ވިޔަފާރި

އެކައުންޓު ހުޅުވުމަށް ބީއެމްއެލްއިން އެޕޮއިންޓްމަންޓް ދޫކުރަނީ

  • އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ހާއްސަބައެއް
  • ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާއެކު ހިދުމަތް ހޯދޭ
  • ރާއްޖޭގެ އެކި ހިސާބުތަކުން ހިދުމަތް ލިބޭ

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ކިއުގައި މަޑުނުކޮށް ބޭންކް އެކައުންޓް ހުޅުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކް އެކައުންޓް ހުޅުވުމަށް އެޕޮއިންޓްމަންޓް ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އެ ބޭންކްގައި އެކައުންޓް ހުޅުވުމަށް ބޭނުންވާ ކަސްޓަމަރުން ބީއެމްއެލްގެ ސެންޓަރު ގެ ނަންބަރު 3330200 އާ ގުޅުމުން ކަސްޓަމަރު ބޭނުންވާ ފަސޭހަ ގަޑިއެއްގައި އެކައުންޓް ހުޅުވުމަށް ބްރާންޗަށް އަންނަން ޖެހޭ ގަޑި ހަމަޖެހޭނެ ކަމަށެވެ. މި ހިދުމަތް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ރީޓެއިލް ބޭންކިން ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ މި ބަދަލުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މި ކަމަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިންމު އެއް ކަންތައް،" ޝަރީފު ވިދާޅުވި އެވެ.

"ބީއެމްއެލްގައި އެކައުންޓް ހުޅުވުން ކަސްޓަމަރުންނަށް މިހާރަށްވުރެ ލުއި ފަސޭހަ ވާންޖެހޭ. މި ނިޒާމު ތަޢާރަފްކުރުމާ ގުޅިގެން ކަސްޓަމަރުން ބްރާންޗްތަކުގައި ކިއުގައި މަޑު ކުރަން ނުޖެހި ވަގުތު ސަލާމަތް ކުރެވިގެންދާނެ. އަދިހަމަ އެހެންމެ އެކައުންޓް ހުޅުވުމަށް ވަކި ހާއްސަ މުވައްޒަފުން ތިބޭނެ.

ބީއެމްއެލް އިން މި ހިދުމަތް ދިނުމަށް ހާއްސަ ބައެއް ވަނީ ހަމަޖައްސާފަ އެވެ.

ޝަރީފު ވިދާޅުވީ މި ހިދުމަތް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބޭންކްތަކުންވެސް ލިބޭނެ ކަމަށެވެ.

"ބިޒްނަސްތަކަށްވެސް މި ހިދުމަތް ލިބޭނެ. ގުޅާލާފައި އެޕޮއިންޓްމަންޓް ހެދުމުން ދޭ ގަޑީގައި އައިސް މި ހިދުމަތް ހޯދޭނެ. އޭރުން ބޭނުންވާ ތަކެތި ހަމައަށް ގެނައުމުން ކިޔޫގައި އިތުރަށް މަޑު ނުކޮށް ހިދުމަތް ހޯދޭނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިން މިހާރު ދަނީ 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިން ވިއުގަޔަކާއެކު 260،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުންނެވެ.