ވިޔަފާރި

ފެން ކުންފުނީގެ ރެކޯޑު ފައިދާއާއެކު މުވައްޒަފުންގެ ބޯނަސް 91 ޕަސެންޓް އިތުރު ކުރަނީ

  • މިދިޔަ އަހަރުގެ ސާފު ފައިދާ 139 ޕަސެންޓް އިތުރު
  • އާމްދަނީގެ ގޮތުގައި 963 މިލިއަން ރުފިޔާ ލިބުނު
  • ސަރުކާރަށް ޑިވިޑެންޓް ދައްކަން ފަށައިފި

ގައުމީ ފެން ކުންފުނީ، އެމްޑަބްލިއުއެސްސީގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާ މިދިޔަ އަހަރު ލިބުމާއެކު މުވައްޒަފުނަށް ދޭ ބޯނަސް 91 ޕަސެންޓް އިތުރު ކުރަން ނިންމައިފި އެވެ.

ގައުމީ ފެން ކުންފުންޏަށް 21 އަހަރު ފުރުމާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މިދިޔަ އަހަރަކީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ. މި ފައިދާ ލިބިގެން ދިއުމާއެކު މުވައްޒަފުންނަށް ދޭ ބޯނަސްގެ އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ލިބުނު ބޯނަސް އިރާދުކުރެއްވިޔާ މާދަމާ ލިބޭނެ ބޯނަސް އިތުރު ވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ގައުމީ ފެން ކުންފުންޏަށް 2014 ވަނަ އަހަރު ކުންފުނީގެ އާމްދަނީ ހުރީ 729 މިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް 2015 ވަނަ އަހަރު މި އަދަދު 963 މިލިއަން ރުފިޔާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

"މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 35 ޕަސެންޓުގެ ކުރިއެރުމެއް،" ފަޒުލް ވިދާޅުވި އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 154 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 368 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް 139 ޕަސެންޓުގެ ކުރިއެރުމެކެވެ.

ފަޒުލް ވިދާޅުވީ މި ފައިދާ ލިބުނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު ދަންނަވަން،" ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީއަށް 2014 ވަނަ އަހަރު އިންޖިނިއަރިންގެ މަޝްރޫއުތަކުން މަސައްކަތުން 150.70 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު 337.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 121 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މެނުފެކްޗަރިންގެ ދާއިރާއިން 2014 ވަނަ އަހަރު 160.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު މި އަދަދު ވަނީ 182 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 27 ޕަސެންޓުގެ ކުރިއެރުމެކެވެ.

އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީއިން ސަރުކާރަށް ދައްކަން ޖެހޭ ޑިވިޑެންޓް ދައްކަން ފަށާފައިވާ ކަމަށެވެ.