ދުނިޔެ

ޖަޕާނަށް އިތުރު ލޮޅުންތަކެއް އަރާނެ ކަމުގެ އިންޒާރު!

މިދިޔަ ހަފުތާ ތެރޭގައި ޖަޕާނަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން އަދިވެސް ބާރުގަދަ ލޮޅުންތަކެއް އެ ގައުމަށް އަރާނެ ކަމުގެ އިންޒާރުދީފި އެވެ. މީގެކުރިން ވެސް ގިނަ އަދަދެއްގެ ލޮޅުންތަކެއް އަރާފައިވެ އެވެ.

ޖަޕާނުގެ މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ލޮޅުންތަކެއް ޖަޕާނަށް އަރާނެ އެވެ.

ޖަޕަނީސް ރެޑް ކްރޮސް ސޮސައިޓީން ބުނެފައިވާ ގޮތުގައި 250،000 މީހުންނަށް ވަނީ އެމީހުންގެ ގެތައް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް އިލްތިމާސްކޮށްފަ އެވެ. ލޮޅުންތަކުގެ ސަބަބުން އިތުރު ގެއްލުންތަކެއް ވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޖަޕާނުގެ ދެކުނުގެ ސަރަޙައްދެއްކަމަށްވާ ކުމަމޯޓޯ ޕްރިފެކްޗާއަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން 42 މީހުން މަރުވެފައިވެ އެވެ. އަދި ހާހަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޖަޕާނުގެ ފުލުހުން ބުނާ ގޮތުގައި 11 މީހުން އަދިވެސް ނުފެނެ އެވެ.