އަލިފާން

ފިހާރަ ހުންނާނީ އިންޝްއަރެންސްކޮށްފައި: ކޯސްޓްލައިން

Apr 18, 2016
2

އަނދައި ހުލިވި ފިހާރަ ހުންނާނީ އިންޝްއަރެންސް ކޮށްފައި ކަމަށް ކޯސްޓްލައިން ހާޑްވެއާގެ ޑިރެކްޓަރު، ހުސެން މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ހުސެން ވިދާޅުވީ، ފިހާރަ އަނދައިގެން ދިޔުމުން ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ހިސާބުތައް ރަނގަޅަށް ބަލާފައި ނޫނީ، ގެއްލުމުގެ އަދަދެއް ދަންނަވަން ދަތި ކަމަށް، ހުސެންފުޅު ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކޯސްޓްލައިން އަކީ ވަރަށް ގިނަ ބާވަތުގެ ވިޔަފާރި ކުރާ ބަޔަކަށް ވެފައި އެތަނުގައި އެތައް ވައްތަރެއްގެ މުދާ ހުރުމުންނެވެ.

"ވިޔަފާރީގެ ކަންކަން މި ހުރި ގޮތުން އިންޝްއަރެންސް ކޮށްފައި އެތަން އެ ހުރީ. އެތަނަށް ލިބުނު ގެއްލުމުގެ އަދަދު އަންދާޒާ ކުރަން ވެސް ދަތި،" ހުސެންފުޅު ވިދާޅުވި އެވެ.

ހުސެންފުޅު ވިދާޅުވީ މިވަގުތު އެންމެ ކަންބޮޑު ވަނީ އެ ހާދިސާގެ ސަބަބުން އެތަނާ ކައިރީގައި ދިރިއުޅުނު ބައެއް އާއިލާތަކަށް އަސަރު ކުރުމުންނެވެ. އެ މީހުންގެ ހާލު އޭނާ ބައްލަވަމުން ގެންދަވާ ކަމަށް ހުސެންފުޅު ވިދާޅުވި އެވެ.

"އަޅުގަނޑު މިވަގުތު ވެސް މި ހުރީ، ޑިޒާސްޓާގައި ތިބި އާއިލާތަކުގެ ހާލު ބެލުމަށް އެތަނަށް އައިސް. އެބޭފުޅުންނަށް ބޭނުންވާނެ އެހީ އަކީ ކޮބައިތޯ އާއި ޑިޒާސްޓާ އިން ކަންކަން ކުރާ ގޮތާ އެކަންކަން ބެލުމުގައި އަޅުގަނޑު މި ހުރީ. އެންމެ ބޮޑަށް ކަންބޮޑު ވަނީ މި އާއިލާތަކާ މެދު. އެއީ މިވަގުތު އޮތް އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުން،" ހުސެންފުޅު ވިދާޅުވި އެވެ.

ކޯސްޓްލައިން ހާޑްވެއާ އަކީ، އެއާޕޯޓްތަކާއި ރިސޯޓްތައް ހެދުން އަދި ކޮންސްޓްރަކްޝަން އެކި ސާމާނު ވެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަދި މިފަހުން އެ ކުންފުނިން ވަނީ ރިސޯޓެއް ވެސް ހިންގަން ފަށައިފަ އެވެ.

ހުސެންފުޅު ވިދާޅުވީ އާއިލާތަކަށް ދޭނީ ކޮން އެހީއެއްކަން މިވަގުތުން ވަގުތަށް ނިންމަން އަދި އުނދަގުލެވެ.

މަޖީދީ މަގު މާފަންނުގައި ހުންނަ، ކޯސްޓްލައިން ހާޑްވެއާ ފިހާރައިގައި ހިނގި އަލިފާނުގައި އެ ފިހާރަ އެކީ ވަނީ އަނދައިހުލިވެފަ އެވެ. އަދި ކައިރި ހުރި ބައެއް އިމާރާތްތަކަށް އަލިފާނާއި ދުމުގެ އަސަރުކޮށް ސަރަހައްދުން ވަނީ މީހުން ހުސްކޮށްފަ އެވެ.