އަލިފާން

އަލިފާނަށްފަހު ވަގުތީ ހިޔާގައި މިވަގުތު ތިބީ 72 މީހުން

  • އަދަދު ދަނީ އިތުރުވަމުން
  • ކުޑަކުދިންނާއި މާބަޑު މީހުން ހިމެނޭ
  • އެސެސްމެންޓް ހަދަން ވަގުތު ނަގާނެ

ކޯސްޓްލައިން ހާޑްވެއާގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުން މީހުންގެ ތެރެއިން، ވަގުތީ ހިޔާގައި މިވަގުތު 72 މީހުން ހުރި ކަމަށާއި ނަމަވެސް އެ އަދަދު ދަނީ އިތުރު ވަމުން ކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އިން ބުނެފި އެވެ.

"އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ޑިސާސްޓާ މެނޭޖްމަންޓް ހިނގެވުމާއި ހަވާލުވެ ހުންނެވި އަދި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހާލުގަ ޖެހުނު މީހުން މިވަގުތު ތިބީ މާލޭގެ އެކި ގެސްޓް ހައުސްތަކުގައި ކަމަށެވެ. އަދި ޑިސާސްޓާ އިން މިހާރު ދަނީ އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަންނައުނުގެ އިތުރުން ސްކޫލަށް ދާ ފަރާތްތަކަށް އެ ކަންވެސް މަގުފަހި ކޮށްދީ ސިއްހީ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ކަމަށެވެ.

ތަސްނީމް ވިދާޅުވީ މިހާތަނަށް 72 މީހަކު ވަގުތީ ހިޔާތަކުގައި ތިބި އިރު އެ އަދަދު ދަނީ އިތުރު ވަމުން އަންނަކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު މީހުންވެސް ހިމެނޭ ކަމަށެވެ.

"މިހާރު މި ބަލަނީ އެމީހުންގެ އަމިއްލަ ގެތަކަށް އެމީހުން ގެންދެވޭނެ ގޮތަކީ ކޮބައިތޯ. އެއަށް އެބަ ބޭނުންވޭ ލިބިފައި ހުރި ގެއްލުމުގެ އެސެސްމަންޓެއް ހަދަން. މިހާރު އެ މަސައްކަތް މި ކުރަނީ. ނަމަވެސް އެ ގެއްލުން ލިބުނީ ވަރަށް ބޮޑު ސަރަހައްދަކަށް އެހެންވީމައި އެއަށް ވަގުތު ކޮޅެއް ނަގާނެ. ދެން އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައް ނިންމޭނީ އެސެސްމަންޓް ނިމުނީމަ،" ތަސްނީމް ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ވަގުތީ ހިޔާގައި ތިބި މީހުން އަނބުރާ ގެތަށް މަރާމާތު ކުރާނެ ގޮތް ނިންމާނީ އެސެސްމަންޓް ނިމުމަށް ފަހު ޕޮލިސީ ލެވަލްގައި މަޝްވަރާކޮށްގެން ކަމަށެވެ.

މީގެ ކުރިން މިފަދަ ހާލަތެއްގައި ސަރުކާރުން ވަކި ވަރެއް ކަނޑައަޅުއްވާފައި އެ ގެތަކުގެ މީހުންނާއި ފައިސާދެ އެވެ.