ހުޅުމާލެ

އަންހެނުންނާއި ލޮލުގެ ހާއްސަ ދެ ސްޕެޝަލިސްޓުން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެނީ

އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. ގިރިޖާ ގުރުދާސް އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑރ. މަނީޝް ހަރްޝާލީ ބަލި މީހުން ބަލަން ނިންމާފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ސްޕެޝަލިސްޓުންނަކީ ރާއްޖޭގައި މިހާރު ލިބެންނެތް ސްޕެޝަލިސްޓު އަދި ސުޕަ ސްޕެޝަލިސްޓްގެ ޚިދުމަތްތަކާއި، އަދި ލިބެންހުރި ބައެއް ސުޕަ ސްޕަޝަލިޓީގެ ޚިދުމަތްތައް، ހުސްނުވާ އާސަންދައިގެ ދަށުން އެންޕެނަލްވެފައިވާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގެ އެހީއާއި އެކު، ކުރިއަށް ގެންދާ ޕްރޮގުރާމްގެ ދަށުން، ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން ޑރ. ގިރިޖާ ގުރުދާސް ދޭ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގެ ބަލިތަކާއި އަދި މާބަނޑުވުމާއި ވިހެއުމާ ގުޅިގެން ދިމާވާ މައްސަލަތަކަށެވެ. މީގެތެރޭގައި ގިނައިން ލޭއައުމާއި ، ރަހިމު އަދި އޯވަރީ އާއި ގުޅިފައިވާ އެކިއެކި ގުނަވަންތަކަށް ދިމާވާ މައްސަލަތައް ބަލާ ފަރުވާ ކުރުން ހިމެނެއެވެ.

ޑރ. މަނީޝް ހަރްޝާލީ ދެއްވާ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ ލޮލޮގެ ބަލިތަކާއި ލޮލޮގެ ނަންބަރު ނެގުމާއި ލޮލުގެ ސާޖަރީތަކަށް ސްކްރީންކުރުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.