ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ޑޮކްޓަރުގެ ލިޔުންތައް ހުށަހަޅާ ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދެފި

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުން މެދު ކަނޑާލުމަށްފަހު، ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑޮކްޓަރުގެ ލިޔުންތައް އަލުން ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅައިފި އެވެ. އަލުން ލިޔުންތައް ހުށަހެޅީ، ކަރެކްޝަނަލް ސާވިސްއިން އެގޮތަށް އެންގުމުންނެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް މިއަދު ވިދާޅުވެފައިވަނީ، ޑޮކްޓަރުގެ ލިޔުންތައް އަލުން ހުށަހަޅާފައިވާ ކަމަށާއި އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިފައި މިވަނީ ރައީސް ނަޝީދު އަނބުރާ ރާއްޖެ އަންނަން ކަރެކްޝަންސް އިން އަންގާފައި ވަނިކޮށެވެ.

އެނބުރި ރާއްޖެ ވަޑައިގަތުމަށް ރައީސް ނަޝީދަށް ކަރެކްޝަނަލުން އަންގާފައިވަނީ، ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ފަރުވާ ހޯދައި ޑޮކްޓަރުގެ ފަރާތުން ބޭނުންވާ ހުރިހާ ލިޔުންތައް ނަޝީދުގެ ފަރާތުން މިހާތަނަށް ދެއްވާފައި ނުވާތީ އެވެ.

"ގަވައިދުގައި ބުނާގޮތަށް ހުރިހާ ލިޔުމެއް ހަމަނުކޮށް އަދި ލިޔުންތަކުގެ ސައްހަކަމާއި މެދު ޝައްކު އުފެދޭތީ އަޅުގަނޑުމެން ވާނީ ނަޝީދު އަނބުރާ ރާއްޖެ އަންނަން އިއްޔެ އަންގާފައި،" ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެކަމާއި ބެހޭގޮތުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެފައިވަނީ، ކަރެކްޝަން ސާވިސް އަށް މައްސަލައަކަށްވީ ނަޝީދުގެ ބޭސްފަރުވާއާ ބެހޭ ހުރިހާ މައުލޫމާތެއް އެއް ލިޔުމެއްގައި ޝާއިރުކޮށްފައިވީމަ ކަމަށާއި އެހެން ކަމުން ކަރެކްޝަނުން އެދޭ ގޮތަށް ފަސް ލިޔުމަކަށް ބަހާލައިގެން ލިޔުން ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހިސާންގެ ވާހަކާގައި ނަޝީދު މިވަގުތު ރާއްޖެ ވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއްވެސް ދެއްވި އެވެ.