މޯލްޑިވިއަން އައިޑޮލް

ޖަޖުންގެ ބާރު ބޭނުންކޮށް ފަސް ބައިވެރިން ސަލާމަތްކޮށްފި

މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަސް ބައިވެރިންގެ ތެރެއިން ޝޯއާ އަލްވަދާއު ކިޔާނެ ބައިވެރިއެއް ނިންމުމަށް މިރޭ ބޭއްވި ޝޯ، "އެލިމިނޭޝަން ނައިޓް" ގައި ޖަޖުން، "ނޯއެލިމިނޭޝަން"ގެ ބާރު ބޭނުންކޮށް އެ ފަސް ބައިވެރިން ވެސް ސަލާމަތް ކޮށްފި އެވެ. ނޯ އެލިމިނޭޝަންގެ އަކީ މޯލްޑިވިއަން އައިޑޮލްގެ ކޮންމެ ސީޒަނެއްގައި ޖަޖުންނަށް އެއް ފަހަރު ބޭނުން ކުރެވޭ ހާއްސަ ބާރެކެވެ.

ޝޯގެ ޕްރެޒަންޓަރު، މޫސާ ވަސީމް އެލިމިނޭޝަންތައް އިއުލާން ކުރަން ފަށައިގަތީ ޒަލީފަށް ޝޯއަށް މަރުހަބާ ކިޔަމުންނެވެ. އޭނާއަށް ދެން އަންނަ ޝޯއަށް ދެވޭނެ ކަމުގެ އުފާވެރި ހަބަރާ އެކު އެވެ. ދެން އެއަށް ފަހު ލައިޝާ އަށް ވެސް ދެން އަންނަ ޝޯއިން ފުރުސަތު ލިބޭނެކަން އިއުލާން ކުރުމުން، ޖަޖުން ވަނީ މޫސަ ހުއްޓުވުވައި ކުޑަ ވަގުތުކޮޅެއް ދިނުމަށް އެދިފަ އެވެ. އެއަށް ފަހު ތިން ޖަޖުން މަޝްވަރާ ކުރުމަށް ފަހު އިއުލާން ކުރީ، މިރޭ އެއްވެސް ބައިވެރިއަކު ނުކަޓާ ޝޯގައި މަޑުކުރާނެ ކަމަށާއި މިއީ ނޯ އެލިމިނޭޝަން ނައިޓް ކަމަށެވެ. އެއާ އެކު ސްޓޭޖް މަތިން ފެނުނީ އުފާވެރި ކަމެވެ. އެންމެންގެ މޫނުމަތިން ވެސް ހިނިތުންވުމެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު ވިދާޅުވީ، ނޯ އެލިމިނޭޝަކީ ކޮންމެ ސީޒަނެއްގައި ޖަޖުންނަށް އެންމެ ފަހަރަކު ބޭނުންކުރެވޭނެ ބާރެއް ކަމަށާއި، ޖަޖުން މި ބާރު ބޭނުން ކުރުމުގައި ބަލަނީ ބައިވެރިން ހުށަހަޅައިދިން ހުށަހެޅުމަށް ބަލާފައި ދެވަނަ ފުރުސަތެއް ދިނުމަށް ފެނޭތޯ ކަމަށެވެ. ދެން އަންނަ ޝޯއެއްގައި ޓޮޕް ތިނެއް ހޮވާނެ ކަމަށާއި ދެން މި ސީޒަންގައި ނޯ އެލިމިނޭޝަން ޕަވާ ބޭނުން ނުކުރެވޭނެ ކަމަށް ޝާޔަން ވިދާޅުވި އެވެ. އަންނަ ޝޯގައި ކޮންމެވެސް ދެ ބައިވެރިއެއް ޝޯއާ އަލްވަދާއު ކިޔަން ޖެހޭނެ އެވެ.

މިރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި މަޝްހޫރު ފިލްމް ޑައިރެކްޓަރު ނަހުލާ ވަނީ ފެނިގެން ގޮސްފަ އެވެ. ބައިވެރިން ހުށަހަޅައި ދީފައި ވަނީ ވެސް ނަހުލާގެ ފިލްމްތަކުގެ ލަވަތަކެވެ.

ނަހުލާގެ އިތުރުން، ރަޝިޔާގެ މަޝްހޫރު ޝޯ، ދަ ވޮއިސްގައި ލަވަ ހުށަހަޅައިދިން ދިވެއްސެއް ކަމަށްވާ، ޑރ. ޝަމްރާހް ވެސް މިރޭގެ ޝޯގައި ފެނިގެންދިޔަ އެވެ. އޮޕޭރާ ސްޓައިލްއަށް ބަދަލުކޮށް ޝަމްރާހް ހުށަހަޅައިދިނީ "މޫނު ބުރުގާ" މި ލަވަ އެވެ. ގިނަ ބަޔެއްގެ ތައުރީފް އެ ލަވަޔަށް އަންނަނީ އޮހެމުންނެވެ.