އޮފީސްތެރެ ފޫހީ ހެއްޔެވެ؟ ނޫނީ އޮފީހަށް ދާހިތް ނުވަނީ ހެއްޔެވެ؟ އޮފީސް މަސައްކަތްތަކަށް ގަޔާ ނުވެވެނީ ހެއްޔެވެ؟ މީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އޮފީހުގެ މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތްތަކަކަށް ވިޔަސް މިހެން ދިމާވެ އެވެ. މޫޑީވެ މަސައްކަތްތައް ނުކުރެވި ގިނަވެގެން ބޮޑު މީހާ އެއްޗެހި ކިޔަނީ ކިތައް ދުވަހު ހެއްޔެވެ؟
"މަ އޮފީހަށް ނުދާތާ ވެއްޖެ ތިން ދުވަސް، ބަލިވީކީވެސް ނޫން، އެއްގޮތަކަށްވެސް މަސަކަތް ނުކުރެވެނީ، ކުރާހިތެއް ނުވޭ، އެއްވެސް ވަރަކަށް މަސައްކަތަށް ކޮންސެންޓްރޭޓްއެއް ނުކުރެވޭ. މަސައްކަތްތައް އެބަހުރި ފުނި ޖެހިފައި، އެންމެ ފަހުން ދުވަހު ބޮޑު މީހާ މަ ގެންގޮސް ވަރަށް އެއްޗެހިވެސް ކިޔައިފި، ނޭނގެ ދެމް ހަދަންވީ ކިހިނެއް ކަމެއްވެސް." މިއީ ގާތް ރައްޓެއްސަކާއި ދިމާވެލާ އަނގަތަޅަމުން ގޮސް ބުނެލި ވާހަކަ އެކެވެ.
މަސައްކަތް ރަނގަޅުކުރުވަން ބޮޑު މީހާ ކީ އެއްޗެހި އެއީ ރުޅި އައިސްގެން ހިންހަމަ ނުޖެހިގެން ކީ އެއްޗެހި ކަމަށް ނިންމާ ރުޅިއައިސްގެން އޮފީހަށް ނުގޮސް ހުރީ ކިތައް ދުވަހު ހެއްޔެވެ؟ އެއީ ރަނގަޅު ނިންމުމެއް ނޫންކަން އެނގޭ ދޯ އެވެ. އެކަމަކު ތިހިރީ އެކަން ރަނގަޅުކުރަން ކުރާނީ ކީއްކަމެއް ނޭނގިފައި ހެއްޔެވެ؟ މިކަމާ ބެހޭ ދިރާސާއެއް ދާދިފަހުން ކޮލަމްބިއާގެ ޔުނިވާސިޓީއަކުން ކުރިއަށް ގެންގޮސްފަ އެވެ. މިދިރާސާގައި ބައިވެރިންގެ ވާހަކަތައް ބަލައި ދިރާސާކުރި ސައިންސުވެރިން ބުނަނީ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އޮފީސް މޫޑު އަނބުރާ ގެންނަން އެތައް ކަމެއް ކުރެވިދާނެ ކަމަށެވެ.
އެހެން މުވައްޒަފުންނާ އެކުވެރިވެ ގުޅުން ބަދަހިކުރޭ!
މިއީ ވަރަށް މުހިންމު ކަމެކެވެ. ފަހަރުގައި އޮފީހުން ބޭރުގައި ވަރަށް ގާތް އަދި ވަރަށް ގިނަ އެކުވެރިން ތިބެދާނެ އެވެ. އޭގެ މާނައަކީ އޮފީހުގައި އުޅޭ އެހެން މުވައްޒަފުންނާއި އެކުވެރި ނުވާންވީ ސަބަބެއް ނޫނެވެ. އޮފީހުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ އެހެން މުވައްޒަފުންނާއި ދެމެދު ރަނގަޅު ގުޅުމެއް އުފެއްދިގެންނެވެ. ރަނގަޅު އެކުވެރިންތަކެއް މަސައްކަތުގެ މާހައުލުން ލިބުމަކީ އުފާވެރިކަން ލިބޭނެ ކަމަކަށް ނޫނީ ނުވެ އެވެ. މީހާގެ މޫޑު ރަނގަޅުވެއްޖެނަމަ ކުރާ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވާނެ އެވެ.
އެހެން މުވައްޒަފުންނާއި އެކު އޮންނަ ގުޅުން ރަނގަޅު ކުރަން ކުރެވިދާނެ ހެއްޔެވެ؟ މަސައްކަތުގެ ތެރެއިން ބްރޭކެއް ނަގައި އެކުގައި ކޮފީއެއް ބޯލާ ހަދާށެވެ. މިއީ އެހެން މީހުންނާ އެކުވެރިވުމުގެ އިތުރުން ސިކުނޑި ތާޒާ ވެލާނެ ކަމެއްވެސްމެ އެވެ. 15 ވަރަކަށް މިނެޓުގެ ބްރޭކެއް ރަނގަޅުވާނެ އެވެ. ހުސް ވަގުތެއް ނުނަގައި މަސައްކަތް ކުރާނަމަ ފަހަރުގައި އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވިދާނެ އެވެ.
ލަވަ ޖަހާލާށެވެ. އުފާވެރި މޫޑު ރަނގަޅުވާ ކަހަލަ ލަވަތަކެއް ޖެހިދާނެ އެވެ. އެކަމަކު އެހެން މީހުންނަށް އުނދަގޫ ނުވާގޮތަށެވެ. ހެޑް ފޯނެއް މިކަމަށް ބޭނުންކުރެވިދާނެ އެވެ. މިއީވެސް މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތްކުރާ މޫޑު އަންނާނެ ކަމެކެވެ.
ކެރިގެން މައްސަލަތަކާއި ކުރިމަތިލާ
މަސައްކަތުގެ މާހައުލުގައި މައްސަލަ ޖެހޭނެ އެވެ. ސީނިއާ މުވައްޒަފުން އެއްޗެހިވެސް ކިޔާނެ އެވެ. އެކަންކަމަކީ ޕޮޒިޓިވް ވިސްނުމަކުން ވިސްނަން ޖެހޭނެ ކަންކަމެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަމާއި ކެރިގެން ޕްރޮފެޝަނަލްކޮށް ކުރިމަތިލާށެވެ. ކޮންމެ ކަމަކީވެސް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަންކަމެވެ. ރުޅި މަޑުކޮށް ހަމަޖެހިލައިގެން ވާހަކަ ދެއްކީމަ ތިޖެހޭ މައްސަލަ ހައްލުވީ އެވެ. ދެން އެކަމާ މޫޑީވާކަށް ނުޖެހޭނެ އެވެ.
އަދި ހާއްސަކޮށް ކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ އަމިއްލަ އަށް ވަކި ގޯލެއް ކަނޑައަޅާ އެއާ ހަމައަށް ވާސިލްވާން މަސައްކަތް ކުރާށެވެ. މިއީ މޯޓިވޭޓް ވާނެކަމެއްވެސް މެ އެވެ. އަމިއްލައަށް އަމާޒެއް ކަނޑައަޅައި މަސައްކަތްކޮށްގެން އެ ލަނޑުދަނޑިއެއް ހާސިލްވުމަކީ ކިހާ އުފާވެރި އިހުސާސެއް ހެއްޔެވެ؟ އަދި މިއީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ލިބޭނެ ހިތްވަރެއްވެސްމެ އެވެ.
ކެއުމަށް ސަމާލުކަން ދޭތި!
ކިތަންމެ ބުރަކޮށް އުޅުނަސް ކެއުމަށް ސަމާލުކަން ދޭންވާނެ އެވެ. ހެނދުނުވެސް އޮފީހަށް ދިއުމުގެ ކުރިން ސައިބޯން ވާނެ އެވެ. ހެނދުނުގެ ނާސްތާއަކީ ދުވަސް ރަނގަޅަށް ފަށަން ވަރަށް މުހިންމު ކަމެކެވެ. އެކަމަކު ގިނަ ފަހަރަށް ހެނދުނުގެ ސަޔަށް ވަގުތެއް ނުލިބެ އެވެ. ގެއިން ނުކުމެވެނީ ކިރިޔާ ގަޑި ނުޖެހި އޮފީހަށް ދެވޭ ވަރަށެވެ. އޮފީހަށް ވަދެވުމާއެކު ކުރަންޖެހޭ މަސައްކަތް ގިނަކަމުން ސައިބޯނެ ވަގުތެއް ގިނަ ފަހަރަށް އޮންނަނީ ނުލިބެ އެވެ. އަދި މެންދުރުވެސް ކެއުމަށް ބްރޭކެއް ނަގަން ޖެހޭނެ އެވެ. ބަރާބަރަށް ހަށިގަނޑަށް ބޭނުންވާ ކާނާ ފޯރުކޮށް ނުދެވޭނަމަ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތެއް ނުކުރާނެ އެވެ. އެއީ ރަނގަޅަށް މަސައްކަތް ކުރުމަށް އެޅޭ ހުރަހެކެވެ.
ހެނދުނު އަވަހަށް ހޭލާ ސައިބޯން ވަގުތު ހޯދަން އެންމެ ފަސޭހަވާނީ ރޭގަނޑު ރަނގަޅަށް ނިދައިގެންނެވެ. އެހެންވީމާ ރޭގަނޑު އަވަހަށް ނިދުމަކީ މުހިންމު ކަމެކެވެ. އަވަހަށް ނިދީމަ އަވަހަށް ހޭލެވޭނެ އެވެ. ސައިބޯން ވަގުތު ލިބޭނެ އެވެ. އަދި ސިކުނޑިވެސް ތާޒާވެ މީހާ ހަމަޖެހި މަސައްކަތަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދެވޭނެ އެވެ.
ހިނިތުންވެލާ
މިއީ އެންމެ މުހިންމު ކަންތަކެވެ. ހިނިތުންވާށެޗެ. ތިމާގެ ހިނިތުންވުން ފެނި އެހެން މީހުންވެސް ހިނިތުންވެލާނެ އެވެ. އެއީވެސް އުފާވެރިކަން ލިބި މޫޑު ވަރަށް ރަނގަޅުވާނެ ކަމެކެވެ. ސްޓްރެސް ފިލާ މީހާ ހަމަޖެހިލާނެ އެވެ.