ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސް މުވައްޒަފުން ގެދޮރުވެރިކުރަން ލޯން ސްކީމެއް ފަށަނީ

ސިވިލް ސާވިސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން ގެދޮރުވެރިކުރުމުގެ ހާއްސަ ސްކީމެއް ތައާރަފްކުރަން މަސައްކަތް ކުރަމުން މަސައްކަތް ކުރަމުން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސީއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، މާލެއާއި އަތޮޅުތަކާއި އެހެންވެސް ސަރަހައްދުތަކުގައި ކުދި ތަންތަންކޮޅުގައި ދަތި ހާލުގައި ދިރިއުޅެމުންދާ ސިވިލް ސާވިސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ގެދޮރުވެރިކުރުމާބެހޭ ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރަން އެ ކޮމިޝަނުން މަސައްކަތް ފަށާފައިވާ ކަމަށެވެ. ސީއެސްސީގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ތައާރަފްކުރަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މިހާރު މަޝްވަރާކުރައްވާފައިވާ ކަމަށާއި އެ ކަމުގައި މިނިސްޓަރުގެ ވިސްނުން ވަރަށް އެއްގޮތް ކަމަށެވެ.

ޝަމީމް ވިދާޅުވީ ގެދޮރުވެރި ކުރުމުގެ ސްކީމެއް ތައާރަފްވެގެންދިއުމަކީ ސިވިލް ސާވިސްގ މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.

"ހާއްސަކޮށް މާލޭގައި ކުޑަ ޖާގަތަކުގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް މިފަދަ ސްކީމެއް ތައާރަފްކުރުން ވަރަށް ބޮޑު އުފަލަކަށް ވާނެ،" ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އެ ކޮމިޝަންގެ ދަށުން މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން މުވައްޒަފުންގެ މަސައްކަތުގެ ހުނަރު އިތުރުކުރުމަށް އަންނަ މަހުގެ ތެރޭގައި ސްޓަޑީލޯނެއް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން މަޝްވަރާކުރަމުން ދާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެލޯނުތައް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަމެއް އެބައޮތް ކަމަށާއި، އެ ސްކީމުގެ ދަށުން ލޯނު ބޭނުންވާ ސިވިލްސާވިސްގެ ހުރިހާ މުވައްޒަފުންނަށް ލޯނު ދޫކުރާނެ ކަމުގެ ޔަގީންކަން ޝަމީމް ދެއްވި އެވެ.

"ލޯނު ސްކީމް ތައާރަފްކުރަން އަޅުގަނޑުމެން މިހާރުވެސް މިދަނީ ބެންކް އޮފް މޯލްޑިވްސް އާ މަޝްވަރާކުރަމުން. އެ ލޯނުގެ ކަންކަން އަންނަ މަހުގެ ތެރޭގައި ނިންމާލެވޭތޯ މަޝްވަރާތައް ކުރަމުން މިދަނީ. އެ ސްކީމް ވެގެންދާނީ ތަމްރީނާއި ހުނަރު ބޭނުންވެގެން ކިޔަވަން ބޭނުންވާ ކޮންމެ ސިވިލް ސާވިސް މުވައްޒަފަކަށް ދޫކުރާނެ ލޯނަކަށް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް،" ޝަމީމް ވިދާޅުވި އެވެ.