ސިނަ މާލެ ބްރިޖް

ބްރިޖް ސައިޓްގައި ތިން ރެސްޓޯރެންޓް! ހުރިހާ ގޮތަކުން ފުރިހަމަ!

ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މިހާރު ދިވެހިން އެންމެ ގިނައިން ވާހަކަ ދައްކާ މައުލޫއަށް ވާނެ އެވެ. ބްރިޖްގެ މަސައްކަތުގައި ކަނޑަށް ހޮޅިއެއް ޖެހިޔަސް އެކަމެއް އޮންނަނީ ހަބަރުތަކުން ފެންނާށެވެ. މާލޭގެ އިރުމަތީ ފަރާތަށް އުއްމީދުގެ ދޯދިތައް ބަލައިލަން ޖަމާވަ މީހުން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެއް ބިޔަ މަޝްރޫއެވެ. މި މަޝްރޫއަށް ރާޅުގަނޑު ސަރަހައްދުން ފެށިގެން އުސްފަސްގަނޑު ސަރަހައްދަށް މިވަނީ ބޮޑު ސައިޓެއް އަޅާފަ އެވެ. އެ މަގުން ސައިކަލްގައި ދުއްވާލާފައިދާއިރު ވެސް ސައިޓްގެ ފުރިހަމަކަން ވަރަށް ރީއްޗަށް ފެނެ އެވެ. ޗައިނާ މީހުންގެ މަސައްކަތުގެ "ކޮލިޓީ" ފެނެ އެވެ. ފެންވަރުގެ ގެތައް އަޅާލާފައި ހުރިތަން ނުފެންނަ މީހަކު މާލޭގައި މިހާރު އުޅޭނެހެން ހިއެއް ނުވެ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކަށް އަދި ނުފެންނަ މަންޒަރެއް ބަލާލުމުގެ ނަސީބު އަވަސްގެ ނޫސްވެރިންނަށް ލިބިފަ އެވެ. ވަރަށް "ޑިސިޕްލިންކޮށް" މަސައްކަތްތައް ކުރަމުން އަންނަ ޗައިނާ - މޯލްޑިވްސް ބްރިޖް ސައިޓަށް ވަނުމުގެ ފުރުސަތެވެ. ސައިޓްގައި ހިނގާ މަސައްކަތްތަކާއި މީހުން އުޅޭ ނޫޅޭ ގޮތް ބަލާލުމުގެ ފުރުސަތެވެ. ސީސީސީސީގެ މަސައްކަތްތެރިންނާއި ވާހަކަ ދައްކާލައި ވާނުވާނުވާ އޮޅުން ފިލުވައިލާނެ ފުރުސަތެވެ.

އަވަސްގެ ނޫސްވެރިން ސީސީސީސީގެ ސައިޓަށް ވަންއިރު، އުއްމީދުކުރި ގޮތާއި އެތެރެއަށް ވަނުމުން ފެނުނު ކަންކަން މުޅިން ތަފާތެވެ. ޗައިނާ މީހުން ވަނީ އަވަސްގެ ނޫސްވެރިން ހައިރާންކޮށްލާފަ އެވެ.

ހުއްޓުން އެރި އެތައް ކަމެއް ސައިޓް ތެރެއިން ފެނުނެވެ. އެހެން ނަމަވެސް މިއީ އެ ސައިޓުން ފެނުނު އެއް ކަމެއްގެ ވާހަކައެކެވެ. ޗައިނާގެ އެމީހުންގެ ކެއުމާއި އެކަމުގެ އިންތިޒާމްތަކެވެ. މިހާރު ވެސް މަސައްކަތުގައި އުޅޭ 500 އަށްވުރެ ގިނަ މީހުންގެ ކެއުމަށް ކޮންމެ ދުވަހަކު ލައްކަ ގިނަ ތަކެތި ރޯފިލުވާނެ ނޫން ހެއްޔެވެ؟

ޗައިނީސް ރެސްޓޯރެންޓްތައް އަދިވެސް މާލޭގައި އެހާ ގިނަ އެއް ނޫނެވެ. ހުންނަނީ "ޗައިނާ ގާޑަން" ފަދަ ދެތިން ރެސްޓޯރެންޓެކެވެ. ނަމަވެސް ޗައިނީސް ކެއުންތަކަކީ ދިވެހިން ލޯބިކުރާ ކެއުންތަކެވެ. ބްރިޖް ސައިޓްގައި ޗައިނީސް ރެސްޓޯރެންޓެއް ވަނީ ހުޅުވާފަ އެވެ.

ބްރިޖް ސައިޓް އަވަސްގެ ނޫސްވެރިންނަށް ދައްކާލުމުގައި ހަރަކާތެރިވީ ސީސީސީސީގެ އިސް މުވައްޒަފެއް ކަމަށް އެލެކްސް އަކީ ޗައިނާގެ ރައްޔިތެކެވެ. ސައިޓްގެ އެކި ތަންތަން ދައްކަމުން ގޮސް އޭނާ ނޫސްވެރިން ގޮވައިގެން ގޮސް ވަނީ ސައިޓްގައި ތަރައްގީކޮށް ހިދުމަތް ދެމުން އަންނަ ރެސްޓޯރެންޓަށެވެ. އުސްފަސްގަނޑުގައި ހުރި އެ ރެސްޓޯރެންޓަށް ވަދެވުނީ އެހާ ޝައުގުވެރިވެގެން ވަންނަ ހިތަކުންނެއް ނޫނެވެ. ސަބަބަކީ ޗައިނާގެ މަސައްކަތެރިންގެ ކާގެ އަކީ މާ ޝައުގުވެރި ކަމެއް ހުންނާނެ ތަނެއް ކަމަށް ކުރިން އެއްގޮތަކަށް ވެސް ހީކުރެވިފައި ނެތީމަ އެވެ.

އެހެން ނަމަވެސް އެތެރައަށް ބޯ ދެވުމާއެކު އެންމެ ފުރަތަމަ ސަމާލުކަމަށް އަތުލީ އެތަނުގެ ސާފުތާހިރު ކަމާއި ރީތި ކަމެވެ. ގޮނޑި ތަކާއި މޭޒުތައް އަތުރާލާފައިހުރި ތަރުތީބެވެ. ފުރިހަމަ ރެސްޓޯރެންޓެއްގެ ސިފަ އެވެ. އެތާނގެ ތެރެއިން ގޮސް ދެން ވަދެވުނީ މައި ބަދިގެ އަށެވެ. މިއީ ހައިރާންވާރުގެ ތަނެކެވެ.

ވަދެވުނީ މެންދުރުގެ ކެއުމަށް ބަދިގެ ތެރޭގައި ފޯރީ ގަދަވެ، ހަލުއި ކަމާއެކު އެކި މީހުން ކާއެއްޗެއްހީގެ އެކި މަސައްކަތް ކުރަމުން ދިޔަ ވަގުތުގަ އެވެ. އެއް ބަޔަކު ގުނާ އަދަދު ނުކުރެވޭހާ ކުކުޅު ކުދި ކުދިކޮށް ކޮށަމުން ދިޔަ އެވެ. ކުކުޅުތައް ކޮށަމުން ދިޔައިރު ހެލްޕަރުންނާއި އިސް ކައްކާ ދިޔައީ ކުކުޅުތައް ރޯސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ތަނުގެ ވަސް ވަރަށް މީރެވެ. އިސާހިތަކު ކުޅުދިޔައި ކޮށްލި އެވެ.

"މިތާނގެ މީހުންނަށް އެންމެ މަގުބޫލު ކެއުމަކީ ކުކުޅު" އެލެކްސް ވިދާޅުވި އެވެ.

އެލެކްސް ތަންތަން ދައްކަމުން ކިޔައިދެމުން ދިޔަ އެވެ. މީރުހާ ކާއެއްޗެއްސާއި ކެއްކުމުގެ މަސައްކަތަކާއި ހިތްގައިމު މަންޒަރުތަކާއި ޗާލު ރެސްޓޯރެންޓް ފެނިފައ އެތަނުން ނުކުންނަ ހިތެއް ނުވި އެވެ. ތަފާތު ވައްތަރުގެ ކާނާތައް އެތަނުގައި ހުރީ އަތުރާލައި ބަރިޖަހާލާފައެވެ. މިއޮއް ތައްޔާރުވަމުން ދަނީ މެންދުރަށެވެ.

ވަގުތެއް ނެތެވެ. ބްރިޖް ސައިޓްގައި އަދިވެސް ބަލަން ހުރި ތަންތަން ވަރަށް ގިނަ އެވެ. އެހެންވެސް ކެންޓީނުން ނުކުތީ އެވެ. އެކަމަކު ނުކުންނަ ހިތަކުން ނޫނެވެ.

ދެން ދެވުނީ ސައިޓްގެ ތެރެއިން ރާޅުގަނޑާވީ ސަރަހައްދަށެވެ. އަޑި ޕާކް އޮތް ސަރަހައްދުން އަނެއް ކާވެސް މި ފެނުނީ ރެސްޓޯރެންޓެކެވެ. ސުވާލު އުފެދުނެވެ.

އެލްކްސް ވިދާޅުވި ގޮތުގައި އެ ރެސްޓޯރެންޓުން ވެސް ޗައިނީސް ހުރިހާ ކެއުމެއް ލިބޭނެ އެވެ. މި ރެސްޓޯރެންޓަކީ ކުރިން އުސްފަސްގަނޑުން ތަޖުރިބާކުރި ކެންޓީނު، މަސައްކަތްކުރާ ބައެއް މީހުންނަށް ދުރުވާތީ އެ މީހުންނަށް ލުއިކޮށްދޭން ހަދާފައި ހުރި ރެސްޓޯރެންޓެކެވެ.

މި ފެނުނީ ދެ ރެސްޓޯރެންޓެވެ. އެ ދެތަން ވެސް ވަރަށް ފުރިހަމަ އެވެ. ވަރަށް ހިތްގައިމެވެ. އެކަމަކު އަދިވެސް މި ނިމުނީއެއް ނޫނެވެ. އަދިވެސް އިތުރު ރެސްޓޯރެންޓެއް އެބަ ހުއްޓެވެ. އަދި ތަނަކީ މިއީ އެވެ. ކުރިން ފެނުނު ދެ ރެސްޓޯރެންޓަށް ވުރެ ވެސް ތަފާތެވެ.

މިތަން ހާއްސަކޮށްފައި ވަނީ ޗައިނީޒް ކެއުންތަކަކަށް ނޫނެވެ. ސައިޓްގައި ގިނައީ ޗައިނީސް މީހުން ނަމަވެސް، ބަންގްލަދޭޝްގެ ރައްޔިތުން ވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެ އެވެ. ދިވެހިންނަށް ޗައިނީސް ކެއުން ކަމުދިޔަ ނަމަވެސް އެ ކެއުމަކީ ބަންގްލަދޭޝް މީހުންނަށް ހަޖަމުވާ ކެއުމަކަށް ނުވެ އެވެ. އެހެން ކަމުން ތިންވަނަ ރެސްޓޯރެންޓް ހާއްސަކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށެވެ. އެތަނުން ލިބެނީ ބަންގްލަދޭޝްގެ މީހުންނަށް ހާއްސަ ކެއުމެވެ. ދިވެހިންގެ ވެސް ކެއުމެވެ.

ކޮންމެއަކަސް ބްރިޖް ސައިޓަށް ވަނީ އެ ސައިޓްގައި ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލާށެވެ. ނަމަވެސް އެތަނުން ނުކުތީ ޗައިނާގެ މަސައްކަތްތެރިންގެ މަސައްކަތުގެ ވައްޓަފާޅި އާއި މަސައްކަތުގެ އަހުލާގު ފުރިހަމަ އެތައް މަންޒަރެއް ލޮލުން ދެކި އަތުން ހިފުމަށްފަހު އެވެ. މީގެ ތެރެއިން ބްރިޖް ސައިޓުން ރެސްޓޯރެންޓްތަކަކީ ވަރަށް ބޮޑު ސަމާލު ކަމެއް އަވަސްގެ ނޫސްވެރިންނަށް ދެވުނު ތަންތަނެވެ. ސައިޓުން ފެނުނު އެހެން ބައެއް ކަންކަމުގެ ވާހަކަ އެހެން ރިޕޯޓްތަކުގައި އަދި ލިޔާނެ އެވެ.