ބޮލީވުޑް

އެކުގައި ފިލްމެއް ކުޅުމުގެ ވިސްނުމެއް ޝާހިދާއި ކަރީނާގެ ނެތް

Apr 18, 2016

ކުރީގެ ދެލޯބިވެރިން ކަމަށްވާ ޝާހީދު ކަޕޫރާއި ކަރީނާ ކަޕޫރު ރުޅިވިތާ ދިހަ އަހަރު ފަހުން މިދެތަރިން ވަނީ "އުޅްތާ ޕަންޖާބު"ގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިވެފަ އެވެ.

މިދެތަރިން ރުޅިވިފަހުން ދެމީހުންވެސް މިހާރު ކައިވެނިކޮށްފައިވާއިރު، ރުޅިވިފަހުން ފުރަތަމަ ފަހަރަށް ވަނީ އެކުގައި ހުކުރު ދުވަހު ފެނިގެން ގޮސްފަ އެވެ. މީޑިއާ ކުރިމަތިލާން ޖެހުމުން ދެމީހުންގެ ވެސް މޫނުމަތިން ނުތަނަވަސްކަން ފެނިފައިވާއިރު، ދެމީހުން އުޅެފައިވަނީ ވަރަށް ދުރުދުރުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށް ނޫސްތަކުގައިވެ އެވެ.

މިއިވެންޓުގައި ޝާހިދު އާއި ކަރީނާ އެކުގައި ފެނިގެން ދިއުމުން މިދެތަރިން އެކުގައި ކުޅެފައިވާ ކާމިޔާބު ފިލްމު "ޖަބްވީ މެޓް"ގެ ދެވަނަ ބައެއް އުފައްދާނެ ތޯ ނުވަތަ މިދެތަރިން މިފިލްމުގެ ދެވަނަ ބައިން ފެނިގެން ގޮސްދާނެތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން ޝާހިދު ވަނީ އެފިލްމު އުފައްދާނަމަ މިހާ ދުވަސްވީއިރު އޮންނާނީ އުފައްދާފައި ކަމަށާއި އެކަހަލަ ހިޔާލެއް މިހާރު ޑައިރެކްޓަރު އިމްތިޔާޒު އަލީ ވެސް ގެންގުޅޭހެން ހީ ނުވާ ކަމަށް ބުނެފަ އެވެ.

ޝާހިދު ވަނީ ކަރީނާ ކައިރީ އޭނާ އެކަމާ މެދު ބުނަނީ ކީކޭތޯ އަހާފަ އެވެ. ޖަވާބުގައި ކަރީނާ ވެސް ވަނީ އެފިލްމުގެ ދެވަނަ ބައެއް އުފައްދާނެތޯ އެ ސުވާލު ކުރަން ޖެހޭނީ ޑައިރެކްޓަރާ ކަމަށާއި "ޖަބްވީ މެޓް" ބަލަން ބޭނުން ނަމަ އަބަދުވެސް އެފިލްމުގެ ޑީވީޑީ ބާޒާރުން ލިބެން ހުންނާނެ ކަމަށް ބުނެފަ އެވެ.

ޝާހިދު އާއި ކަރީނާގެ ވާހަކަތަކުން ކުރިއަށް އޮތް ތަނުގައި އެދެމީހުން އެކުގައި ފިލްމެއް ކުޅުމުގެ ވިސްނުމެއް ގެންގުޅޭހެން ހިޔެއްނުވެ އެވެ.

މިހާރު "އުޅްތާ ޕަންޖާބު"ގެ ޕްރޮމޯޝަން ފެށިގެން ކުރިއަށް ދާއިރު، މިދެތަރިން އެފިލްމުގައި އުޅުނު ނަމަވެސް އެކުގައި ފިލްމުގެ އެންމެ މަންޒަރެއްވެސް ކުޅެފައެއް ނުވެ އެވެ.