ލައިފްސްޓައިލް

ދަރިފުޅު ދިމާއަށް އެއްޗެހި ބުނަނީތަ؟ އެއީ ރުޅި އަންނަންވީ ކަމެއް ނޫން!

ދަރިފުޅު ދިމާލަށް އެއްޗެހި ބުނުމަކީ އެއްވެސް މަންމަ އަކަށް އަދި ބައްޕައަކަށް ގަބޫލު ކުރެވޭނެ ކަމެކެވެ. އެކަމަކީ ހަޖަމް ކުރެވޭނެ ކަމަކަށްނުވެ އެވެ. ރުޅި ނައިސް އަޅާނުލާ ހުރެވޭނެ ކަމަކަށް ނުވެ އެވެ. އަދި މިއީ "މޫނުމަތީ ޒުވާބު ކުރުމޭ" ގިނަ މައިންބަފައިންނަށް ހީވެ އެވެ.

"ނުކިޔަވާނަން، ނުވޭ ކިޔަވާހިތެއް މިގަޑީގައި، މާދަން ކިޔަވާނީ، މަންމަ ބުންޏަސް މިގަޑީގައި ނުކިޔަވާނަން." މިއީ ހަތް އަހަރުގެ ކުއްޖަކު ގާތު ކިޔަވަން ބުނުމުން އޭނަ ދިން ޖަވާބެވެ. މި ޖަވާބުން މަންމަގެ "ރިއެކްޝަން" އަންނާނީ ކިހިނެއް ކަން އެންމެނަށްވެސް އެނގެ އެވެ. ރުޅި އައިސްގެން ހަޅޭއްލަވައިގަންނާނީ އެވެ. ނޫނީ ބައެއް ފަހަރު އަނގަމަތީ ހިފާނީ އެވެ. ނުވަތަ ޖަހާނީ އެވެ. މިކަހަލަ އެއްޗެއް ދަރިފުޅު ބުނެފިނަމަ ރުޅި ނައިސް ހުންނާނީ ކިހިނެއް ހެއްޔޭ ހިތަށް އެރި ނޫން ހެއްޔެވެ؟

ކުދިން މިގޮތަށް އެއްޗެހި ބުނަނީ ކީއްވެކަމާއި އަދި މިކަމާއި އުފާވާންވީ ކީއްވެކަން ކުޑަކުދިންގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ކެލީ ފްލެނަގަން މިވަނީ ވަރަށް ސާފުކޮށް ބުނެދީފަ އެވެ. އޭނާގެ ބްލޮގްގައި އޭނާ ބުނަނީ ކަމެއް ކުރާށޭ ބުނުމުން ނުކުރާނަމޭ ކުދިން ބުނަނީ ކުދިން ބޭނުންވާ ގޮތް އެންގުމަށެވެ. މިކަމުން ކުދިންނަށް ކެރޭ މިންވަރު ދެނެގަނެވޭ ކަމަށެވެ އެވެ. އަމިއްލަ ގޮތް އިހްތިޔާރު ބޭނުންކުރަން ކުދިންނަށް އެނގޭކަންވެސް ދެނެގަނެވޭ ކަމަށްވެ އެވެ. އަދި މިއީ ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމެއް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ކެލީގެ މި ލިޔުމުގައި ސައިންސްވެރިންކޮށްފައިވާ ދިރާސާއަކަށް ވެސް އަލިއަޅުވާލާފައިވެ އެވެ. އެއީ 2011 ވަނަ އަހަރު ޖާނަލް ޗައިލްޑް ޑިވެލޮޕްމަންޓުގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. އޭގައިވަނީ މައިންބަފައިން އެއްޗެއް ބުނުމުން ދިމާލަށް އެއްޗެހި ބުނާ ކުދިންނަށް ގިނަ ދުވަސްތަކެއް ވަންދެން އޭގެ ފައިދާ ކުރާ ކަމަށެވެ. ނަމަވެސް އެއީ މަޑުމައިތިރި ކަމާއެކު ރީތިކޮށް ބުނާނަމަ އެވެ. ރުޅި އައިސްގެން ޒުވާބުކޮށް އެއްޗެހި ހަލާކުކުރާ ކުދިންނަށް އެއްވެސް ކަހަލަ ފައިދާއެއް ނުކުރާ ކަމަށެވެ.

ކުދިން މިގޮތަށް މައިންބަފައިން ގާތުވެސް އެކުދިން ބޭނުންވާ ކަންތައްތައް އަންގާ ކުރަން ބޭނުން ނޫން ކަންތައްތައް ކުރަން ބޭނުން ނޫކަން ސާފުކޮށް އަންގާނަމަ ދިރިއުޅުމުގައި ގޮތެއް ނިންމަންޖެހޭ ހާލަތެއް މެދުވެރިވުމުން މީހަކު ބުނީތީ އެކަމަކަށް އާއެކޭ ބުނުމުގެ ބަދަލުގައި ނޫނެކޭ ބުނަން ބޭނުންވެއްޖެ ހާލަތުގައި އެކަން ކުރަން ކުއްޖާއަށް އެނގި ކެރޭ ކަމަށް މި ދިރާސާއިން ދައްކަ އެވެ. އަދި އަމިއްލަ އިހުސާސްތައް ފާޅުކުރަންވެސް ކުދިންނަށް ލިބޭ ހިތްވަރަކަށް އެކަންވެ އެވެ. މިއީ ޅައުމުރުގައި ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމެކެވެ. ކަންކަމުގައި ގޮތް ނިންމާ އަމިއްލަ ހިޔާލުފާޅުކުރަން ދަސްވާ ކަމަކަށް މިކަންވެ އެވެ. ނަމަވެސް ކުއްޖާ ވާހަކަ ދައްކާ ޓޯން ނުވަތަ ރާގު ދެނެގަންނަން ޖެހެ އެވެ. ރުޅި އައިސް އެއްޗެހި ކިޔާ ޓޯން އަށްތޯ ނުވަތަ މަޑުމައިތިރި ކަމާއެކު މަޑުމަޑުން ތޯ ބަލަން ޖެހެ އެވެ. މީގައި ކުއްޖާއަް ދަސްކޮށްދޭންވީ މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކާށެވެ. ކުދިން ދިމާލަށް އެއްޗެހި ކިއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދެންމެ މި ބުނިހެން ރާގު ވަރަށް މުހިންމެވެ. އަދި ހަނދާން ކުރަންޖެހޭ ކަމަކީ ކުދިން ކަންތައްތައް ދަސްކުރާނީ އެމީހުންނަށް ފެންނަ މަންޒަރުތަކުން ކަމެވެ.