ޖާޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. މި ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑް މިންގަނޑުން 7.0 ގެ ބާރުމިނުގަ އެވެ. އިއްޔެ ވެސް ޖާޕާނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެ އެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީ އެލާޓް ނެރެފައިވެ އެވެ. ޖާޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ބިންހެލުމާ ގުޅިގެން އެއް މީޓަރުގެ ސުނާމީއެއް އެރުން އެކަށީގެންވެ އެވެ. ނަމަވެސް މިހާރު ވަނީ އެލާޓް އުވާލާފަ އެވެ.
މި ބިންހެލުމާ ގުޅިގެން ލިބުނު ތަފްސީލު އަދި ލިބިފައިވާނުވާއިރު، އިއްޔެ އައި ބިންހެލުމުގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން އަނިޔާވެފައިވެ އެވެ. މި ބިންހެލުން އައިސްފައި މިވަނީ އިއްޔެ އައި ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އިއްޔެ ބިންހެލުން އައީ 6.5 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. އޭގެ ފަހުން ވެސް ކުދި ބިންހެލުންތަކެއް އިއްޔެ ޖަޕާނަށް އައިސްފައިވެ އެވެ.
ޖަޕާނަށް މިއަދު ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 21:25 ގަ އެވެ. ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ބިންހެލުމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް ބުނެފަ އެވެ.