ދިވެހި ސިނަމާ

4426 ގެ 25 ޕަސަންޓް މަސައްކަތް ނިމިއްޖެ: ނަހުލާ

އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު ތަފާތު ސްޓައިލަކަށް މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާ ހަދާ "4426" ފިލްމުގެ މަސައްކަތުގެ 25 ޕަސަންޓު މަސައްކަތް ނިމިއްޖެ ކަމަށް ނަހުލާ ބުނެފި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން ނަހުލާ ބުނީ ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. ނަހުލާގެ އަމާޒަކީ އެއް މަސް ދުވަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމުމެވެ. އެހެން ނަމަވެސް ފިލްމަކީ ތަފާތު، ވަރުގަދަ ފިލްމަކަށްވާތީ ފިލްމަށް ކުރަންޖެހޭ މަސައްކަތް ބުރަވުމުން އެންމެ ބާރު ސްޕީޑުގައި ފިލްމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާއިރު ފިލްމުގެ ހުރިހާ ތަރިންނަށް ނަހުލާގެ އެކްސްޕެކްޓެންސީ އާ ހަމައަށް އެކްޓް ކުރެވޭ ކަމަށް ނަހުލާ ބުންޏެވެ.

"ހުރިހާ ތަރިންގެ ޕާފޯމެންސްވެސް ވަރަށް ރަނގަޅު، ސީނިއާ ތަރިންނާއެކު އެއްވެސް އުނދަގުލެއްނެތި ޕާފޯމްކުރެވޭ ފެންވަރުގެ ތަރިން އެއީ" ނަހުލާ ބުންޏެވެ.

ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތަށް ހަތަރު ނުވަތަ ފަސް މަސް ދުވަސް ހޭދަވި ނަމަވެސް ފިލްމު މި އަހަރުތެރޭ ރިލީޒް ކުރާނެ ކަމަށެވެ. ނަހުލާ އާއެކު މި ފިލްމުގެ ޑައިރެކްޝަނުގައި ދެން ހަރަކާތްތެރިވާނީ އަހްމަދު ޝިނާނެވެ.

ނަހުލާގެ އެހެން ފިލްމްތަކާއި މި ފިލްމް ތަފާތުވާ އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ބިރުވެރި އަދި ލޯބީގެ ރަހަ ހިމެނޭ މި ފިލްމުގައި ލިޕް ސިންގް ކުރާ އެއްވެސް ލަވައެއް ނެތުމެވެ. ފިލްމު ފެށިގެން ނިމޭއިރުވެސް އެއްވެސް ލަވައެއް ނުހުންނާނެ އެވެ. އެކަމަކު ފިލްމްގެ ޕްރޮމޯޝަނަލް ލަވަތައް ހިމެނޭނެ ކަމަށް ނަހުލާ ބުންޏެވެ. މި ފިލްމްު ޕްރޮމޯޝަނަލް ލަވަ ކިއުއްވަން ހަމަޖެހިފައިވަނީ މިހާރު ޕީއެސްއެމުން ކުރިއަށް ގެންދ ާމޯލްޑިވިއަން އައިޑޮލްގެ ޓޮޕް ފައިވްގެ ބައިވެރިންގެ ތެރެއިން އެއްބައިވެރިއަކު ލައްވާ ކަމަށް ނަހުލާ ބުންޏެވެ.

އޯޕެން ބަޖެޓަކުން މި ފިލްމް ހަދާއިރު މި ފިލްމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ނަހުލާ ލަފާކުރެ އެވެ. މި ފިލްމުގެ މެއިން ސްޕޮންސާއެއް އަދި ހޮވާފައި ނުވިޔަސް މިހާރު އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ނަހުލާ ބުންޏެވެ. އޭނާ ބުނީ ފިލްމް ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ފިލްމުގެ މަންޒަރުތަކެއް މާލެ އާއި މާލެ ކައިރީގެ ދެރަށެއްގައި ނަގާއިރު އެދެރަށްވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ. މި ފިލްމް މާލޭގައި ޝޫޓު ކުރަން ހަމަޖެހިފައިވަނީ ފިލްމަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ ހަތަރު ބުރީގެ އިމާރާތެއްގަ އެވެ.

މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާއިރު ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންވެސް އެބަތިއްބެވެ. އެގޮތުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބު، އަދި ފައިސަލް ވެސް ހިމެނެ އެވެ. އަދި އަރަމުން އަންނަ ތިން ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޖުމެއިހް އަދި ޖުމައްޔިލް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.