ދުނިޔެ

ނިއުކްލިއާ ފަސް ވަނަ ޓެސްޓަކަށް އުތުރު ކޮރެއާ ތައްޔާރުވެއްޖެ

Apr 18, 2016

ސޯލް (18 އެޕްރީލް) - ނިއުކްލިއާ އިތުރު ޓެސްޓަކަށް އުތުރު ކޮރެއާ ތައްޔާރުވަމުން އަންނަ ކަމުގެ އަލާމާތްތަކެއް ފެންމަތިވެ އެކަން ފާހަގަކުރެވިފައިވާ ކަމަށް ދެކުނު ކޮރެއާގެ ރައީސް ޕާކް ގުއޭން-ހަޔޭ ވިދާޅުވެއްޖެ އެވެ.

ނަމަވެސް މި ޓެސްޓަކާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. މި ވާހަކަ އަކީ ހަގީގަތެއް ނަމަ އުތުރު ކޮރެއާ އިން މިހާރު ތައްޔާރުވަމުން އެ ދަނީ އެމީހުންގެ، ނިއުކްލިއާ ފަސް ވަނަ ޓެސްޓަށެވެ.

އުތުރު ކޮރެއާ އިން އެންމެފަހުން ނިއުކްލިއާ ޓެސްޓެއްކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން ރޮކެޓް ޓެސްޓަކާ އެކު ކޮރެއަން ޕެނިސިއުލާ ހަނގުރާމައެއްގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި އެވެ.

ނިއުކްލިއާ ގާބިލުކަމުގައި އުތުރު ކޮރެއާ އިން މިފަދަ "ބޮޑޫ މަންޒަރެއް" ދުނިޔެ އަށް ދައްކަމުން ދިޔަ ނަމަވެސް ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ނިއުކްލިއާ ޓެކްނޮލޮޖީ އާއި އެއް ބަރުން އަނެއް ބައްރަށް ހަމަލާ ދެވޭ ފެންވަރުގެ ބެލިސްޓިކް މިސައިލް ތަރައްގީކުރުމުގެ ގާބިލުކަން އުތުރު ކޮރެއާ އަށް ލިބިގެނެއް ނުވެ އެވެ.

ނަމަވެސް އެގައުމުގެ ނިއުކްލިއާ މައްސަލަ އަށް މިހާރު ގާތްގަނޑަކަށް 20 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނިއުކްލިއާ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައިން ވަނީ އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ސިލްސިލާ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.

އެހެން ނަމަވެސް އެގައުމުން ދަނީ މި މައްސަލާގައި ބަސް އެހުމެއް ނެތި ކުރިއަށެވެ.