ޑެންގީއަކީ ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. މަދިރީގެ ސަބަބުން ޖެހޭ މި ބަލީގެ ޝިކާރައަކަށްވެ އެތައް ބަޔަކު ރާއްޖެއިންވެސް ވަނީ މަރުވެފަ އެވެ. މިވީހާ ދުވަހު މި ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުވަތަ ވެކްސިނެއް ނެތް ނަމަވެސް ސައިންސްވެެރިން އެކުވެ، އެކަން މިއަދު މި ވަނީ ކާމިޔާބުކޮށްފަ އެވެ.
ވިހި އަހަރުގެ ދިރާސާއަކަށްފަހު ތައްޔާރުކުރި މި އާ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ފެހި ސިގްނަލް ދީފައިވާއިރު ވެކްސިން ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް ވެސް އިރުޝާދު ވަނީ ނެރެފަ އެވެ.
މި ދިރާސާގައި 29،000 މީހުން ބައިވެރިކޮށް ޓެސްޓްތަކެއް ހަދާފައިވެ އެވެ. މި ވެކްސިނަށް ދީފައިވާ ނަމަކީ ޑެންގްވޭޒިއާ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައިބޯ އެނބުރުމާއި، ބޮލުގެ ރިއްސުމާއި، ކަށީގައި ރިއްސުން ހިމެނެ އެވެ. މިބައްޔަކީ ބަލީގެ ފުރަތަމަކޮޅު އަޅާނުލެއްވިއްޖެނަމަ މަރާއި ހިސާބަށް ދާ ވަރުގެ ބައްޔެކެވެެ. މި ބަލީގެ ޝިކާރައަކަށް އަހަރަކު 390 މިލިއަން މީހުންވާ ކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިބަލި އަންމުކޮށް ފެތުރޭ ކަމަށް ރިޕޯޓު ކޮށްފައިވަނީ 120 ގައުމެެއްގަ އެވެ. މި ބަލީ އާންމުކޮށް ފެތުރޭ ހިސާބުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އިރުމަތީ އޭޝިއާ އާ ލެޓިން އެމެރިކާ އަދި އެފްރިކާގެ ގައުމުތަކެވެ.
މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ޑަބްލިއުއެޗްއޯއިން ވަނީ ހަތަރު ގައުމަކަށް މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފަ އެވެ. އެއީ މެކްސިކޯ އާ، ބްރެޒިލް، އެލް ސަލްވަޑޯ އަދި ފިލިޕީންސް އެވެ.
ޑެންގީ އާންމުކޮށް ފެތުރޭ ކަމަށްވަނީ ދެމޫސުން ބަދަލުވާ ދުވަސްވަރެވެ. މި ބައްޔަށް ވެކްސިނެއް ތައްޔާރުކުރަން އެހާ ގިނަދުވަސް ހޭދަވެފައިވަނީ މި ބަލި ފަތުރާ ވައިރަސްގެ ވަރުގަދަ ކަމާއި ތަފާތުކަމުން ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި މި ވެކްސިންއަކީ ވަރަށް އަގުބޮޑު ވެކްސިނެއް ކަމަށްވެސް ސައިންސްވެރިން ބުނެ އެވެ.
މި ވެކްސިންގެ ސަބަބުން އަހަރަކު 104 މަރު މަދުކުރެވި 8000 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ނުކޮށް ވާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އަދި ސިއްހީ ކަންކަމަށް ކުރާ ހޭދައިން އަހަރަކު 65 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ވެކްސިންގެ ސަބަބުން، ޑެންގީ ހުން ޖެހޭ 10 މީހަކު ނުވަ މީހަކު ސަލާމަތް ކުރެވޭ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އަދި މި ހުންޖެހޭ 10 މީހަކުން އަށް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކުރަން ނުޖެހި ސަލާމަތްކުރެވޭ ކަމަށް ސައިންސްވެރިން ބުނެ އެވެ. މި ވެކްސިން އުފެއްދުމަށް 1.6 ބިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.