ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދައުވާއަށް ޖަވާބުދާރީވުމަށް ވަކީލަކު އައްޔަންކުރުމަށް ފަސް ދުވަސް ޝަރީއަތުން ދީފި އެވެ. މިއީ ވިޝާމްގެ މައްޗަށް ޝަރީއަތް ފެށި ދެވަނަ ދައުވާ އެވެ.
ދައުލަތުން ވިޝާމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު މާލޭގައި މުޒާހަރާކުރަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަކުން މީހަކު ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން އެމީހާ ހައްޔަރުކުރީ ކީއްވެތޯ ބެލުމަށް ބަންދުކޮށްފައިވާ ސަރަހައްދަށް ވިޝާމް ވަދެފައިވާ ކަމަށެވެ. އެއީ އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ކުރި މުޒާހަރާއެކެވެ.
ވިޝާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ވެސް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ ފަށާފަ އެވެ. އެ ދައުވާއަށް ޖަވާބުދާރީވުމަށް ވަކީލަކު ހަމަޖެއްސުމަށް ވެސް ވިޝާމް ދީފައިވަނީ ފަސް ދުވަހެވެ.
އެ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްނަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 7:45 ހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފަިއވަނިކޮށް އިސްކަންދަރު ކޮށީ ދެއެއް ކައިރީގައި ތިބި މީހުންތަކެއް ދުރަށް ދިޔުމަށް އެންގި ވަގުތު އެތާގައި ހުރި މީހެއް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އެމީހާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް، ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ނޫސްވެރިޔާ ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާ ކަމަށެވެ.
ވިޝާމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ވެސް ދެވަނަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ.
މިދިޔަ އަހަރުގެ މާޗް މަހު 25 ވަނަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓް އާދަމް ޒަރީރުގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ. އަދި މިއަދު މެންދުރުފަހު ދެއެއް ޖަހާއިރު އެ މައްސަލާގެ ފުރަތަމަ އަޑުއެހުން އޮންނާނެ އެވެ. ޒަރީރުގެ މައްޗަށް އުފުލާފައިވަނީ، ފުލުހެއްގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.