ބޮލީވުޑް

ވަރިވާން އުޅޭ ވާހަކަ ކުނާލް ދޮގުކޮށްފި

Apr 17, 2016

މިއަހަރާއެކު ބޮލީވުޑްގެ ނަން މަޝްހޫރު ޖޯޑުތައް ވަރިވާ ނުވަތަ ވަކިވާ ވާހަކަ އަންނަނީ އިވެމުންނެވެ. މީގެތެރެއިން ބައެއް ތަރިން ވަކިވާން އުޅޭ ވާހަކަތަކަކީ ހަމަ އަރުވާލައިގެން އުޅޭ އަޑުތަކެކެވެ.

އެގޮތަށް މަޝްހޫރު ދެތަރިން ކަމަށްވާ ކުނާލް ކޭމޫ އާއި ސޮހާ އަލީ ޚާން ވަރިވާން އުޅޭ ކަމުގެ ވާހަކަތަކެއް އިއްޔެއިން ފެށިގެން ވަނީ ބޮޑަށް ދެކެވިފަ އެވެ. މިވާހަކަތައް ދެކެވެމުން ދަނިކޮށް ކުނާލް ވަނީ އޭނާއާ އަންހެނުން، ސޮހާ ވަރިވާން އުޅޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

ކުނާލް ކުރި ޓްވީޓްތަކެއް ވަނީ އޭނާގެ ކައިވެނީގެ މައްސަލަތަކެއް ޖެހެންވީ ކީއްވެގެން ކަމާއި އަދި އެދެމީހުން ވަރިވާން އުޅޭ ވާހަކަތަކަކީ ކިހިނެއް އަރުވާލައިގެން އުޅޭ އަޑުތަކެއްކަން ނޭނގޭ ކަމަށް ބުނެފަ އެވެ.

އިތުރަށް ކުނާލް ވަނީ އޭނާ ކަމަކަށް ކޮމިޓްމަންޓް ދީފިނަމަ، އޭނާ މީޑިއާތަކުގައި ދައްކާ ވާހަކަތަކުގެ އަޑުވެސް ނާހާނެ ކަމަށް ބުނެ އޭނާއާ ސޮހާގެ ދެމެދުގައި އެއްވެސް މައްސަލަ ޖެހިގެން ނޫޅޭކަން ޔަގީންވެސް ކޮށްދީފަ އެވެ.

ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއްވީ ފަހުން 2013 ވަނަ އަހަރުން ފެށިގެން އެކުގައި ދިރިއުޅެމުން އައުމަށްފަހު ކުނާލް އާއި ސޮހާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކުނާލް އާއި ސޮހާ ވަނީ "99" އާއި "ޑޫންޑްތެ ރެހެޖާ އޮގީ" ފަދަ ފިލްމުތަކުން އެކުގައި ފެނިގެން ގޮސްފަ އެވެ.