ބޭނުންވި ވަރަށް ބަޖެޓް ނުލިބުމުގެ ސަބަބުން މިދިޔަ އަހަރު ކުރަން ކުރަން ޕްލޭންކުރި ވަރަށް ގިނަ ކަންކަން ނުކޮށް މަޑުޖައްސާލަންޖެހުނު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވީ މިދިއަ ތިން އަހަރަކީ އެ ކޮމިޝަނަށް ގިނަ ދަތިތަކެއް ކުރިމަތިވި އަހަރުތަކެއް ކަމަށާއި 2013 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާއި ހަމައަށް އަހަރެއް އަހަރަކަށް ކޮމިޝަނަށް ކަނޑައަޅާ ބަޖެޓް ކުޑަކުރަމުން ދިޔުމުގެ ސަބަބުން ކޮމިޝަނުން ހިންގަން ބޭނުންވި އެތައް ކަމެއް ނުކުރެވި މަޑުޖައްސާލަންޖެހިފައިވާ ކަމަށެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ބާވެފައިވުމަކީ ސިވިލް ސާވިސް މުވައްޒަފުން ތަމްރީން ކުރުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުން ފާހަގަކޮށް ޝަމީމް ވިދާޅުވީ، ކޮމިޝަނަށް ބޭނުންވާ މިންވަރަށް ބަޖެޓް ނުލިބޭތީ ކޮމިޝަންގެ ކެޕޭސިޓީ ބިލްޑް ކުރުމަށްވެސް މިދިޔަ އަހަރު ބުރޫއެރި ކަމަށެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވާއިރު، ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފުރުސަތުތައް ވެސް މިދިޔަ އަހަރު އެ ދާއިރާއަށް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ބަޖެޓް ނެތުމުގެ ސަބަބުން ސިވިލް ސާވަންޓުންގެ މަސައްކަތް އަގު ވަޒަންކޮށް، އެމީހުން މަސައްކަތަށް ޝައުގުވެރި ކުރުވުމަށް ކުރަންޖެހޭ މުހިއްމު ކަންކަން ކުރުމަށް ކޮމިޝަން ވަނީ ނުކުޅެދިފައި،" ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން ސިވިލްސާވިސްގެ ޒިންމާދާރު މަގާމްތަކާއި ޒިންމާދާރު ވެރިންނާއި އެހެނި ހެންވެސް މަތީ މަގާމުތަކަށް ބޭނުންވާ ގާބިލު މީހުން ނުލިބުމުގެ ސަބަބުން އެފަދަ މަގާމްތަކުގައި އަދިވެސް ތިބީ ވަގުތީ ބޭފުޅުންކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.
"މިހާރުވެސް ރަށު އަދި އަތޮޅު ކައުންސިލްތަކަށް ބޭނުންވާ 69 ޒިންމާދާރު ވެރިން ނުލިބިވޭ،" ޝަމީމް ވިދާޅުވި އެވެ.