ރާއްޖޭގެ މިފަހަކަށް އައިސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގެ ގޮތުގައި މިއަދު މަޖީދީ މަގު ކޯސްޓްލައިން ހާޑްވެއާފިހާރައިގައި ރޯވި ބިޔަ އަލިފާންގަނޑު ނިއްވާނުލެވި އެހެން ދިމަމާއަށް ފެތުރި އިމަރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުމަށްފަހު ތިން ގަޑި އިރު ފަހުން އަލިފާން ކޮންޓްރޯކޮށް ނިއްވާލައިފި އެވެ. މި ހާދިސާގައި އަލިފާން ނިއްވަން އުޅުނު ފުލުހެއްގެ ކޮނޑި ހުޅު ނައްޓައިގެން ދިއުން ފިޔަވައި މީހަކަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ. ނަމަވެސް އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރު ކުރި ބައެއް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދޭންޖެހުނެވެ.
މި ހާދިސާގައި ކޯސްޓްލައިން ހާޑްވެއާ ބޮޑު ފިހާރައިގެ އިތުރުން ބައެއް އެހެން ފިހާރަތަކާއި ބައެއް ގޭގެ ވެސް ވަނީ އަނދައި ގެއްލުން ވެފައެވެ. އޭގެ ތެރޭގައި ދަަނޑަނޑު ބޭނުންކޮށްގެން ދެބުރިއަށް ހަދާފައި ހުރީ ކޯސްޓްލައިން ހާޑްވެއާގެ ފިހާރަ އާއި ޕިއްޒާ ބޯނާ އާއި ކޯސްޓްލައިން ހާޑްވެއާ ކައިރީގައި ހުރި ބިދޭސީން އުޅޭ އިމާރާތަކާއި ކްލޯކް ފިހާރަ އާއ އާންމުން ދިރިއުޅޭ ބައެއް ގެ ހިމެނެ އެވެ. އަލިފާންފެތުރި ގެއްލުންވި ހުރިހާ ތަނެއްގެ ތަފުސީލް އަދި ސާފެއް ނުވެއެވެ.
ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއް ސާމާނާއި ކެމިކަލް ވެސް ހިމެނޭ ގޮތަށް ހުރި ފިހާރާގައި އަލިފާން ރޯވީ މިއަދު ހަވީރު 4:20 ގައެވެ. ބަޔާއެކު ފެތުރެމުން ދިޔަ އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 8:00 ވެސް ޖެހި ފަހުންނެވެ.
ލައިވް ބްލޮގް
އަލިފާނުގެ މި ބޮޑު ހާދިސާގައި ކޯސްޓްލައިން ހާޑްވެއާގެ ފިހާރާއާއި އެހެން ބައެއް ފިހާރަތަކާއެކު ބައެއް ގޭގެއަށް ބޮޑެތި ގެއްލުންވި އިރު މި ހާދިސާއަށް ފަހު ބައެއް އާއިލާތަށް ވަނީ ހާލުގައިޖެހިފަ އެވެ. އެ ގޮތުން މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ގައިމް ކުރި އިވެކްއޭޝަން ސެންޓަރުގައި 46 މީހަކަށް ދަނީ އެހީވަމުންނެވެ. އަދި އިވެކްއޭޝަން ހޮޓްލައިން 115 ނަމްބަރު ގާއިމްކޮށް އެހީ ބޭނުންވާ އެހެން ފަރާތްތަކަށް ވެސް އަލިފާން ރޯވި ހިސާބުން ފެށިގެން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުންނަށް ގެއްލުންތަކެއް ވެދާނެ ކަމަށް ބަލައި މިއަދު ހަވީރުން ފެށިގެން ސަރުކާރުގެ މައި ހޮސްޕިޓަލް އެލާޓަށް ގެނާއިރު އެ ހޮސްޕޮޓަލްގެ އެމްބިއުލާންސްތަކާއި މޯލްޑިވްސް ރެޑްކްރެސެންޓްގެ ދަރުމަވެރިން އެ ސަރަހައްދު ތައްޔާރީ ހާލަތުގައި ތިއްބެވެ. މީގެ އިތުރުން މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްޗްގައި ހާއްސަ ނިޒާމެއް ގާއިމްކޮށްވާއިރު ދުމުގެ އަސަރު ކުރި ގިނަ ބަޔަކަށް ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.
އަދި ދުމާއި ކެމިކަލްގެ ސަބަބުން މީހުނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ފުލުހުންނާއި ސިފައިންނާއެކު މޯލްޑިވްސް މެޑިކަލް އެސޯސޮއޭޝަން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ކެމިކަލްގެ ސަބަބުން ބާރުގަދަ ގޮވުންތަކާއި ބޯ ދުންގަނޑު މާލޭގެ ބޮޑު ބަޔަކަށް ފެތުރުނު އަލިފާނޑާއެކު ގިނަ އިރުތަކެއް ނުވަނީ ސް ވަނީ އެ ސަރަހައްދުގެ އެހެން ފިހާރަތައް ބަންދުކޮށް ގޭގެއިން މީހުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މީހުން ގެންދިޔައިރު ބައެއް ގޭގޭގައި ތާށިވެފައި ތިބި މީހުންނާއި ބޯދު ދުމުގެ ސަބަބުން އަސަރުކޮށްފައިވާ މީހުުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ސަލާމާތްކޮށް ދުރު ހިސާބުތަކަށް ގެންދިޔައީ އާންމުންނާއި ފުލުހުންނާއި ސިފައިން ގުޅިގެނެވެ. އަދި ދުމުގެ ސަބަބުން އަސަރުކުރި ބައެއް މީހުން އެވަގުތު ހޮސްޕިޓަލަށް ވެސް ގެންދަން ޖެހުނެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގެތަކުން ނެރުނު މީހުން ފުލުހުންގެ ވެހިކަލްތަކުގަ އާއި އާންމު ވެހިކަލްތަކުގައި ގެންދިޔައިރު ބައެއް ކުޑަކުދިން މީހުންގެ ކޮނޑުމަތީގައި ވެސް އުފުލި އެވެ.
މުޅި ސަރަހައްދު ހިމެނޭ ގޮތަށް ބޮޑު ބައެއް ކޯޑަންކޮށް ސިފައިންގެ ފަޔާ ފައިޓަރުންނާއި އާންމުންނާއި ފުލުހުން ގުޅިގެން ތިން ލޯރިއެއްގައި އަލިފާން ނިވަން މަސައްކަތް ކުރި އިރު މޫދަށް ހޮޅި ގުޅައިގެން ވެސް އަލިފާން ނިއްވަން މަސައްކަތް ކުރި އެވެ. އެ މަސައްކަތް ކުރަމުން ދިޔައިރު މާލޭގެ އެންމެ ކާރޫބާރު ބޮޑު އެ ސަރަހައްދުގެ ފުނިޖެހިފައިވާ ވެހިކަލްތަކާއި ސައިކަލްތަކާއި އެހެން ބައެއްތަކެތި ވެސް ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުން ދުރަށް ގެންގޮސްފައެވެ. މި މަސައްކަތްތައް ހިނގަމުން ދިޔައިރު މީހުން ރޮއި ކުޑަކުދިންނާއެކު އާއިލާތައް ދުވަމުން ގެންދިޔަ އެވެ. އަދި ދުމުގެ އަސަރުން ސަލާމަތްވުމަށް މީހުން މާސްކް އަޅައިގެން ދުވަމުން ވެސް ދިޔައެވެ.
މިއަދު ރޯވި ބިޔަ އަލިފާންޑު ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލެ އަށް ވައިގަދަވެ ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރި ނަމަވެސް ވެހުނު ވާރެއިން އަލިފާންގަނޑަށް އެއްވެސް ވަރަކަށް ކޮންޓްރޯލްވުމުގެ ބަދަުގައި އެހެން ބްލޮކްތަކަށް ފެތުރި އެހެން އިމާރާތްތަކުގައި ރޯވި އެވެ.
އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވޭ ގޮތްވެ ނިއްވާލެވުމުގެ ނިޝާން ފެނުނީ ފެން ޖެހުމަށް ބޭނުން ކުރި ލޯރިތައް ދުރުކޮށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުން ކުރާ ފޯމް ލޯރީ ގެނެސް ޕްރްޝަރުގައި ފޯމް ޖަހަން ފެށުމާއެކު އެވެ. އަލިފާގަނޑު މުޅިން ކޮންޓްރޯލް ކުރީ ފޯމް ޖަހައިގެނެވެ.
އަލިފާން ރޯވެ އަނދަމުން ދިޔައިރު ބައެއް ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކުގައި ވެސް ރޯވި އެވެ. އޭގެ ސަބަބުން އެ ސަރަހައްގެ ބައެއް ދިމަ ދިމާއިން ކަރަންޓް ވެސް ކެނޑިގެންދިޔަ އެވެ. ކަރަންޓް ކަނޑައިގެން ދިއުމުން ކަރަންޓް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް ވެސް ސްޓެލްކޯ އިން ވެސް އިލްތިމާސްކުރި އެވެ.
އަލިފާން ރޯވެ އަނދަމުން ދިޔަ ދަނޑިވަޅު އެ ސަރަހައްދަށް ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވަޑައިގެންނެވި އެވެ. ރައީސް ވަނީ އެ ސަރަހައްދަށް ވަޑައިގެން ރޯވި ތަންތަނުގެ ވެރިންނާއި ގެއްލުން ލިބުނު ގޭގޭގެ ވެރިންނާއި ގެއްލުން ލިބުނު އާއިލާތަކާ ބައްދަލު ކުރައްވާ ހާލު ބައްލަވާފަ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަލިފާނުފެ ހާދިސާ ހިނގުމާއެކު 10 މިނެޓްގެ ތެރޭގައި އެޓެންޑް ކުރެވުނު ކަމަށާއި ނަމަވެސް މާލޭގެ ހާލަތު މިހާރު އޮތް ގޮތުންނާއި އެ ސަރަހައްދުގެ ގޮތުން ފަސޭހަ ކަމާއެކު އަލިފާން ނިއްވަން ދަތިވި ކަމަށެވެ.
އަދި ވިދާޅުވީ މި ހާދިސާގައި ގެއްލުންވެ ހާލުގައި ޖެހުނު އެންމެންގެ އެކޮމެޑޭޝަނާއި ކެއުން ބުއިމާއި ޒަރޫރީ އެހެން ހުރހާ ކަމެއް މާލާގައި ހުރި ގެސްޓް ހައުސްތަކުން ހަމަޖައްސައިދީފައިވާނެ ކަމަށާއި އެފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެހީތެރި ކަމެއް ސަރުކާރުން ފޯރުކޮށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިގު ދެމިގެން ދިޔަ އަދި ބޮޑެތި ގެއްލުންވި އަލިފާން ކޯންޓްރޯލް ކުރެވުނީ އެއާޕޯޓްގެ އެހީތެރިކަން ވެސް ހޯދައި ސިފައިންނާއި ފުލުހުންނާއި އާންމުންގެ "ކޮންމެބައިން އެފޮޓެއް" ލައިގެން ކަމަށައި އަލިފާން ރޯވި ސަބަބަބއް ސާފުވާނީ އަދި ގެއްލުންތަކާއި ހާލަތުގެ އެސެސްމެންޓެއް ހެދޭނީ ވެސް އެކަމުގެ ތަހުގީގު ފެށިގެން ކަމަށެވެ.
"ދިހަ މިނެޓް ތެރޭ އެޓެންޑް ކުރެވުނު، އެއީ ވަރަށް ބޮޑަށް ކެމިކަލް ހުރި ތަނެއް މިއަދުގެ މާލޭގެ ހާލަތު އޮތް ގޮތުން ވަރަށް ދަތި ކަމަކަށްވީ އަލިފާން ކޮންޓްރޯލް ކުރުމަށް. އެއީ މިއަދު މާލޭގެ ހާލަތު ހުރި ގޮތުން އަދި އެ ސަރަހައްދުގެވެސް ގޮތުން ... މާލޭގައި މިހާރު ހަދާ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ނިމުމުން މިފަދަ ހާދިސާތަކުން އަޅުގަނޑުމެނަށް ސަލާމަތްވެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކުން އެކޮމެޑޭޝަން ހަމަޖައްސައިދީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭއިރު މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން ވެސް ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ.
އަނދައި ހުލިވި ހާޑްވެއާ ފިހާރައިގެ އެއް ޑިރެކްޓަރު ހުސައިން މުހައްމަދު ފުޅު ވިދާޅުވީ ފިހާރަ ހުންނާނީ އިންޝްއަރެންސް ކޮށްފައި ކަމަށާއި ފިހާރަ އަނދައިގެން ދިޔުމުން ލިބުނު ގެއްލުން ވަރަށް ބޮޑު ނަމަވެސް ހިސާބުތައް ރަނގަޅަށް ބަލާފައި ނޫނީ، މާލީ އަދި މާއްދީ ގެއްލުމުގެ އަދަދު ދަންނަވަން ދަތި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކޯސްޓްލައިން އަކީ ވަރަށް ގިނަ ބާވަތުގެ ވިޔަފާރި ކުރާ ބަޔަކަށް ވެފައި އެތަނުގައި އެތައް ވައްތަރެއްގެ މުދާ ހުންނާނެތީ ކަމަށެވެ.
"ވިޔަފާރީގެ ކަންކަން މި ހުރި ގޮތުން އިންޝްއަރެންސް ކޮށްފައި އެތަން އެ ހުރީ. އެތަނަށް ލިބުނު ގެއްލުމުގެ އަދަދު އަންދާޒާ ކުރަން ވެސް ދަތި،" ހުސެންފުޅު ވިދާޅުވި އެވެ.
ހުސެންފުޅު ވިދާޅުވީ މިވަގުތަށް ފިހާރައަށްވުރެ ބޮޑަށް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެ ހާދިސާގެ ސަބަބުން އެހިސާބުގެ އާއިލާތަކަށް އަސަރު ކުރުމުން ކަމަށާއި އެ މީހުންގެ ހާލު އޭނާ ބައްލަވަމުން ގެންދަވާ ކަމަށެވ.
"އަޅުގަނޑު މިވަގުތު ވެސް މި ހުރީ، ޑިޒާސްޓާގައި ތިބި އާއިލާތަކުގެ ހާލު ބެލުގައި. އެބޭފުޅުންނަށް ބޭނުންވާނެ އެހީ އަކީ ކޮބައިތޯ އާއި ޑިޒާސްޓާ އިން ކަންކަން ކުރާ ގޮތާ އެކަންކަން ބެލުމުގައި އަޅުގަނޑު މި ހުރީ. އެންމެ ބޮޑަށް ކަންބޮޑު ވަނީ މި އާއިލާތަކާ މެދު. އެއީ މިވަގުތު އޮތް އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުން،" ހުސެންފުޅު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އާއިލާތަކަށް ދޭނީ ކޮން އެހީއެއްކަން މިވަގުތު އަދި ނިންމަން ދަތި ކަމަށެވެ.
ކޯސްޓްލައިން ހާޑްވެއާ އަކީ، އެއާޕޯޓްތަކާއި ރިސޯޓްތައް ހެދުން އަދި ކޮންސްޓްރަކްޝަން އެކި ސާމާނު ވެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަދި މިފަހުން އެ ކުންފުނިން ވަނީ ރިސޯޓެއް ވެސް ހިންގަން ފަށައިފަ އެވެ.
ރޯވި އަލިފާންގަނޑާއެކު ކެމިކަލް އެކުވެފައިވާ ދުމުގެ ވަސް މާލޭގެ ބޮޑު ބަޔަކަށް ފަތުރާލާފައިވާއިރު ރޯވި ތަންތަނުގެ ތެރޭގައި ހިމެނޭ ހަޑްވެއާގައި ގިނަ އަދަދެއްގެ ކެމިކަލް ހުއްޓެވެ. އެހެންވެސް ސިއްހީ ބައެއް ފަރާތަކުން ވަނީ އެކަމަށް ސަމާލުވާން އެދިފައެވެ.
ބިޔަ އަދި ހަލުއިކޮށް ފެތުރިގަތް އަލިފާނޑު ނިއްވާލެވުނު ނަމަވެސް އެ ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އަދި ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ސިފައިން ގެންދަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.