ދުނިޔެ

އިދިކޮޅު ހަނގުރާމަވެރިން އަސަދާ ދެކޮޅަށް ހަނގުރާމަ ފަށަނީ!

ސީރިޔާގެ ސަރުކާރު ކޯލިޝަނުން ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި އެއްބަސްވުމާއި ޚިލާފުވި ކަމަށް ބުނެ، ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އަލުން ސަރުކާރު ކޯލިޝަނާއި ދެކޮޅަށް ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ދީފިއެވެ.

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ އަސަދުގެ ސަރުކާރު ކޯލިޝަނާއި ދެކޮޅަށް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ދިން އިންޒާރުގައި ބުނެފައިވަނީ، މިހަމަލާތަކަކީ ސަރުކާރު ކޯލިޝަނުން ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި ދުވަސްވަރު ދިން ހަމަލާތަކަށް ދޭ ރައްދެއް ކަމަށެވެ.

ސީރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން އަންނަ ހުރިހާ ޖަމާޢަތަކުން ވަނީ ކޯލިޝަނެއް ހަދާ، ޖޮއިންޓް ސްޓޭމެންޓެއް ވެސް ނެރެފައެވެ. އިދިކޮޅު ކޯލިޝަނުން ނެރުނު ސްޓޭޓްމެންޓްގައި ބުނެފައިވަނީ، ސަރުކާރު ކޯލިޝަނުން އާންމުންނަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށެވެ. އަދި އާންމުންނަށް ދޭ ހަމަލާތަކާއި ގުޅިގެން ދޭ ރައްދަކީ ހުރިހާ އިދިކޮޅު ޖަމާއަތްތަކުން ގުޅިގެން ދޭނެ ވަރަށް ވަރުގަދަ ހަމަލާއެއް ކަމަށެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ކޯލިޝަނުން ނެރުނު ސްޓޭޓްމެންޓްގައި ބުނެފައިވަނީ، ޖޮއިންޓް އޮޕެރޭޝަން ސްޓޭޝަންތަކެއް ގާއިމު ކުރާނެ ކަމަށެވެ. އިތުރަށް އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެޔެވެ.