ބޮލީވުޑް

"އިންކްރެޑިބަލް އިންޑިއާ" ގެ އެމްބެސެޑަރުކަން އަމީތާބަށް ނުދީ މަޑުކޮށްލައިފި

Apr 19, 2016

މިމަހުގެ ކުރީކޮޅު ލީކްކޮށްލާފައިވާ "ޕެނަމާ ޕޭޕާސް"ގައި ގައުމުން ބޭރުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން، ފައިސާ ފޮރުވައި ޓެކުހަށް މަކަރުހަދަމުން ދިޔަ ލިސްޓުގައި ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރު، މެގަސްޓާ އަމީތާބް ބައްޗަންގެ ނަން ހިމެނުމާއެކު އޭނާ ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

މިލިސްޓުގައި އަމީތާބްގެ ނަން ހިމެނުމާއެކު އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހިންގާ ކެމްޕެއިން، "އިންކްރެޑިބްލް އިންޑިއާ"ގެ ބްރޭންޑް އެމްބެސްޑަރަކަށް އޭނާ ހަމަޖެއްސުމުގެ ކަންތައް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

ނޫސްތަކުގައިވާ ގޮތުން "އިންކްރެޑިބަލް އިންޑިއާ" ގެ އާ މޫނުގެ ގޮތުގައި އަމީތާބް ރަސްމީކޮށް ހޮވުމަށް އޮތީ މިމަހުގެ ތެރޭގައި ނަމަވެސް، ޓެކުހަށް މަކަރު ހަދާފައިވާ ލިސްޓުގައި އޭނާގެ ނަން ހިމެނި، ނަން ކިލަނބު ވެފައިވާތީ މިމައްސަލައިގައި އަމީތާބްގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ޔަގީން ނުވާހާ ހިނދަކު އޭނާއަށް މިމަގާމު ހަވާލުނުކުރާނެ ކަމަށް އިންޑިއާގެ ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފަ އެވެ.

ގާތްގަނޑަކަށް އަށް މަސްދުވަހުގެ އިންވެސްޓިގޭޝަން އަށްފަހު އެގާރަ މިލިއަނަށްވުރެން ގިނަ މިކަމާ ގުޅޭ ޑޮކިއުމަންޓްތައް ލީކުކޮށްލާފައިވާއިރު، އަމީތާބް އާއެކު އޭނާގެ ދަނބިދަރިފުޅު އަދި ބަތަލާ އައިޝްވާރިޔާ ރާއީ ވެސް ބައިވެރިވެފައިވާ ކަން މިވަނީ ބޭޒާރުކޮށްލާފަ އެވެ.

އާންމުކޮށްފައިވާ މިލިސްޓުގައިވާ ގޮތުން އެހެނިހެން ގައުމުތަކުގައި ހިންގަމުން އަންނަ ޝިޕިން ކުންފުނީގެ ޑައިރެކްޓަރުގެ މަގާމުގައި އަމީތާބް ހުރިއިރު، މިހަތަރު ކުންފުނީގެ ތެރެއިން ތިން ކުންފުންޏެއް ހިންގަމުން އަންނަނީ ބަހާމާސްގަ އެވެ. އަދި އެއްކުންފުނި ބްރިޓިޝް ވާޖިން އައިލެންޑްސްގަ އެވެ. މިކުންފުނިތައް އުފައްދާފައިވާ ކަމަށް ބެލެވެނީ 1993ވަނަ އަހަރުން ފެށިގެންނެވެ.

މިހަތަރު ކުންފުނީގެ ހުއްދަދެވިފައިވާ ރައުސްމާލަކީ 5،000 ޑޮލަރާއި 50،000 ޑޮލަރާ ދެމެދުގެ ރޭންޖެކެވެ. ނަމަވެސް އަމީތާބްގެ ކުންފުނިން ވަނީ މިރޭންޖަށް ވުރެން އެތައް ގުނައެއް ބޮޑުކޮށް، ގަވާއިދާ ހިލާފަށް މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ.

"ޕެނަމާ ޕޭޕާ" ލީކްސްއާ ގުޅިގެން އަމީތާބް ވަނީ އޭނާގެ ނަން މިލިސްޓުގައި ހިމަނާފައިވަނީ އޮޅުވާލުމުގެ ގޮތުން ކަމަށާއި އޭގައި ހިމަނާފައިވާ ވިޔަފާރިތަކާއި ބެހޭގޮތުން އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ޕްރޮމޯޓްކުރުމަށް ހިންގާ މި ހާއްސަ ކެމްޕެއިންގެ އާމޫނަކަށް އަމީތާބް އާއި ޕްރިޔަންކާ ޗޯޕްޅާ ހަމަޖައްސަން ނިންމާފައިވަނީ ފާއިތުވި ތިން އަހަރު މިކެމްޕައިންގެ އެމްބެސެޑަރަކަށް ހުރި އެކްޓަރު އާމިރް ޚާން މިކެމްޕެއިނުން ވަކިވުމުންނެވެ.