ލައިފްސްޓައިލް

ބޯ ދުންގަނޑުގެ ތެރެއިން ފެނުނު އެންމެ ހިތްވަރުގަދަ މީހާ!

މިއަދު ހަވީރު އިވިގެން ދިޔައީ މާލޭގެ އިމާރާތެއްގައި ރޯވި ހަބަރެވެ. ލަފާކުރެވުނު ވަރަށްވުރެ ހާދިސާ ބޮޑުވެ، ކޯސްޓްލައިން އިމާރާތުގައި ރޯވި އަލިފާންގަނޑު ވަނީ ކައިރި އެހެން އިމާރާތްތަކަށް ވެސް ފެތުރިފަ އެވެ. މިއީ މިފަހުން މާލޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.

ހަވީރު 16:33 ގައި ސިފައިންނަށް މިކަން ރިޕޯޓްކުރުމާ އެކު ފެށި މަސައްކަތުގައި އަލިފާންގަނޑު ކޮންޓްރޯލުކުރެވުނީ ތިން ގަޑިއިރު ފަހުންނެވެ.

އަލިފާންގަނޑު ކޮންޓްރޯލު ނުވެ، އަލިފާންގަނޑު ފެތުރެން ފެށުމުން އާންމުން ވަނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިފަ އެވެ. ސިފައިންގެ މަސައްކަތަށާއި ވަސީލަތްތަކާމެދު ސުވާލު އުފައްދަމުން ދިޔަ ބަޔަކު ވެސް ތިއްބެވެ. މިފަދަ ހާލަތްތަކުގައި އާންމުކޮށް ވާގޮތަކީ ވެސް މިއީ އެވެ. ސިފައިންގެ އިތުރުން އަލިފާންގަނޑު ނިއްވުމުގައި އާންމުން ވެސް ބައިވެރިވި އެވެ.

ގޭގޭގައި ތިބި ދުވަސްވީ މީހުން އުރާލައިގެން ނެރެ އެމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގައި ވެސް އާންމުން ވަނީ ހަރަކާތްތެރިވެފަ އެވެ. މި އެންމެންގެ ތެރެއިން ވެސް އެތައް ބައެއްގެ ތައުރީފު އަމާޒުވެފައި މިވަނީ އެންމެ މީހަކަށެވެ. އެއީ މެދު އުމުރުގެ ފިރިހެނެކެވެ.

އެމީހާއަކީ އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިގެން ދިޔަ ވަގުތު އަލިފާންގަނޑު ނިއްވުމަށް އޭނާއަށް ކުޅަދާނަވީ މިންވަރުން މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

އިމާރާތުގެ ބެލްކަންޏެއްގައި ހުރެ، އެމީހާ ވަނީ ގެއިން ފެން ހޮޅިއެއް ދޫކޮށް، އަލިފާންގަނޑަށް ފެން ޖަހައިފަ އެވެ. ފެތުރިފައި އޮތް އަލިފާންގަނޑަށް އަދި އޭގެ ސަބަބުން ފުއްޕާލާފައި އޮތް އޮލަ ދުންގަނޑަށް ބަލާއިރު އެ މީހާގެ އެޕާޓްމަންޓުން ނެރެފައިވާ ފެން ހޮޅީގެ މިންވަރު އެއްގޮތަކަށް ވެސް އެއާ ބައްދަލެއް ނުކުރެ އެވެ. އެ ފެން ހޮޅިން އެ އަލިފާންގަނޑު ކޮންޓްރޯލުނުވާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. ނަމަވެސް އެމީހާ ވަނީ ގާބިލުކަން ހުރި މިންވަރުން އިޖުތިމާއީ ޒިންމާ އަދާކޮށް، މުޅި ގައުމަށް ނަމޫނާ ދައްކައި ހިތްވަރަކަށް ބަދަލުވެފަ އެވެ.

"ހިތްވަރުގަދަ މީހެއް، ސެލިއުޓްކުރަން، އެހީ އަކީ އެހީ، ކުޑަ ބޮޑު މިނެއް ނެތް،" އެމީހާއަށް ތައުރީފުކުރަމުން މީހަކު ބުނެފައިވެ އެވެ.

ތެދެކެވެ. އެހީއަކީ ކުޑަބޮޑުމިނެއް އޮންނަ އެއްޗެއް ނޫނެވެ. އެހީ ވަނީ އެހީއަށެވެ. މިފަދަ ހިތާމަވެރި ދަނޑިވަޅުތަކުގައި އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޖުތިމާއީ ޒިންމާއެކެވެ.

އެމީހާއަށް ލިބެމުން މިދާ ތައުރީފަކީ ލިބުން ހައްގު ތައުރީފެކެވެ. "ފޮޓޯ އޮފް ދަ ޑޭ"އަށް ވެފައިވާ މި ފޮޓޯއިން ފެންނަ މީހާއަށް ސެލިއުޓް ކުރަމެވެ.