ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާގައި ނަޝީދާއި އިމްރާން ބައިވެރިކުރަން މަޝްވަރާ ކުރާނެ: ޝައިނީ

ސިޔާސީ ޕާޓީތަކާއި އެކު ސަރުކާރުން ބޭއްވުމަށް މަސައްކަތްކުރަމުންދާ މަޝްވަރާ ބައްދަލުވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކުރުމާމެދު މިއަދު ރާއްޖެއަށް ވަޑައިގެންނެވި އދ. ގެ ވަފުދާއެކު މަޝްވަރާ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސިޔާސީ މަޝްވަރާތަކުގައި ނަޝީދާއި އިމްރާން ބައިވެރިކުރުމަކީ، އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުންދާ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އެންމެ މައިގަނޑު ޑިމާންޑެވެ. ޕާޓީ މަޝްވަރާ އިއުލާންކޮށް މަޝްވަރާތައް ފެށުމުންވެސް އެ ދެ ޕާޓީން ވަނީ މަޝްވަރާތަކަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން ނަޝީދާއި އިމްރާން ބައިވެރިކުރުމާ ދޭތެރޭ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސިޔާސީ މަޝްވަރާތަކަށް އެހީތެރިވެ ލަފާދިނުމަށް ސަރުކާރުގެ ދައުވަތަކަށް މިއަދު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އދ. ގެ ވަފުދާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ، ޝައިހް އިމްރާނާއި ރައީސް ނަޝީދު މަޝްވަރާތަކުގައި ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު އެކަމަށް ވަކި ގޮތެއް ނިންމޭނެ ކަމަށެވެ.

މިއަދުވެސް ޝައިނީ ވަނީ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ އެއްވެސް ސިޔާސީ ކުށްވެރިއަކު މިހާރު ޖަލުގައި ނުހުންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ޖަލުގައި ތިއްބެވި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންވެސް މިހާރު ޖަލުގައި ނެތް ކަމަށާއި އެ ބޭފުޅުންނަށްވެސް ކަންކަން ދާގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

"ނަޝީދު ވެސް އިމްރާން ވެސް މިހާރު ނެތް ޖަލަކު. އެ ބޭފުޅުންނަށް ވެސް މިހުރިހާ މައުލޫމާތެއް ދަނީ ލިބެމުން. އެހެންވީމަ ވަފްދުގެ ބޭފުޅުން ޕާޓީތަކާއި އެކު މަޝްވަރާކުރުމަށްފަހު އެމީހުން އެ ހުށަހަޅާ ޑިމާންޑްތަކާއި ކަންކަންމަށް ބެލުމަށްފަހު އެ ޑިމާންޑަކީ ކިހާވަރެއްގެ ޑިމާންޑެއްތޯ ބެލުމަށްފަހު އެނގޭނީ ވަކި އެއްޗެއް ބުނަން،" ޝައިނީ ވިދާޅުވި އެވެ.