ސުވިމިން އެސޯސިއޭޝަންގެ އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ފެތުމުގެ ހަރަކާތްތައް ހިންގާ ކުރިއަރުވަން އެހީތެރިވެދޭނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމެއްގައި ފެތުމަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ ރާއްޖެފަދަ ގައުމަކަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ބައިވެރިވެ، އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ސުވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ މި އެއްބަސްވުމަށްފަހު ސަރުކާރާއި އޮލިމްޕިކް ކޮމެޓީ ފިޔަވާ ފެތުމުގެ ޕްރޮގްރާމްތައް ހިންގާ ކުރިއަރުވަން އެންމެ ބޮޑު ކޮންޓްރިބިއުޓެއް ދޭނީ ބީއެމްއެލުން ކަމަށެވެ. އެގޮތުން ޓްރެކް ސަރަހައްދުގައި އިތުރު ޕްލެޓްފޯމެއް ވަރަށް އަވަހަށް އަޅާނެ ކަމަށާއި މާލެ އާއި އަތޮޅު ތެރޭގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.
އާ ފެތުންތެރިން އުފައްދާ ގިނަ ބަޔަކަށް ފަތަން ދަސްކޮށްދޭން ތަފާތު ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ. މި އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެކެވެ.