ބޮލީވުޑް

"ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގެ ބަތަލަކީ ޓައިގާ ޝްރޮފް

Apr 18, 2016

ދެހާސް ބާރަވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާ ކަން ޑައިރެކްޓަރު ކަރަން ޖޯހަރު އިއުލާންކުރުމާއެކު މިފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނެ ތަރިންނާ ގުޅޭގޮތުން އަންނަނީ ތަފާތު ވާހަކަ ދެކެވެމުންނެވެ.

މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތަރު މިފިލްމުން ބޮލީވުޑަށް ތައްރާފުވާނެ ކަމުގެ ވާހަކަވެސް ވަނީ ދެކެވިފަ އެވެ. ނަމަވެސް މިފިލްމުގެ ލީޑްތަރިއަކަށް ޓައިގާ ޝްރޮފް ފިލްމު އުފައްދާ ފަރާތުން މިހާރު ހަމަޖައްސާފައިވާ ކަމަށްވެ އެވެ.

ނޫސްތަކުގައިވާ ގޮތުން ބަތަލުގެ ރޯލަށް ޓައިގާ ހަމަޖައްސާފައިވާއިރު، ބަތަލާގެ ރޯލު ކުޅޭނެ މުޅިން އާ ކުދިން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޓައިގާ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2014 ވަނަ އަހަރު ނިކުތް "ހީރޯޕަންތީ" އިންނެވެ. މިފިލްމުގެ ލިޑްތަރިއަށް ޓައިގާ ހަމަޖެއްސި ހަބަރާއެކު މިފިލްމުގައި އެކްޝަން ގިނަ މަންޒަރުތަކާއި ޓައިގާގެ މޮޅެތި ނެށުން ފެނިގެންދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

މިފިލްމު ޕްރޮޑިއުސްކުރަނީ ކަރަން އެވެ. އަދި ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ޕުނިތް މަލްހޯތުރާ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ފުރަތަމަ ބައިން ވަރުން ދަވަން އާއި ސިދާތް މަލްހޯތުރާ އަދި އާލިއާ ބަޓް ވަނީ ބޮލީވުޑަށް ތައާރަފުވެފަ އެވެ.