ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސް އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ހަދަނީ

ސިވިލް ސާވިސްގެ އިދާރާތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މުވައްޒަފުންގެ ފެންވަރު މަތިކުރަން ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގެންނެވުމަށް އިދާރާތަކުގައި ހިއުމަން ރިސޯސް އޮޑިޓެއް ހިންގަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސިވިލްސާވިސް ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ސިވިލް ސާވިސް އިދާރާތަކުގެ ހިންގުމުގެ ހަރަދާއި މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް، އެ ކޮމިޝަންގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގައި މިއަހަރު ހިއުމަން ރިސޯސް އޮޑިޓެއް ހިންގަން މަސައްކަތް ފަށާފައިވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތިން ރާއްޖޭގެ ހުރިހާ ސިވިލްސާވިސް އިދާރާއެއްގައި ހިންގުމަށް ނިންމާފައިވާ އެ އޮޑިޓުން ހުސްކޮށް ތިބޭ މުވައްޒަފުންނާއި ހުނަރުވެރި މުވައްޒަފުން މަދު ދާއިރާތަކާއި އެކަށީގެންވާ ވަރަށް ވުރެ މުވައްޒަފުން އިތުރު ދާއިރާތައް ފާހަގަކުރެވޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ އިދާރާތަކުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެފަދަ އޮޑިޓެއްގެ މުހިއްމުކަން ބޮޑު ކަމަށެވެ. އެ އޮޑިޓް ހިންގަން ކުރަންޖެހޭ އެކި މަސައްކަތްތައް މިހާރު ސިވިލްސާވިސް ކޮމިޝަނުން ފަށާފައިވާއިރު، އެ ކޮމިޝަނާއި ގުޅިގެން އޮޑިޓް ހިންގާ ފާމްއާ އެކު ވެސް މަޝްވަރާކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ކޮންމެ އިދާރާއެއްގައި އެތަނަކަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ބޭތިއްބުމަށްޓަކައި ހިއުމަން ރިސޯސަސް އޮޑޓްތަކެއް ހިންގަން ފަށާނަން. އެ އޮޑިޓުގެ ސަބަބުން ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކާއި ހުސްކޮށް ތިބޭ މުވައްޒަފުންނަކީ ކޮބައިކަން ދެނެގަނެ، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެ،" ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަސައްކަތުގެ ގަވާއިދު ހިފަހައްޓާ މިންވަރު ވަޒަންކުރުމަށް ކޮންމެ އިދާރާއެއްގައި ސުޕަވައިޒަރުންތަކެއް ބޭތުއްބުމަށް ވެސް ވަނީ ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ސުޕަވައޮޒަރުންގެ ރިޕޯޓްތަކަށް ބަލައި ސިވިލްސާވިސްގެ ގަވާއިދުގައި ބަޔާންކުރާ މިންވަރަށް މަސައްކަތް ނުކުރެވޭފަރާތްތަކަށް ތަމްރީންދޭނެ ކަމަށާއި ތަމްރީން ދީގެންވެސް އެންމެ އެކަށީގެންވާ ފެންވަރަށް މަސައްކަތް ނުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.