ރާއްޖެ ކުޅިވަރު

ނިއު އާއި މާޒިޔާގެ މެޗުން ދިވެހި ލީގު މިއަދު ފަށަނީ

އުރީދޫ ދިވެހި ޕްރެމިއާ ލީގު މިއަދު ހަވީރު ޗެމްޕިއަން ނިއުރޭޑިއަންޓާއި މާޒިޔާގެ މެޗުން ފަށާނެ އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ދެ ޓީމުގެ މެޗުން ލީގު ފަށާއިރު މި ދެ ޓީމު ވަނީ މީގެ ދެ ހަފުތާ ކުރިން ސީޒަން ހުޅުވަން ޗެރިޓީ ޝީލްޑް މެޗު ކުޅެފަ އެވެ. އެ މެޗު 1-0އިން ކާމިޔާބުކުރީ މާޒިޔާ އެވެ.

ކުރީ ހަތަރު އަހަރަށްވުރެ ހުރިހާ ގޮތަކުން ވެސް ބަލިކަށިވެފައިވީ ނަމަވެސް ނިއުގެ ކޯޗު ބަލްގެރިޔާގް ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ހުރީ އުއްމީދުގަ އެވެ.

"ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެއްވަނަ ކުލަބު. މި ޓީމަކީ ބޮޑު ތާރީހެއް ވެސް އޮތް ކުލަބެއް. ނިއު އަބަދުވެސް ބަލާނީ ނިއުގެ ނަމާއި ޝަރަފު ދަމަހައްޓަން،" ކޯޗު ބުންޏެވެ.

"ތެދެއް. އަހަރެންގެ ޓީމު އެހާ ގަދައެއްނޫން. އެކަމަކު އަހަރުމެން އެހާ ބައްޔެއްވެސް ނޫން. އަހަރުމެން ރަނގަޅު ފައިޓެއްދޭނަން. ކުޅުންތެރިންނާއި މެނޭޖްމަންޓް އޮތީ އެވިސްނުމުގައި،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މާޒިޔާ އަކީ "ދިވެހި ގައުމީ ޓީމު" ކަމަށާއި "އެމީހުން ބަލިކުރެވޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކުޅެގެން،" ކަމަށެވެ.

މި މެޗަށް ނުކުންނައިރު މާޒިޔާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެންމެ ފަހުން ނިއުއާ ބައްދަލުކުރި މެޗު ކާމިޔާބު ކުރެވިފައި އޮތުމެވެ.
އަށް ޓީމު ވާދަކުރާ ލީގުގައި މާދަމާ ރޭ ކުޅޭނީ ވެލެންސިއާ އާއި ބީޖީ އެވެ. އޭގެ އަނެއް ދުވަހު ހަވީރު ކުޅޭނީ ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ބުދަ ދުވަހުގެ ރޭ ކުޅޭނީ ޓީސީ އާއި އީގަލްސް އެވެ. އެ އަށްފަހު ލީގު އަލުން ފަށާނީ މި މަހުގެ 26 އަދި 27ގައި ކުޅޭ އޭއެފްސީ ކަޕުގެ މެޗުތަކަށްފަހު އެވެ.