރު ހޯދި އެވެ. ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ޖެހިޖެހިގެން ދެ ފަހަރު ހޯދި އެވެ. ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޖެހި ލަނޑުން ރާއްޖެ މޮޅުކޮށްދިނެވެ. ގައުމީ ޖާޒީގައި އެންމެ ފުރަތަމަ ހެޓްރިކެއް ހެދީ ވެސް އޭނާ އެވެ. ކުލަބު ބަދަލުކޮށްގެން ހުރާ ރައްޔިތުން ރަތްކާޑު ދެއްކި ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެކަމަކު ދަނޑުމަތިން އޭނާ ގެއްލުނީ ވެސް އެހާ އަވަހަށެވެ.
ފުޓްބޯޅަގައި ރާއްޖޭގެ ބްރެޒިލްގެ ނަމުން މަޝްހޫރުވި ހުރައާ ވިދިގެން އޮތް ކުޑަހުރާގައި ވަޒީފާ އަދާކުރާ އައްޔަ ބުނީ 1996 ވަނަ އަހަރު އެމްއީއެސްގައި ކިޔަވަމުން އޭނާ ފެށި ފުޓްބޯޅަ ކެރިއަރު 2003 ވަނަ އަހަރު ހުއްޓާލުމުން މިހާރު ދެރަވާ ކަމަށެވެ.
"އަސްލު ވަރަށް ދެރަވޭ މިހާރު. މިހާރު ހިތަށް އަރާ މާ އަވަހަށޭ މި ހުއްޓާލެވުނީ. އެއިރު މަށަށް އެންމެ 29 އަހަރު. އެއުމުރުގައި އަދި އެއީ ހަމަ އެންމެ މޮޅަށް ކުޅެވޭނެ ދުވަސްވަރު،" އަލީ ޝިހާމް، 42، ބުންޏެވެ.
ވެލެންސިއާ އަށް ދެ އަހަރު ކުޅެފައި ނިއު އަށް ބަދަލުވި އަހަރު އޭނާ ކުޅުން ހުއްޓާލީ ފަޔަށް ލިބުނު އަނިޔާއަކާ ހެދި އެވެ.
"އަސްލުވީ ގޮތަކީ އިންޖަރީވީމަ އަހަންނަށް އެހާ ވަރަށް އަޅާނުލެވުނީ. ރަނގަޅަށް ފަރުވާ ކުރެވުނުނަމަ އަލުން ކުޅެން އާދެވުނީސް. އެކަމަކު އަހަރެންގެ ފަރުވާ ކުޑަކަމުން އެކަން ނުވީ. އަހަންނަށް އެއިރު ވިސްނުނީ ދެން ނުވާނެއޭ. އެކަމަކު މިހާރު ހިތައް އަރާ އެކަމާ އުޅެވުނުނަމަ ރަނގަޅުވެގެން އަދި ކުޅެވުނީހޭ،" އަލީ ޝިހާމް ބުންޏެވެ.
ހުރާ ދޫކޮށްލުމަކީ ރަނގަޅެއް:
އަލީ ޝިހާމަކީ ހުރާގެ އެންމެ އިސް ފޯވަޑެވެ. އޭނާ ޓީމު ދޫކޮށްލުމުން ހުރާ ރައްޔިތުން އިންތިހާއަށް ރުޅިއައެވެ. ރަށަށް ދާން ދޯންޏެއް ހޯދަން ފުރަތަމަކޮޅު އުނދަގޫވި އެވެ. ކުރިން އެމީހުން ނައިސްގެން ކިތަންމެ އިރަކު މަޑުކުރަންޖެހުނަސް އުފަލުންތިބި ރަށު މީހުން ކިރިޔާ ސިކުންތެއް ލަސްވިޔަސް ފުރައިގެންދަނީ އެވެ.
"އަސްލުވީ ގޮތަކީ އެއިރު ރަށަށް ކުޅެނީ ރަށު ލޯބީގައި. އެހެންވީމަ އެމީހުން އެހާ ރުޅިއައީވެސް. އެކަމަކު ކުރިއަށް ދަންޏާ ޖެހޭނެ އެކަހަލަ ޑިސިޝަންތައް ވެސް ނަގަން. އަހަންނަށް ވަރަށް ގިނަ އޮފާތައް ލިބޭ. ނިއުއިން އަބަދުވެސް އަހަރެން ގެންދަން އުޅޭ. އެކަމަކު އެކަން ނުވީމަ ވެލެންސިއާއިން ލިބުނު އޮފާ ރަނގަޅުވީމަ އެ ޓީމަށް ދާން ނިންމީ. މާގިނަ ބަޔަކާ މަޝްވަރާ ނުކުރަން،" އަލީ ޝިހާމް ބުންޏެވެ.
"އަހަރެން ދިޔައިމަ ފަހުން މާސޭމެން، އަބުޅޯ މެން ވެސް ކުލަބު ބަދަލުކުރީ. އަސްލު އަހަރެން ނުދިޔަނަމަ އެމީހުން ވެސް ނުދިޔައީސް. ފަހުން ހުސްނީމެން ވެސް އެހެން ކުލަބުތަކަށް ދިޔައީ އަހަރެން ދިޔައިމަ. ކުލަބު ބަދަލުކުރީމަ އަސްލު ވަރަށް ރަނގަޅުވި. އަތްމަތިވެސް ރަނގަޅުވި. އެހެންވީމަ އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން އެއިރު ދިޔައިމަ އެހެން ކުޅުންތެރިންނަށް އޭގެ ފައިދާކުރި. އަހަރެން ނުދިޔަނަމަ އެމީހުންނަށް ވެސް ނުދެވުނީސް. އެއީ ރަނގަޅަށް ކުރެވުނު ކަމެއް،" ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ލަވައެއް ކުޅުނު އަލީ ޝިހާމް ބުންޏެވެ.
ނަމަވެސް ހުރާގެ ފުޓްބޯޅަ ވަޅުޖެހިފައިވުމުން އޭނާ ދެރަވެ އެވެ. އެކަމަކު އަލުން ހުރާގެ ފުޓްބޯޅަ ޓީމު އިހުގެ ފޯރީގައި އައުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ. އެއީ މިހާރު އެފޯރި ހުރާގައި ނެތުމެވެ.
އެންމެ ހިތްހަމަޖެހުނީ ވެލެންސިއާގައި:
އަލީ ޝިހާމް ވެލެންސިއާ އަށް ބަދަލުވުމުގައި އެއިރު އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން މުހިންމު ދައުރެއް އަދާކުރި އެވެ. ތޮއްޑޫ ނިޒާމާއި އަލީ އުމަރަކީ އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށް ވުމުން ވެލެންސިއާ އަށް ދާން އޭނާ ފަހެއް ނުޖެހުނެވެ.
"އަސްލު ވެލެންސިއާގައި އަހަރެން އެންމެ މޮޅަށް ކުޅުނީ. އަހަރެން އެންމެ ހިތްހަމަ ޖެހިގެން ކުޅުނީ ވެސް އެ ދެ އަހަރު. އެއީ ވެލެންސިއާގައި އަހަންނަށް ލިބުނީ ހުސްމޮޅު. މޮޅު ކުޅުންތެރިޔާގެ މަގާމު، ރަންބޫޓު، ކަޕް ވިނާސް ކަޕް މޮޅު ކުޅުންތެރިޔާ، ދެން ޕޮމިސްކަޕުގެ ވެސް. މިހެންގޮސް ހުރިހާ މޮޅު އަހަންނަށް ވެލެންސިއާގައި ލިބުނީ. މޮޅު ކުޅުންތެރިޔާގެ މަގާމު ހުރާގައި ވެސް ލިބުނު. އެކަމަކު އަހަންނަކީ ފޯވަޑެއްވީމަ ރަންބޫޓު ހޯދުން އެއީ އަހަރެންގެ ވަރަށް ބޮޑު ހުވަފެނެއް. ރާއްޖޭގައި އެގޮތަށްދޭ އެވޯޑެއް އަހަރެންގެ އަތުގައި ބައިދަން ވަރަށް ބޭނުންވި. އެކަންވެސްވީ ވެލެންސިއާގައި،" 2001 އަދި 2002 ވަނަ އަހަރު ވެލެންސިއާ އަށް ކުޅުނު ފޯވަޑް ބުންޏެވެ.
ނަމަވެސް ވެލެންސިއާގައި ހުރިހާ ފައިނަލެއް ކުޅެ ގިނަ ފައިނަލްތަކުން ބަލިވީ ކީއްވެ ހެއްޔެވެ؟
"އަސްލު ތީ މަވެސް ހިތަށް އަރާ ކަމެއް. މަށަށް ހީވަނީ މަށާ ތައްޓާ ދުރީހެން. އެއީ ހުރާގައި ވެސް ލިބުނީ ޕޮމިސްކަޕް. ވެލެންސިއާގައި ވެސް ގިނަ ފައިނަލްތަކުގައި އަހަރުމެން ބަލިވީ،" އަލީ ޝިހާމް ބުންޏެވެ.
ތިން ވަނަ އަހަރެއްގައި ވެލެންސިއާގައި މަޑުނުކޮށް އޭނާ ބަދަލުވީ ނިއު އަށެވެ. އެއީ އަބަދުވެސް ނިއު އަށް ކުޅެދޭން އެކުލަބުން ކިޔާތީ އެވެ.
"އެމީހުން ވަރަށް ކިޔާނެ އަބަދުވެސް. ދެން އަހަރެން ވެސް ބުނެފައި އޮންނާނީ ނިއު އަށް ކުޅެދޭނެ ކަމަށް. އެހެންހުއްޓާ ފުރުސަތު ލިބުނީމަ ހިތައް އެރީ އެއަހަރު ކުޅެލާނީއޭ،" އަލީ ޝިހާމް ބުންޏެވެ.
ރަންބޫޓު ލިބުމުގައި ދަގަނޑޭގެ ހިއްސާ ބޮޑު:
އަލީ ޝިހާމް ބުނީ ވެލެންސިއާގައި އޭނާ ދެ ފަހަރު ރަންބޫޓު ހޯދިއިރު 2002 ވަނަ އަހަރު އެ އިނާމް ލިބުމުގައި ގައުމީ ކެޕްޓަން ދަގަނޑޭގެ ހިއްސާ ބޮޑު ކަމަށެވެ.
"އަސްލު އޭނާ ވަރަށް މޮޅު. އެއިރު އޭނާ ވަރަށް ކުޑަވާނެ. އެކަމަކު ވެސް ދެތިން މީހުން ގައިން ނައްޓާފަ ވެސް މަށަށް ބޯޅަ ދޭނެ. ދަގަނޑޭގެ ހިއްސާ ވަރަށް ބޮޑު އަހަރެން ރަންބޫޓު ހޯދުމުގައި. އަހަރެން ހަނދާން ހުރޭ ތައިލެންޑް ޓީމަކާ އެކު ކުޅުނު އިރު ވެސް އަލީ އުމަރު ސަސްޕެންޑްކޮށްފައި ހުއްޓާ ވެސް އަހަރެން ޖެހި ދެ ގޯލު. އެއީ ވެސް ދަގަނޑޭ ދިނީމަ ޖެހި ދެ ގޯލު. ދެން އަލީ އުމަރާއި ތޮއްޑޫ ވެސް ވަރަށް އެހީވި،" އަލީ ޝިހާމް ބުންޏެވެ.
ގޯލްޑަން ޖުބުލީގައި ޕެނަލްޓީ ނާކާމިޔާބުވުން:
"އެއީ އެންމެ ދެރަވި ދުވަސް. ފަހުން މަ ބަލާލިން. ވަރަށް މަޑުން މަށް ޖެހިފައިހުރީ. ރަނގަޅަށް ޖެހުނުނަމަ ކާމިޔާބުވީސް،" ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ލަންކާ ކޮޅަށް ޖެހި ޕެނަލްޓީ ނާކާމިޔާބުވުމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
ސްކޫލުގައި ކިޔެވިއިރު ވެސް އަލީ ޝިހާމަކީ ދެ ވަނަ ޑިވިޝަނާއި ޒޯން މުބާރާތުގައި ހުރާ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ހަމްދުﷲ އަށް އޭނާ ފާހަގަ ކުރެވުނީ ވެސް އެމުބާރާތްތަކުންނެވެ.
"ހަމްދުﷲ އަށް އެނގޭނެ އެއިރު ވެސް މަކުޅޭކަން. އެހެންވެ އޭނާ ބުނާނެ އަބަދުވެސް ކުޅެންވާނެއޭ. ތަށި ހޯދަންވާނެއޭ. ވަރަށް ހިތްވަރުދޭނެ. އޭނާ އަކީ އަސްލު ރަސްމީ ހައިސިއްޔަތުން އަހަރެންގެ ފުރަތަމަ ކޯޗު. ކުޅެން އެއްބަސް ނުވަންޏާ އޭނާ ގެންދާނެ ޕްރިންސްޕަލް ގާތަށް،" އަލީ ޝިހާމް ބުންޏެވެ.
ޕްރިންސިޕަލް އަލީ މުސްތަފާ ގާތު އަޅުގަނޑު ސަސްޕެންޑް ކުރަން ހަމްދުﷲ އެދުނު އެއް ސަބަބަކީ އަލީ ޝިހާމަކީ އޭނާގެ ދަރިވަރެއްނޫން ކަމަށް ބުނުމެވެ. ދެ ވަނަ ކަމަކީ 16 އަހަރުން ދަށަށް ކުޅުނު ކަމަށް އަޅުގަނޑު ބުނިއިރު އެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އޭނާ ހުރުމެވެ. އަދި ސަސްޕެންޑްކުރަންވީ ހަފުތާއަކަށް ކަމަށް ބުނީ ހަމްދުﷲ އަށް ފެނުނު ފޮޓޯގައި އަލީ ޝިހާމް ހަތްނަންބަރު ޖާޒީގައި ހުރުމުންނެވެ. މިވާހަކަ ހަމްދުﷲ ކުރެން އޮޅުންފިލުވައިގެން ފަހުން އަޅުގަނޑަށް ކިޔާދިނީ ޕްރިންސިޕަލެވެ. އެކަމަކު ހަމްދުﷲގެ ވެސް ރުހުމާއެކު ޕްރިންސިޕަލް އަޅުގަނޑު ސަސްޕެންޑެއް ނުކުރެ އެވެ. އެއީ ޕްރިންސިޕަލް މެދުވެރިވެގެން އަލީޝިހާމާ ބެހޭގޮތުން ހަމްދުﷲ ކުރި ހުރިހާ ސުވާލަކަށް އަޅުގަނޑަށް ރަނގަޅު ޖަވާބު ދެވުމުންނެވެ. އޭގެތެރޭގައި އެއީ އަލީ ޝިހާމަކީ އެމްއީއެސްއިން އުފެއްދި ކުޅުންތެރިއެއްކަމަށް ވެސް ޖަވާބު ދޭން ޖެހުނެވެ.